ކުރީގެ ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފު ބަލައި ނުގަންނަން ހައިކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުން ބާތިލުކޮށް، އެ މައްސަލަ ކުރިއަށް ގެންދަން ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނިންމައިފި އެވެ.
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މާޗް މަހުގެ 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ޝަމްއާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މާޗް މަހުގެ 22 ވަނަ ދުވަހު ދަށު ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. އެ މައްސަލަ ހައިކޯޓަށް ޝައްމާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ފުރަތަމަ ނިންމީ މައްސަލަ ބަލައި ނުގަނެ މައްސަލަ ބޭރުކޮށްލާށެވެ. އޭގެ ފަހުން، ޝައްމާންގެ ބަންދު ޝަރީއަތް ނިމެންދެން ބަންދަށް ބަދަލުކޮށްފައިވަނިކޮށް، ހައިކޯޓުންވަނީ ޝައްމާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމާފަ އެވެ.
ޝައްމާންގެ އިސްތިއުނާފު ބަލައިގަންނަން ނިންމީ ރަޖިސްޓްރާގެ ނިންމުން ރިވިއު ކުރުމަށް ޝައްމާންގެ ފަރާތުން ހުށަހެޅުމުން، ރަޖިސްޓްރާގެ ނިންމުން ބާތިލުކޮށްފަ އެވެ. އެ ނިންމުން ބާތިލު ކުރީ މައްސަލަ ރިވިޔުކުރި ހައިކޯޓުގެ ބެންޗުގެ އިއްތިފާގުންނެވެ.
ޝަމްއާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ އިމިގްރޭޝަނުން ކުރިއަށް ގެންދާ ރެއިޑެއްގެ ތެރެއިން އަތުލައިގެން ބިދޭސީއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިއުމަށްފަހު އޭނާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނަގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އޭނާ ދޫކޮށްލަން އެންގެވިކަމުގެ ތުހުމަތެވެ.
ޝަމްއާން ހައްޔަރުކުރުމުގެ ކުރިން ފުލުހުން ވަނީ އޭނާ ދިރިއުޅެމުން ދިޔަ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދާފަ އެވެ. އަދި ޝަމްއާން ދިރިއުޅޭ އެޕާޓްމަންޓުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުވެސް ފުލުހުން ގެންގޮސްފައިވެ އެވެ. ޝަމްއާން ހައްޔަރުކުރުމަށްފަހު ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ދޫކޮށްލި ބިދޭސީ މީހާގެ އަތުން ފެނުނު 530،000 ރުފިޔާ ހިފައިގެން އެ ރެއިޑްގައި އުޅުނު އިމިގްރޭޝަންގެ ތިން އޮފިސަރަކު ދިޔައީ ސީދާ ޝަމްއާންގެ އެޕާޓްމަންޓަށް ކަމަށެވެ.
ފުލުހުން ވަނީ ރެއިޑްގައި ހަރަކާތްތެރިވި ތިން އޮފިސަރުންވެސް ހައްޔަރުކޮށްފަ އެވެ. އަދި ޝަމްއާން ހައްޔަރުކުރި ދުވަހު އިމިގްރޭޝަންގެ އިތުރު އޮފިސަރަކުވެސް މިމައްސަލައިގައި ހައްޔަރުކޮށްފައިވާތީ މިމައްސަލައިގައި މިވަގުތު ފަސް މީހަކު ފުލުހުންގެ ބަންދުގައި އެބަ ތިއްބެވެ.