ވިޔަފާރި

ގެޓްސެޓަށް 500 އަށްވުރެ ގިނަ ފޯމު، އަންނަ މަހު ލޯނު ދޫކުރަނީ

ގެޓްސެޓް ލޯނަށް 500 އަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވާއިރު، އަންނަ މަހު ދޫކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

"ޒުވާން ވިޔަފާރިވެރިޔާ" އުފެއްދުމަށް ދޫކޮށްފައިވާ "ގެޓްސެޓް" ސްކީމްއާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް އައިޖީއެމްޗުގައި ބޭއްވި ނިއުސް ކޮންފަރެންސުގައި ގެޓްސެޓްގެ މެނޭޖަރު މަހީލް އަލީ ޖަލީލް ވިދާޅުވީ ގެޓްސެޓަށް 530 މީހުން ކުރިމަތިލާފައިވާއިރު ލިބުނު ޕްރޮޕޯސަލްތައް އިވޭލުއޭޓް ކުރަން ފަށާފައިވާ ކަމަށެވެ.

"އިވޭލުއޭޓްކޮށް ނިމި އުންމީދަކީ އަންނަ މަހު ދޫކުރަން ފެށޭނެ ކަމަށް،" މަހީލް ވިދާޅުވި އެވެ.

"ގެޓްސެޓް" ސްކީމްގެ ދަށުން ފަސް އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ރުފިޔާގެ ލޯނު ދޫކުރަން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި ހޮވުނު 34 މީހުންނަށް ވަނީ ފައިސާ ދޫކޮށްފަ އެވެ. އަދި ދެވަނަ ބުރެއް އިއުލާނުކޮށް މިހާރު ވަނީ ޕްރޮޕޯސަލްތައް ބަލައިގެންފަ އެވެ.

މެނޭޖަރު މަހީލް ވިދާޅުވީ މި ސްކީމު ވަރަށް ކާމިޔާބު ކަމަށާއި ލޯނު ނެގި މީހުންގެ ތެރެއިން 22 މީހަކު ވިޔަފާރި ފަށާފައިވާ ކަމަށެވެ.

"ވިޔަފާރި ފެށިފައިވަނީ އެހެންވެ ބުނެވޭނީ 60 ޕަސެންޓް ކާމިޔާބު ކަމަށް،" މަހީލް ވިދާޅުވި އެވެ.

މި ލޯނު ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާ އެވެ. ރަހުނަކާ ނުލައިމި ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދެއްކުމަށް ހަތަރު އަހަރާއި ނުވަ އަހަރު ލިބެ އެވެ.