ދިއްގަރު ދާއިރާާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ތަންފީޒުކުރުން ފަސްކުރުމާމެދު ހައިކޯޓުން މިއަދު ގޮތެއް ނިންމުމަށް ނިންމައިފި އެވެ.
ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކުރިމިނަލް ކޯޓުން ފާރިސްގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި އިއްވީ އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވެގެންނެވެ.
އެ ހުކުމް ފާރިސް މިހާރު ތަންފީޒުކުރަމުންދާއިރު ހުކުމް އިސްތިއުނާފުކުރުމަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މިއަދު ހައިކޯޓުގައި ހެނދުނު ވަނީ ފަށާފަ އެވެ. އެ އަޑުއެހުމުގައި ފާރިސްގެ ފަރާތުން ވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އެދިފަ އެވެ.
އެ ހުށަހެޅުމާ ގުޅޭ ގޮތުން މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ މިއަދު ފާރިސްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމާ ގުޅޭ ގޮތުން ގޮތެއް ނިންމައި އެ ދެ ފަރާތަށް ވެސް އެކަން އަންގާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު މެންދުރުފަހު އެ ނިންމުން ހައިކޯޓުން ނިންމާނެ އެވެ.
ފަނޑިޔާރު ފައިސަލްގެ އިތުރުން ދެން ބެންޗްގައި ތިއްބަވަނީ ހައިކޯޓުގެ އިސް ފަނޑިޔާރު ސުޖާއު އުސްމާން އާއި ފަނޑިޔާރު ހަސަން އަލީ އެވެ.
މިއަދު ވަނީ ކުރިމިނަލް ކޯޓުގެ ހުކުމް ފާރިސްގެ ފަރާތުން އިސްތިއުނާފުކުރި ސަބަބުތައް ޝަރީއަތަށް ހުށަހަޅާފަ އެވެ. ގިނަ ކަންތައްތަކެއް ފާރިސްގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ޕީޕީއެމްގެ ދިދަ ބޭނުންކުރި ކަމަށް ބުނެ ފާރިސްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާއާމެދު ތަފާތުކޮށް އަމަލުކުރާތީ ކަމަށެވެ. ފާރިސް ނޫނަސް ޕީޕީއެމްގެ ދިދަ އެހެން މެންބަރުން ވެސް ބޭނުންކުރިކަން އަންގައިދޭ ހެކި ހުށަހަޅާފައިވީ ނަމަވެސް އެއިން އެއްވެސް ކަމަކަށް ރިޔާއަތް ނުކުރާ ކަމަށް ފާރިސްގެ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ، މައްސަލާގެ ތަހުގީގު ވެސް ހިންގާފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ޝަރީއަތް ހިންގިއިރު ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އެގޮތުން ފާރިސްގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިން އެއްވެސް ސަބަބެއް ދެއްކުމެއް ނެތި ހާޒިރުނުކުރިކަން ފާހަގަކުރެއްވި އެވެ. ދިފާއުގައި ގިނަ ހެކިތަކެއް ފާރިސްގެ ފަރާތުން ހުށަހެޅި ހާޒިރުކުރީ އެންމެ ހަ ހެއްކެވެ. އޭނާގެ ފަރާތުން ހުށަހެޅި ކިތާބީ އެއްވެސް ހެއްކަކަށް ހުކުމް ކުރުމުގައި ރިޔާއަތް ނުކުރާކަން ވެސް ޝަމީލް ފާހަގަކުރެއްވި އެވެ.
ދައުލަތުން ހުށަހެޅި ދެ ހެކިންގެ ހެކި ބަސް ސިއްރުން ނަގާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އިސްލާމީ އުސޫލުތަކާ ވެސް ހިލާފަށް ކަމަށް ޝަމީލް ވިދާޅުވި އެވެ. ޝަމީލް ވިދާޅުވި ގޮތުގައި ސިއްރުން ހެކި ބަސް ނެގޭނެ ގޮތެއް ހެއްކާ ބެހޭ ގާނޫނެއްގައި އަދި އިސްލާމީ ޝަރީއަތުގައި ނެތެވެ. އޭގެއިތުރުން ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި ހެކިން ސިއްރުކުރަން ދައުލަތުން ނޭދޭ ކަމަށާއި ދައުލަތުން އެ މަރުހަލާގައި ހެކި ސިއްރު ކުރަން ނޭދޭއިރު ސިއްރުން ހެކި ބަސް ނެގޭނެ ހަމައެއް ނޯންނާނެ ކަމަށެވެ.
ޝަމީލް ވިދާޅުވި ގޮތުގައި ސިއްރު ހެކިވެރިން ތަހުގީގަށް ދިން ބަޔާންތައް ފާރިސްއަށް ނުދައްކާ ސިއްރު ކުރީ ވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށް ކަމަށެވެ. ހެކި ސިއްރުކުރަން ދައުލަތުން ކޯޓަށް ދޮގު މައުލޫމާތު ދިންކަން ވެސް ފާހަގަކުރެއްވި އެވެ. އެގޮތުން ހެކި ސިއްރުކުރުމުގެ ބޭނުމަކީ ފާރިސްގެ ފަރާތުން އެމީހުންނަށް އިގްތިސޯދީ ގެއްލުމެއް ވެދާނެތީ ކަމަށް ދައުލަތުން ބުނި ނަމަވެސް ހެކި ބަސް ދެމުން އެ ދެ މީހުން ވެސް ވަނީ އެފަދަ ގެއްލުމެއް ފާރިސްގެ ފަރާތުން އެމީހުންނަށް ނުލިބޭނެ ކަމަށް ބުނެފައިވާކަން ޝަމީލް ފާހަގަކުރެއްވި އެވެ.
އެ ދެ ހެކިވެރިން ހެކި ބަސް ދިންއިރު ފުށުއަރާ ގިނަ ކަންތައްތަކެއް ހުރިއިރު ދޮގު ހެކި ބަސް ދީފައިވާކަން ވެސް ހާމަވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އެގޮތުން އެއް ފަހަރު ފާރިސް އިންނެވީ ޕީޕީއެމްގެ ލޯގޯ ހިފައިގެން ކަމަށް ބުނާއިރު އަނެއް ފަހަރު ލޯގޯ އިނީ ދިދައިގަ ކަމަށް ހެކިވެރިއެއް ބުނެފައިވާ ކަމަށެވެ. އަދި ފާރިސް އެ ދުވަހު ދެއްކެވި ވާހަކަތައް ހެކިވެރިންގެ ހަނދާނުގައި ނެތްކަން ވެސް ޝަމީލް ފާހަގަކުރެއްވި އެވެ.
ފާރިސްގެ މައްޗަށް ސަހުޝު އޮޅުވާލުމުގެ ދައުވާ އުފުލީ ހުއްދަ ކަމެއް ކުރުން ކަމަަށާއި އޭނާ އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއިރު އޭނާ ޕީޕީއެމްއިން ވަކިކޮށްފައިނުވާ ކަމަށް ޝަމީލް ވިދާޅުވި އެވެ. އޭރު ރައްޔިތުންގެ މަޖިލީހުގައި ވެސް އޭނާގެ ޕާޓީއެއްގެ ގޮތުގައި ހިމަނާފައިވަނީ ޕީޕީއެމް ކަމަށެވެ. އަދި ފާރިސް ޕީޕީއެމް ވަކިކުރަން އަމަލުކޮށްފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ ފާރިސް އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހުއްދައާއެކު ކަމަށާއި އޭރު ވެސް އެމަނިކުފާނަކީ ޕާޓީގެ ރައީސް ކަމަށެވެ. ޕާޓީގެ މުސްތަޝާރު އަދި ކައުންސިލްގެ ހުއްދަ ފާރިސް ނުހޯދައްވާ ކަމަށް ބުނާއިރު އެ ހުއްދަ ހޯދަން ލާޒިމްކުރާ ގަވައިދެއް ނެތް ކަމަށް ވެސް ޝަމީލް ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމުން ވަނީ އަޑުއެހުން ނިންމާލާފަ އެވެ. އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރު ފައިސަލް ވިދާޅުވީ އެ މައްސަލައަކީ ގިނަ ދުވަސްތަކެއްވެފައިވާ މައްސަލައަކަށްވާތީ އިތުރު އަޑުއެހުމެއް މި ހަފުތާގެ ތެރޭގައި ބާއްވާނެ ކަމަށެވެ. އަދި، މި ހަފުތާގެ ތެރޭގައި މައްސަލާގެ ހުކުމް އިއްވަވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.