ފާރިސް މައުމޫން

ފާރިސް، ޖަލު ހުކުމުން ސަލާމަތްވެއްޖެ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ހައިކޯޓުން މިއަދު ބާތިލްކޮށްފި
އެވެ.

ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.

ފާރިސް މިހާރު ވެސް ހުންނެވީ އިސްތިއުނާފު މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ. އެ މައްސަލާގައިި ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ޖަލު ހުކުމް އިއްވާފައިވަނީ ފާރިސްއަށް އެކަށީގެންވާ ފުރުސަތު ނުދީ އަވަސް އަރުވާލައިގެން ކަމަށް ދައުލަތު ވަނީ ބުނެފަ އެވެ.

ފާރިސް ހައިކޯޓަށް ހުށަހެޅުއްވި މައްސަލާގެ ހުކުމްގައި އޭނާއަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ނިންމީ ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގިއިރު ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ޝަރީއަތް ހިންގާފައިވާތީ އެވެ. ބާތިލް ކަމެއްގެ މައްޗަށް ތަރުތީބުވަމުން އަންނަ ކޮންމެ ކަމަކީ ބާތިލް ކަމެއް ކަމަށެވެ.

ހުކުމްގައިވާ ގޮތުން ފާރިސްގެ މައްސަލާގައި ސިއްރުން ހެކި ބަސް ނަގާފައިވަނީ އުސޫލުތަކުގެ ބޭރުންނެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ހެކި ރައްކާތެރިކުރަން ބޭނުންވާނަމަ އެކަމަށް ދައުލަތުން ޝަރީއަތް ފެށުމުގެ ކުރިން އެދެން ޖެހޭނެ ކަމަށެވެ. ނަމަވެސް ފާރިސްގެ މައްސަލާގައި ދައުލަތުން އެގޮތަށް އެދިފައިނުވަނީސް މައްސަލާގައި ހެކި ބަސް ސިއްރުން ނަގައި ބަޔާންތައް ސިއްރުކޮށްފައިވާކަން ހުކުމްގައި ފާހަގަކުރި އެވެ.

ފާރިސްގެ ސަހުޝު އޮޅުވާލުމުގެ މައްސަލަ ކުރިމިނަލް ކޯޓަށް ވެއްދިއިރު ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލެއް ނުކުރެ އެވެ. އެހެންވެ ދައުލަތުން ބުނެފައިވަނީ ހެކި ސިއްރުކުރަން މައްސަލަ ކޯޓަށް ހުށަހެޅިއިރު އޮތް އުސޫލުގެ ދަށުން އެދިފައިވާނެ ކަމަށެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ބުނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ވުޖޫދުވުމުން އެހެން އުސޫލުތައް ނެތިގެން ދާނެ ކަމަށެވެ. ހެކި ރައްކާތެރިކުރަން ބޭނުންވާނަމަ ދައުލަތުން ޖެހޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތް ފެށުމުގެ ކުރިން ކަމަށެވެ. ފާރިސްގެ އެ މައްސަލަ ވެސް ފަހުން ކުރިއަށް ގެންދިޔައީ ޖިނާއީ އިޖުރާާއަތުގެ ގާނޫނުގެ ދަށުންނެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން އަޑުއެހުންތައް ކުރިއަށް ގެންދަން ޖެހޭނީ ކުރިޔާލާ ތާވަލްކޮށްގެން، ދައުވާ ލިބޭ މީހާއާ މަޝްވަރާކޮށްގެން ކަމަށްވީ ނަމަވެސް އެކަން ފާރިސްގެ މައްސަލާގައި ކުރިމިނަލް ކޯޓުން ކޮށްފައިނުވާ ކަމަށް ހައިކޯޓު ހުކުމްގައިވެ އެވެ.

އަދި، މައްސަލާގެ ލިޔުންތައް ދިނުމަށް ފާރިސްގެ ފަރާތުން އެތައް ފަހަރަކު ޝަރީއަތުގައި އެދި، އެކަމަށް ދައުލަތުން އިއުތިރާޒުކޮށްފައިނުވާއިރު ވެސް ލިޔުންތައް ނުދީ ކޯޓުން ހިފަހައްޓާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

ކުރިމިނަލް ކޯޓުން ފާރިސްގެ މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް އަރުވާލައިގެން އެކަށީގެންވާ ފުރުސަތުތައް ނުދީ ކަމަށް ދައުލަތުން ވެސް ބުނެފައިވާކަން ހުކުމްގައި ފާހަގަކޮށްފައިވާއިރު ކުށުން ބަރީއަވުމަށް ފާރިސްއަށް ލިބެންޖެހޭ ފުރުސަތުތައް ކުރިމިނަލް ކޯޓުން ހަނިކޮށްފައިވާ ކަމަށް ހައިކޯޓުގެ ހުކުމްގައިވެ އެވެ.

ހުކުމްގައި އިތުރަށް ބުނެފައިވަނީ ކޯޓުތަކުން މައްސަލަ ބެލުމުގައި އަމަލުކުރާ ގޮތް އިންސާފުވެރިކަން ދެނެގަންނާނީ މައުޟޫއީ މިންގަނޑަކުންނެވެ. އެ މިންގަނޑަކީ މައްސަލައިގެ ހަސްމުން ވެސް ހިމެނޭ ގޮތުން އަދި އާންމު ފަރުދުންގެ ނަޒަރުގައި ވެސް ޝަރީއަތް ހިންގިފައިވަނީ އިންސާފުންކަން ކަށަވަރުވެފައި އޮތުން ކަމަށެވެ.

އިންސާފުން ޝަރީއަތް ހިންގިކަމާމެދު ސުވާލު އުފެދޭނެ އަދި އެކަމުގައި ހުރަހަކަށްވެދާނެ އެއްވެސް ކަމެއް ނުވަތަ ޝައްކެއް އޮވެއްޖެނަމަ އެކަމަކުން ދުރުވުމަކީ އަދާލަތު ގާއިމުކުރުމަށް ނުހަނު މުހިއްމު ކަމެއްކަމާއި 'ހަމައެކަނި އަދާލަތު ގާއިމުވުމުން ނުފުދޭކަމާއި އަދާލަތު ގާއިމުވާކަން އިހްސާސްވުމާއެކު އެކަންފެންނަންވާނެ،' ކަމީ ޝަރީއަތް ކުރުމުގައި ގާއިމުވެ އަދި އެއަށް އަމަލުކުރަމުން އަންނަ އެއް މަސްދަރު ކަމަށް ހައިކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ހުކުމްގައިވެ އެވެ. އެގޮތަށް ކަނޑައަޅާފައިވަނީ ފާރިސްގެ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލު ހުކުމް ބާތިލްކުރި ހުކުމްގަ އެވެ.

އެ މައްސަލާގެ އިތުރުން ވެސް ފާރިސްއަށް އެހެން ދައުވާތަކެއް ކުރެ އެވެ. އެގޮތުން ރިޝްވަތު ދިނުމުގެ ދައުވާއެއް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި ހުއްޓިފައި އޮންނަތާ އެތައް ދުވަހެކެވެ. އެކެއް ފެބުރުއަރީގެ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ ވެސް ފާރިސްއަށް ކުރެ އެވެ.