ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް

އަނަސްގެ މަރު: ކުށް ސާބިތު ނުވި މީހުންގެ މައްސަލަ އިސްތިއުނާފް ކޮށްފި

May 6, 2024

އަނިޔާވެރިކޮށް މަރާލާފައިވާ ރ. މީދޫ، ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނީ އަނަސްގެ މަރުގެ މައްސަލައިގައި ކުށް ސާބިތު ނުވި މީހުންގެ މައްޗަށް އިއްވި ހުކުމް ހައިކޯޓުގައި މިއަދު އިސްތިއުނާފް ކޮށްފައިވާ ކަމަށެވެ.

އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ލިޓަސް ގަރާޖުގެ ތެރޭގަ އެވެ. އަނަސްގެ ހުރިހާ ވާރިސުންވެސް އެދުނީ މަރަށް މަރު ހިފުމަށެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރީ ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒް އާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް އާއި، ލ. ގަން ތުނޑީ، ނަންނާރިގޭ، ޖުނައިހު އަބްދުﷲ އާއި، މ. ދިމިޝްގު އުސްމާން ޝަރީފާއި، ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނުގެ އިތުރުން މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިދިޔަ ފެބްރުއަރީ 25 ވަނަ ދުވަހު ކުރި ހުކުމްގައި ވަނީ ދައުވާ ލިބުނު މީހުންގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައި ނުވާތީ އެ މީހުންނަށް ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅާފަ އެވެ. ހާދިސާ ހިނގި މަންޒަރު ދުށް ސިއްރު ހެކިންވެރިން ހެކިބަސް ދިނުމަށް ދެ ފަހަރު ފުރުސަތު ދިނުމުންވެސް އެމީހުން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުންގެ އަޑުއެހުންތައް ދަށު ކޯޓުގައި ނިންމާލީ މިދިޔަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު އެވެ. މުޅި މައްސަލަ ދަށު ކޯޓުގައި ނިމި ހުކުމަކާ ހަމައާ ދިޔައީ ގާތްގަނޑަކަށް އަނަސް މަރާލިތާ ހަތް އަހަރުވާން ކައިރިވެފައި ވަނިކޮށެވެ.

އަނަސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރި ކުޑަކުއްޖެއްގެ މައްޗަށް ކުށް ސާބިތުވެ 18 އަހަރާއި ނުވަ މަހަށް ޖަލަށްލުމަށްވެސް ކުރިން ހުކުމްކޮށްފައިވެ އެވެ.