ވިޔަފާރި

ކުދި ވިޔަފާރިއަށް އަންނަ މަހު 38 މިލިއަން ރުފިޔާގެ ލޯނު ދެނީ

  • ލޯނުގެ އިންޓަރެސްޓަކީ 7 ޕަސެންޓް
  • ލޯނު ދޫކުރަނީ ނުވަ އަހަރު ދުވަހަށް
  • އަންނަ މަހު 17 ގައި ފޯމު ދޫކުރާނެ

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބައިވެރިކުރެވޭ ގޮތަށް، ކުދި ވިޔަފާރިތަކަށް ހާއްސަކޮށް 38 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން އަންނަ މަހު ހުޅުވާލާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީިން އައިޖީއެމްއެޗް ކޮންފަރެންސް ހޯލުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓްރީގެ ނައިބް އާދަމް ތައުފީގު ވިދާޅުވީ ކުދި ވިޔަފާރިތަކަށް ހާއްސަކޮށް އަންނަ މަހު 38 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ހުޅުވާލަނީ މި ދާއިރާ ތަރައްގީ ކުރުމަށް ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ މި ދާއިރާ ތަރައްގީކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކެއް އުފެއްދުން. އެ މަގުސަދުގައި މި އަހަރު ވެސް ލޯނު ދޫކުރަން މި ހުޅުވާލަނީ،" އާދަމް ވިދާޅުވި އެވެ.

މި ނިއުސް ކޮންފަރެންސުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުމްތާޒު ވިދާޅުވީ ލޯނަށް ފޯމު ދޫކުރަން މިމަހުގެ 27 ވަނަ ދުވަހު ފަށާނެ ކަމަށާ ލޯނަށް އެޕްލައި ކުރުމުގެ ފުރުސަތު އަންނަ މަހުގެ 17 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

"މި ފަހަރުގެ ލޯނުވެސް ދޫކުރާނީ އިންކިއުބޭޝަން ޕްރޮސެސްއެއްގެ ދަށުން. މި ލޯނުގެ ކަންތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްވެފައިވާ ބިޒްނަސް ސެންޓަރުތަކުން ކޮށްދޭނެ. ލޯނަށް ބޭނުންވާ ބިޒްނަސް ޕްލޭން ހެދުން ފަދަ ކަންކަމުގައިވެސް އެހީތެރިވެދޭނެ،" ވެލިއު ޗެއިން އެންޑް ކެޕޭސިޓީ ބިލްޑިން ސްޕެޝަލިސްޓެއް ކަމަށްވާ މުމްތާޒް މުންތާޒު ވިދާޅުވި އެވެ.

ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒަސް (އެސްއެމްއީ) ނުވަތަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވަން ކޮންމެ އަހަރަކު ވެސް ދައުލަތުގެ ބަޖެޓުން ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމުގައި ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ. މި ސްކީމް އަމާޒުކޮށްފައި ވަނީ ދިވެހި އުފެއްދުންތެރިކަން އިތުރުކޮށް އެ ފަދަ ވިޔަފާރިތައް އިތުރަށް ތަރައްގީ ކުރުމަށެވެ.މި ލޯނު ދޫކުރަނީ ހަތް ޕަސެންޓުގެ އިންޓަރެސްޓުގަ އެވެ. އަދި ލޯނު ދެއްކުމަށް ނުވަ އަހަރު ލިބޭއިރު ، ގްރޭސް ޕީރިއަޑްްގެ ގޮތުގައި އެއް އަހަރު ލިބޭނެ އެވެ. މި މުއްދަތުގައި ހަމައެކަނި ދައްކަން ޖެހޭނީ ލޯނުގެ އިންޓަރެސްޓަށް އަރާ ބައި އެކަންޏެވެ.

މި ލޯނު ވަކި ފަރުދަކު ކުރާ ވިޔަފާރިއަކަށް އެންމެ ގިނައިން ލޯނު ދޫކުރެވޭނީ ފަސްލައްކަ ރުފިޔާއާ ހަމައަށެވެ. އަދި ކުންފުނިތަކާއި ކޯޕަރޭޓް ސޮސައިޓީއެއް ހިއްސާވެގެން ވިޔަފާރިއެއްނަމަ އެ ފުޅާކުރުމަށް 1.5 މިލިއަން ރުފިޔާ ދޫކުރާނެ އެވެ.

ލޯނު ސްކީމާ ބެހޭ ގޮތުން، މުންތާޒު އިތުރަށް ވިދާޅުވީ މި އަހަރުގެ ލޯނު ސްކީމުގެ ތަފާތަކީ ހާއްސަ އެހީ އަށް ބޭނުންވާ މީހުން ވެސް ހިމެނިފައިވުން ކަމަށެވެ.

"ޒުވާނުންނާއި އަންހެނުން އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުން ލޯނަށް ކުރިމަތިލާއިރު ބައިވެރިވެފައިވާނަމަ އެހީ ލިބިގެންދާނެ ޕްލަސް ޕޮއިންޓަކަށް ވާނެ،" މުމްތާޒު ވިދާޅުވި އެވެ.