ޔުމްނާ މައުމޫން

ނުހައްގު އަނިޔާއަށް އިންސާފު ލިބިއްޖެ: ޔުމްނާ

ބޭއިންސާފާ ދެކޮޅަށް މަސައްކަތް ކުރުމުން ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ޔުމްނާ މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އެކަމަނާގެ ބޮޑުބޭބޭފުޅު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ދިއްގަރު ދާއިރާގެ އޭރުގެ މެންބަރު އަހުމަދު ފާރިސް މައުމޫން ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަަށް ހައިކޯޓުން ކަނޑައެޅުމާއި ގުޅިގެންނެވެ. ފާރިސްއަކީ ޔުމްނާގެ ބޭބެއެވެ.

ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭއިންސާފާ ދެކޮޅަށް މަސައްކަތް ކުރުމުން ނުހައްގުން ދިން އަނިޔާތަކަށް މިއަދު އިންސާފު ލިބިއްޖެ ކަމަަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ފާސްކުރުމަށް މަޖިލީހުގެ މެންބަރުންނަށް ނުފޫޒު ފޯރުވާ ގާނޫނާއި ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފާރިސް ހައްޔަރު ކުރުމުގެ އަމުރަކަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެންގުމުން އެ އަމުރު ނެރެފައިވަނީ ޖުލައި 19، 2017 ގައެވެ. އޭގެ ފަހުން 2018 އިގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ސާފުވުމާ ހަމައަށް ފާރިސް ހުންނެވީ ޖަލުގައެވެ. ސެޕްޓެންބަރު 30، 2018 ގައި އިންތިހާބުގެ ވަގުތީ ނަތީޖާއިން ރައީސް ޔާމީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންކަން ޔަގީންވުމުން ފާރިސް ދޫކޮށްލީ ކަފާލާތުގެ ދަށުންނެވެ. އޭގެ ފަހުން ފާރިސްގެ މައްޗަށް ދަށު ކޯޓުން އިއްވި ހުކުމް ހައިކޯޓުން ބާތިލުކޮށް އޭނާ މިނިވަން ކުރިއެވ.

ފާރިސް ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ މައްސަލަ ހައިކޯޓަށް ހުށައެޅީ އޭނާގެ ފަރާތުންނެވެ. ފާރިސް ވަނީ އިސްތިއުނާފުގައި 11 ނުކުތާއެއް ފާހަގަކޮށްފައެވެ. މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު އިއްވި ހުކުމްގައި ބުނެފައިވަނީ ކްރިމިނަލް ކޯޓްގެ އަމުރު ބާތިލް ކަމަށެވެ. ފަނޑިޔާރު އަބްދުއްރައޫފު އިބްރާހިމް އާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ފައިސަލް ބެއްލެވި މި މައްސަލާގައި ދަށު ކޯޓްގެ އަމުރު ބާތިލު ކަމަަށް ނިންމި ވަރަށް ގިނަ ސަބަބުތައް ބަޔާންކޮށްފައިވެއެވެ.