ޝަހުސު އޮޅުވާލުމުގެ ދައުވާގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުށް ސާބިތުވެ ކުރިމިނަލް ކޯޓުން ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ފާރިސް އަށް އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތު ވަކީލުން ވިދާޅުވެއްޖެ އެވެ.
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.
ފާރިސްގެ ފަރާތުން ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ހެނދުނު ފަށާފައިވާއިރު، ހައިކޯޓުން އިއްޔެ ވަނީ ފާރިސް ކަފާލާތުގެ ދަށުން މިނިވަން ކޮށްފަ އެވެ. މިއަދު އޮތީ އެމައްސަލައިގެ ދެވަނަ އަޑުއެހުމެވެ.
މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝަރީއަތުގެ ބައެއް ކަންކަން އިޖްރާއަތްތަކާއި ހިލާފަތް ގެންގޮސްފައިވާ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން ދިފާއުން ހުށަހެޅި އިސްތިއުނާފްގެ ނުކުތާތަކަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލުން ވަނީ މައްސަލައިގެ އަޑުއެހުންތަން އިޖްރާއަތްތަކާއި އެއްގޮތަށް ގެންގޮސްފައިނުވާ ކަން ފާހަގަ ކުރެއްވި އެވެ. އަދި ދައުލަތުން ހުށަހެޅި ހެކިވެރިން ދޮގު ހެކިބަސް ދީފައިވާ ކަމަށްވެސް ދައުލަތުން ވަނީ ކޯޓްގައި އިއުތިރާޒްވެފަ އެވެ. ނަމަވެސް އެކަން ކުރައްވާފައިވަނީ ދިފާއީ ވަކީލުންގެ ޕްރެޝަރުތަކާއި ގުޅިގެން ކަމަށް ދައުލަތުން ތުހުމަތު ކޮށްފައި ވެއެވެ.
މީގެ އިތުރުން ފާރިސް އަށް އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ފޯރުކޮށް ދީފައިނުވާ ކަމަށާއި އެކަމަށް ކޯޓުގައި ފާރިސް ވަރަށް ގިނައިން އެދިފައިވާ ކަމަށެވެ. އަދި އެކަމަށް ދައުލަތުން އެއްވެސް އިއުތިރާޒެއް ކޮށްފައިނުވާނެ ކަމަށްވެސް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.
އެކަންކަމަށް ރައްދު ދެއްވައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވިދާޅުވީ، ދައުލަތުން ބައެއް ކަންކަމާމެދު އެއްބަސްވެފައިވާ ކަމަށާއި އެކަމާ އުފާ ކުރައްވާ ކަމަަށެވެ. މި މައްސަލައިގެ ބައެއް ކަންކަން ގާނޫނާ ހިލާފަށް ކުރިއަށް ގެންގޮސްފައިވާކަން ދައުލަތުންވެސް އެއްބަސްވެފައިވާ ކަމަށާއި އެ ސަބަބު އެކަނިވެސް މި މައްސަލައިގައި އިއްވާފައިވާ ހުކުމް ބާތިލް ކުރުމަށް ފުދޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ، ފާރިސްއާމެދު ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށެވެ. އަދި ބައެއް ހެކިވެރިން ހާޒިރު ކޮށްފައިނުވާނީ ދައުލަތުގެ އިސް މަގާމްތަކުގައި އުޅުއްވާތީ ކަމަށް ދައުލަތުން ވިދާޅުވެފައިވީ ނަމަވެސް އެކަމަށް ބާރުދޭ އެއްވެސް ގާނޫނީ ނުކުތާއެއް ފާހަގަ ކޮށްފައިނުވާކަން މައުމޫން ހަމީދު ވިދާޅުވި އެވެ. މި މައްސަލަ ފެށިގެން ނިމެންދެން ކުރިއަށް ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ އެއް ދުވަހު މަތީން ތިން ޝަރީއަތް ބޭއްވުމަށްފަހު އެވެ. އެމައްސަލައިގެ ޝަރީއަތް ހެނދުނު ބާއްވާފައިވާއިރު، ހަވީރު ވަނީ ހުލާސާ ބަޔާން އިއްވާފައިވާއިރު، ރޭގަނޑު ޝަރީއަތް ބޭއްވުމަށްފަހު ވަނީ އެރޭ ހުކުމް އިއްވާފަ އެވެ. ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އަވަސް އަރުވާލައިގެން އެކަށީގެންވާ ފުރުސަތުނުދީ ކަމަށްވެސް މައުމޫން ހަމީދު ވަނީ ވިދާޅުވި އެވެ.
އިތުރު ފުރުސަތަކަށްއެދި ދިފާއުން ވާހަކަ ދައްކަވަމުން ހުސަައިން ޝަމީމް ވިދާޅުވީ، މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ގާނޫނުލް އުގޫބާތާއި ހިލާފަށް ކަމަށް ދައުލަތުން އެއްބަސްވާ ކަމަށާއި އެހެން ކަމުން މި މައްސަލާގައި އިއްވާފައިވާ ހުކުމަކީ ގާނޫނީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށެވެ. އަދި ބައެއް ހެކިވެރިން ހެކިބަސް ދީފައިވަނީ ރަނގަޅަށް ނޫންކަމަށްވެސް ދައުލަތުން އެއްބަސްވެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ގާނޫނުލް އުގޫބާތުގެ 51 ވަނަ މާއްދާގެ ދަށުން ފާރިސްއަށް އެކަށީގެންވާ ފުރުސަތު ނުދޭ ކަމަށް ދައުލަތުން އެއްބަސްވާ ކަމަށާއި އެފުރުސަތު ކޯޓުން ދީފައިނުވާ ކަމަށެވެ. އަދި ކްރިމިނަލް ކޯޓުން ހެކި ވަޒަން ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
އެކަންކަން ފާހަގަ ކުރެއްވުމުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގައި ހިމެނި ވަޑައިގަންނަވާ ފަނޑިޔާރު ސުޖާއު އުސްމާން ވަނީ ގާނޫނީ އިޖްރާއަތްތަކާއި ހިލާފަށް ކުރި ކަންކަމަކީ ކޮބައިކަން ބަޔާންކޮށްދިނުމަށް ދައުލަތުގެ ވަކީލުންގެ ފަރާތުން އެދިފައ އެވެ.
އެގޮތުން ދައުލަތު ވަކީލް އައިޝަތު ރީޝާ ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ކުރިއާލައި ތައާވަލް ކޮށްގެން ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި އަޑުއެހުންތައް ފަސްކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި ފާރިސް އަށް އެކަށީގެންވާ ފުރުސަތު ނުދެއްވާ ކަމަށާއި މައްސަލަަ އަވަސް އަރުވާލައިގެން ކުރިއަށް ގެންގޮސްފައިވާ ރީޝާ ވިދާޅުވި އެވެ.
"މައްސަލަަ އަވަސް އަރުވާލައިގެން ކުރިއަށް ގެންދިޔަ މަންޒަރު ފެނިގެން ދިޔައީ، އަވަސް އަވަހަށް ތައާވަލް ކޮށްގެން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ،" ރީޝާ ވިދާޅުވި އެވެ.
މައްސަލަ ބައްލަވާ އިސް ފަނޑިޔާރު މުހައްމަދު ފައިސަލް ވަނީ އިތުރު ކަމެއްނެތް ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށް ވިދާޅުވެ މިއަދު ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.