ހަބަރު

މަޖިލީހުގައި އަވަގުރާނަ ގޮވިފައިވާތީ އާރިފް މާފަށް އެދިއްޖެ

ރައްޔިތުން މަޖިލީހުގައި މިއަދު ސަރުކާރަށް ނިސްބައްތާ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ހިނގި ކުރިމަތި ލުމުގައި އަވަގުރާނަ ގޮވިފައިވާތީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް މާފަށް އެދިވަޑައިގެންފި އެވެ.

މަޖިލިސް ފެށުމުގެ ކުރިން އިދިކޮޅު މެންބަރުންނާއި ސަރުކާރު މެންބަރުންނާއި ދެމެދު ހިނގި ޒުވާބުގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއީލަށް އަމާޒު ކޮށް އަލީ އާރިފް އަވަގުރާނަ ގޮވާފައި ވަނިކޮށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކުރި ފޭސްބުކް ލައިވް ވީޑިއޯ އެއްވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ.

ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި އާރިފް ވިދާޅުވީ އިދިކޮޅު މެންބަރުން މަޖިލީހުގެ ތެރޭގައި ޖަހަމުންދާ ސަކަރާތް ހުއްޓަން އެތައް ފަހަރަކު އެދިވަޑައިގެންފައިވާނެ ކަމަށާއި ނަމަވެސް އިދިކޮޅު ފަރާތްތަކުން އޭނާގެ އަޑު ނޭއްސެވި ކަމަށެވެ. އަދި ކޮންމެ މެންބަރަކަށް ވަކިވަކިން ނަސޭހަތް ދިނުމުން ވެސް އެކަން ނުހުއްޓުމުން އެކަންކަން ހަމަޔަކަށް އެޅުވުމުގެ ތެރޭގައި ބައެއް ކަންކަން ހިނގީ ކަމަށެވެ

އާރިފު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ޖަހާ ސަކަރާތްތަކުގައި ސަރުކާރަށް ނިސްބަތްވާ މެންބަރުންނަށް އުނދަގޫ ނުކުރާނަމަ ނުބެހޭނެ ކަމަށާއި ނަމަވެސް ކޮންމެ މެންބަރަކާއި ބެހުނު ނަމަވެސް އެ ބެހެވެނީ އެންމެނާ ކަމަށާއި އެހެންވުމުން މަޑުން ނުހުރެވޭނެ ކަމަށެވެ.

"އެ ޖަޒުބާތުގައި ހިނގާދިޔަ ކަންތައްތަކުގެ ތެރޭގައި އެކަނކަން ދިޔަގޮތުން ލަދު ބަހެއް ބުނެވުނީތީ ނިހާޔަތަށް މާފަށް އެދި ތިޔަބޭފުޅުން ގެ އަރިހު ދަންނަވަން" އާރިފް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ ވެސް އެ މަޖިލީހުގެ މެންބަރުން، އިދިކޮޅު މެންބަރުން އެ ޖަހާ ސަކަރާތް ހުއްޓުވުމަށް ތަކުރާރުކޮށް އެބޭފުޅުންގެ ލީޑަރުންނާއި އެ މެންބަރުންނަށް ދެންނެވުމުން ވެސް އަޑު ނޭއްސެވި، އިއްޔެގަ ވެސް ދެންނެވިން ތަކުރާރުކޮށް، ވަކިވަކިން މީހުންނަށް ނަސޭހަތް ދިނިން، އެކަން ނުހުއްޓުމުން ފެނުނު ނަތީޖާ މިއީ،"