ހަބަރު

ފާރިސް މައްސަލާގައި އަވަހަށް ހުކުމް ކުރަން ހައި ކޯޓްގައި އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދޭން އުޅުއްވި ކަމުގެ ތުހުމަތުގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރުކުރި އަމުރާއި ޝަރީއަތް ނިމެންދެން ބަންދުކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން އަވަސްކޮށް ދިނުމަށް އެދި ފާރިސްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ހައި ކޯޓުގައި އެދިއްޖެ އެވެ.

މައުމޫން ހަމީދު ހައި ކޯޓްގެ އިސް ފަނޑިޔާރު އަބުދުﷲ ދީދީ އަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ކުރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ކަމަށެވެ. އަދި ހައްޔަރުކޮށް ބަންދުކުރުމުގައި އަދި ބަންދު ކުރުމަށްފަހު ވެސް އަމަލު ކުރަމުންދާ ގޮތުން ފާރިސްގެ އަސާސީ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ކަމުން ކްރިމިނަލް ކޯޓުގެ އަމުރު ތަންފީޒު ކުރުން ފަސްކުރަން ވަގުތީ އަމުރެއް ނެރެދިނުމަށް ފޯމުން އެދިފައިވާނެ ކަމަށެވެ. އަދި އެކަން މިމަހު 17 ގައި ސިޓީއަކުން ވެސް އެދިފައިވާނެ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.

މައުމޫން ހަމީދު ވިދާޅުވީ ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތުގެ ކުށުގެ ތުހުމަތު ކަމަށާއި ބަންދުގައި ބެހެއްޓުމަށް ނިންމަވާފައިވާ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ކަމަށް ވިދާޅުވާ ކަމަށެވެ. އަދި ޖިނާއީ އިޖުރާތުގެ ގާނޫނޫގައި ބަޔާންކޮށްފައިވާ ގޮތުން ރިޝްވަތު ދިނުމަކީ ޖިނާއީ ބޮޑު ކުށެއް ނޫންކަން ބަޔާންވާ ކަމަށެވެ.

މައުމޫން ހަމީދު ވިދާޅުވީ ކުރިމިނަލް ކޯޓުން ފާރިސް ބަންދުގައި ބެހެއްޓުމަށް ނެރުއްވާފައިވާ އަމުރަކީ ގާނޫނީ އިޖުރާތާއި ހިލާފު އަމުރެއް ކަމަށާއި އެ އަމުރު ބާތިލްކޮށް ވަގުތީ އަމުރެއް ނެރެދިނުން އަވަސް ކޮށްދިނުމަށް އެދި ވަޑައިގަންނަވާ ކަމަށެވެ.

"ކުރިމިނަލް ކޯޓު އަމުރު ތަންފީޒްކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ 68 ވަނަ މާއްދާގެ ދަށުން ތިނެއް އޯގަސްޓް 2017 ގައި ވަގުތީ އަމުރަކަށް އެދޭ ފޯމް އިން ހުށަހަޅާފައިވާނެ އަދި އެ ވަގުތީ އަމުރާމެދު ގޮތެއް ނިންމަވައިދެއްވުން އެދި 17 އޯގަސްޓް 2017 ގައި ސިޓީ އިންވެސް އެދިފައިވާނެ" ސިޓީގައި ބަޔާން ކޮށްފައި ވެއެވެ.

ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވާއިރު، ޝަހުސު އޮޅުވާލުމުގެ ދައުވާގައި މިހާރު ވެސް ފާރިސްއަށް ޝަރީއަތް ދަނީ ހިންގަމުންނެވެ. ރިޝްވަތު ދޭން އުޅުނު ކަމުގެ ތުހުމަތުގައި މިހާރު ފާރިސްގެ މައްޗަށް ދައުވާކުރަން ވެސް ވަނީ ފޮނުވާފަ އެވެ.