ފާރިސް މައުމޫން

ފާރިސްގެ ޖަލު ހުކުމާމެދު މާދަމާ ހައިކޯޓުން ގޮތް ނިންމަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލާގެ ހުކުމް އިއްވުން މާދަމާއަށް ތާވަލްކޮށްފި އެވެ. އެ މައްސަލަ ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 10:15 އަށެވެ.

ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.

ފާރިސް މިހާރު ހުންނެވީ އިސްތިއުނާފު މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.

އެ މައްސަލާގައިި ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޖަލު ހުކުމް އިއްވާފައިވަނީ ފާރިސްއަށް އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތު ވަނީ ބުނެފަ އެވެ.

އެ މައްސަލާގެ އިތުރުން ވެސް ފާރިސްއަށް އެހެން ދައުވާތަކެއް ކުރެ އެވެ. އެގޮތުން ރިޝްވަތު ދިނުމުގެ ދައުވާއެއް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހުއްޓިފައި އޮންނަތާ އެތައް ދުވަހެކެވެ. އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ފާރިސްއަށް ކުރެ އެވެ.