އީރާން

އީރާނުގައި ގަތަރު އެމްބަސީ އަލުން ހުޅުވަނީ

އީރާނުގައިވާ ގަތަރު އެމްބަސީ ބަންދުކޮށް، ސަފީރު އަނބުރައި ގެންދިޔަތާ ދޮޅު އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވުމަށް ފަހު އެ އެމްބަސީ އަލުން ހުޅުވަން ގަަތަރުން ނިންމަައިފި އެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރޮއިޓާސް ބުނީ ގަތަރުގެ ސަފީރު އީރާނަށް އަލުން ފޮނުވަން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އަދި ބުނީ ގަތަރުގެ ފޮރިން މިނިސްޓަރު ޝައިހު މުހައްމަދު ބިން އަބުދުއް ރަހުމާން އައް ސާނީ އީރާނުގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފަށް ގުޅުއްވައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެއްވުމަށް މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އީރާނުގެ ވެރިރަށް ތެހެރާންގައިވާ ގަތަރު އެމްބަސީ ބަންދުކޮށް ސަފީރު އަނބުރާ ގެނައީ މިދިޔަ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އޭރު އެ ފިޔަވަޅު އެޅީ ތެހެރާންގައި ހުންނަ ސައުދީ އަރަބިއްޔާ އެމްބަސީއަށް އީރާނު މީހުން ގެއްލުން ދިނުމުން ސައުދީން އިރާނާ ގުޅުން ކަނޑައިލުމާ ގުޅިގެންނެވެ. ސައުދީ އެމްބަސީއަށް އީރާނުން ގެއްލުން ދިނީ ޝިޔައީންގެ އިލްމުވެރިއެއް ކަމަށް ބުނާ ކުށްވެރިއަކަށް ސައުދީން މަރުގެ އަދަބު ދިނުމުންނެވެ.

ގަތަރުން އީރާނާ ގުޅުން ބަދަހިކުރަން ނިންމާފައި މިވަނީ ސައުދީ އަރަބިއްޔާއާއި ބަހުރައިނާއި ޔޫއޭއީއާއި މިސްރުން އެގައުމާ ގުޅުން ކަނޑައިލިތާ ދުވަސްތަކެއް ފަހުންނެވެ.

ޓެރަރިޒަމަށް ވާގިދޭ ކަމަށް ބުނެ އަރަބި ގައުމުތަކުން ގަތަރާ ގުޅުން ކަނޑައިލީ މިދިޔަ ޖޫން މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެއަށް ފަހު އެ ގައުމުތަކުން އެދޭ 13 ކަމެއް ކުރަން ގަތަރަށް ޑިމާންޑް ކުރިއެވެ. އީރާނާ ސިޔާސީ ގުޅުން ކަނޑައިލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމާއި އަލް ޖަޒީރާ ބަންދު ކުރުން އޭގެ ތެރޭގައި ހިމެެނެ އެވެ. އެއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށް ގަތަރުން ބުނެފައި ވަނިކޮށް ގުޅުން ކަނޑައިލި ގައުމުތަކުން މިހާރު ވަނީ ޑިމާންޑްތައް ދޫކޮށްލާފަ އެވެ.