ހަބަރު

ރޭ ކަރަންޓް ކެނޑުނީ ކެބަލަކަށް ދިމާވި މައްސަލައަކުން: ސްޓެލްކޯ

ރޭ މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނީ ކޭބަލް އެއް ހަލާކުވެ އެ ކޭބަލް އަށް ފެން ވަނުމުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު އިބްރާހިމް ރައޫފް ވިދާޅުވީ ރޭ ކަރަންޓް ކެނޑެން ދިމާވީ ކޮނުމުގެ ތެރޭގައި ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީ ކޭބަލަކަށް ލިބުނު ގެއްލުމަކާއި ގުޅިގެން ކަމަށާއި ބެލެވެނީ ގެއްލުންވީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި ކަރަންޓް ކެނޑެންދިމާވީ ހަލާކުވި ކޭބަލަށް ފެން ވަނުމުގެ ސަބަބުން ކަމަށާއި އެ ކޭބަލް ހަލާކުވެފައިވާކަން ކުންފުންޏަށް އެނގުނީ ވަރަށް ފަހުން ކަމަށެވެ.

ރައޫފް ވިދާޅުވީ ސްޓެލްކޯގެ ޖަނަރޭޓަރު ތައް ހުންނަނީ ވަރަށް ބޮޑަށް ޕްރޮޓެކްޓް ކުރެވިފައި ކަމަށާއި އާތްފޯލްޓެއް ނުވަތަ އެހެން ކަމެއްގެ ސަބަބުން ޖަނަރޭޓަރަކަށް ނުވަތަ އެހެން ވެސް އެއްޗަކަށް ގެއްލުމެއް ވުމުގެ ކުރިން އޮޓޯމެޓިކް ކޮށް ވަގުތުން ޖަނަަރޭޓަރުތައް ނިއްވާލާނެ ކަމަށެވެ. އަދި އެކަހަލަ ޓެކްނިކަލް މައްސަލަތަކުގައި ކަރަންޓް ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ރައުފް ވިދާޅުވީ އެވެ.

"ރޭ 11:15 އެހާއިރު މާލޭގެ ވަރަށް ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު، ގާތް ގަނޑަކަށް 80 ޕަސެންޓްން ކަރަންޓް ކެނޑުނު، ކަރަންޓް ކެނޑުނީ އަޅުގަނޑުމެންގެ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ އެޗްވީ ކޭބަލް އަކަށް ކޮނުމުގެ ތެރޭގައި ލިބުނު ގެއްލުމަކާއި ގުޅިގެން، އެ ގެއްލުން ލިބިފައިވާ ކަމަށް ބެލެވެނީ އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި، ނަމަވެސް އެކަމުގެ ހަބަރު ލިބުނީ މާ ފަހުން،" ރައޫފް ވިދާޅުވި އެވެ.

ސްޓެލްކޯގެ ޑިރެކްޓަރު އިބްރާހިމް ނާޝިދު ވިދާޅުވީ ދިމާވާ ކުޑަކުޑަ މައްސަލައެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓް ކެނޑެމުންދާތީ އެ މައްސަލަ ހައްލު ކުރުމަށް މިހާރުގެ އެގްޒިސްޓިން ނެޓްވޯކާއި މާލޭގެ ޕަވަ ސިސްޓަމްގެ ވަރަށް ބޮޑު ސްޓަޑީއެއް ބޭރުގެ ކުންފުންޏަކާ ވާހަކަ ދެކެވި ކުރަމުން އަންނަ ކަމަށެވެ. އަދި ކަރަންޓް ކެނޑުމުން އަންނަ އުނދަގޫތައް ކުޑަކުރުމަށް ވަރަށް ގިނަ ކަންތައްތަކެއް ކުންފުނިން ކުރަމުން އަންނަ ކަމަށާއި ސްޓަޑީތައް ނިމި މިހާރުގެ އެގްޒިސްޓިން ނެޓްވޯކާއި މާލޭގެ ޕަވަ ސިސްޓަމް އަލުން ޑިޒައިން ކުރަމުން އަންނަ ކަމަށެވެ.

ނާޝިދު ވިދާޅުވީ ރޭ ކަރަންޓް ދިނުން ލަސްވީ ގެއްލުން ލިބުނު ކޭބަލް ނުވަތަ ނެޓްވޯކް ދެނެގަަންނަށް ވަގުތު ނެގުމުން ކަމަށެވެ. އަދި ސްޓެލްކޯގެ ސިސްޓަމްތަކަކީ ވަގުތުން ވަގުތަށް ލައިވްކޮށް ދިމާވާ މައްސަލަތައް ފެންނަ ގޮތައް ހުންނަ ސިސްޓަމެއް ނޫން ކަމަށާއި އެކަން ދެނެގަންނަން ޖެހެނީ މީހުން ފޮނުވައިގެން ފިޒިކަލީ ކަމަށް ވެސް ނާޝިދު ވިދާޅުވި އެވެ.

"މާލެއަށް ކަރަންޓް ދޭން އެބެން 12 އެޗްވީ ކޭބަލް، ދެން މައްސަލަ ޖެހުނު ކޭބަލްގެ ދިމާ އައިޑެންޓިފައި ކުރަން އެބަ ޖެހޭ، އެހެންވެ ލަސްވަނީ، އަޅުގަނޑުމެންގެ ސިސްޓަމްތަކަކީ ވަގުތުން ވަގުތަށް ލައިވްކޮށް ދިމާވާ މައްސަލަ ސިސްޓަމް ފެންނަ ގޮތަށް ހުންނަ ސިސްޓަމެއް ނޫން، މި ޖެހެނީ ފިޒިކަލީ އެޓެންޑް ކުރަން މީހުން ފޮނުވައިގެން، ސިސްޓަމްތައް އޮޓަމޭޓް ކުރަން ކުންފުނިން ވަރަށް ބޮޑު ހަރަދުތަކެއް ކުރަން ޖެހޭ،" ނާޝިދު ވިދާޅުވި އެވެ.

ރޭ 11:15 އެހާއިރު މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑި ގިނަ ބަޔަކަށް ވަނީ ދަތިތަކާއި ކުރިމަތިވެފަ އެވެ. މާލެއިން ރޭ ދެ ގަޑިއިރަށް ކަރަންޓް ކެނޑިފައި ވެއެވެ. އެންމެ ފަހުން ކަރަންޓް ދެވުނު ހިސާބުތަކަށް ކަރަންޓް ދީފައިވަނީ ރޭ 1:30 އެހާއިރު ކަމަށް ސްޓެލްކޯއިން ބުންޏެވެ.