ވިޔަފާރި

އެޗްޑީއެފްސީ އިން ޞުކޫކް ވިއްކަން ފަށައިފި

  • އޮކްޓޫބަރު 18 ގެ ނިޔަލަށް ފުރުސަތު
  • ޝްކޫކެއް ވިއްކަނީ 1،000ރ. އަށް
  • އިންވެސްޓްކޮށްގެން ފަހަށް ރައްކާ ކުރެވޭނެ

ހައުސިން ޑިވްލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި 1،000 ރުފިޔާގެ މަގުން ޞުކޫކް މިއަދު ވިއްކަން ހުޅުވާލައިފި އެވެ.

އެޗްޑީއެފްސީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި އެ ކުންފުނީގެ އިސްލާމިކް ވިންގް، އަމްނާގެ ޗެއާމަން އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވީ ޞުކޫކްއަކީ ފަހަރަށް ރައްކާ ކުރަން ރަނގަޅު ފުރުސަތެއް ކަމަށާ، މި ފުރުސަތު ހުރިހާ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

"ގިނަ މީހުން ފަހަށް ރައްކާކުރަން ބޭނުންވޭ. ނަމަވެސް ގިނަ މީހުން ފައިސާ ގޭގައި ރައްކާކޮށްފަ ބަހައްޓަނީ ނަމަވެސް މާލީ އޮނިގަނޑުގެ ތެރޭގައި އެކަންކުރުމަކީ މުހިންމު ކަމެއް. ހާއްސަކޮށް ޞުކޫކްގައި އިންވެސްޓްކުރުން. ޞުކޫކްގައި އިންވެސްޓް ކުރުމުގެ އޮތް ޔަގީންކަމަކީ ރިބާނެތް މުއާމަލާތެއްކަން ޔަގީންވުން،" ޒަކަރިއްޔާ ވިދާޅުވި އެވެ.

އެޗްޑީއެފްސީގެ ދެވަނަ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ގަންނަން ބޭނުންވާ މީހުންނަށް އޮކްޓޫބަރު މަހު 18 ގެ ނިޔަލަށް ފުރުސަތު ލިބޭނެ އެވެ. ޞުކޫކް ގަންނަން ބޭނުންވާ މީހުންނަށް އެޗްޑީއެފްސީގެ އޮފީހުންނާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްްއެސްޑީ) މެދުވެރިކޮށް ވެސް ގަނެވޭނެ އެވެ. އަދި ޕޯސްޓު އޮފީހުގެ ބްރާންޗުތަކުން ވެސް ގަނެވެ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން އައްޔަން ކޮށްފައިވާ ސްޓޮކްބްރޯކާސް ދެ ކުންފުނިން ވެސް މި ހިދުމަތް ލިބޭނެ އެވެ.

އެޗްޑީއެފްސީން ހުޅުވައިލި، ދެވަނަ މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ނުވަތަ ހިއްސާ ވިއްކަކީ 150 މިލިއަން ރުފިޔާ ހޯދާށެވެ. މިގޮތުން 10 އަހަރަށް އިންވެސްޓް ކުރުމަށް ހުޅުވާލާ މި ފުރުސަތުގައި އާންމުންނާއި ކުންފުނި ތަކަށް ވެސް ޞުކޫކް ގަތުމުގެ ފުރުސަތު ލިބޭނެ އެވެ. މިގޮތުން ޞުކޫކް ގަންނަ ނިސްބަތަކުން 65 ޕަސެންޓް ފައިދާ ގަންނަ ފަރާތަކަށް ލިބޭނެ އެވެ. އަދި ބާކީ އޮތް 35 ޕަސެންޓް ހިމަނާނީ "އެޗްޑީއެފްސީ އަމްނާ" އިން ގެދޮރު މަޝްރޫއު ތަކުން ލިބޭ ފައިދާއިންނެވެ. އެޗްޑީއެފްސީ އަމްނާއަކީ އިސްލާމިކް ޝަރީއާ ހުއްދަ ކުރާ އުސޫލުން ގެދޮރު ހެދުމަށް އުފައްދާފައިވާ ބައެކެވެ.

އެޗްޑީއެފްސީ އިން ފުރަތަމަ ޞުކޫކް ވިއްކާފައިވަނީ 2013 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި ވިއްކި ފުރަތަމަ ޞުކޫކް އެވެ. މިގޮތުން އެ ކުންފުނިން 500ރ. ގެ މަގުން ޞުކޫކް ވިއްކަން އެ ފަހަރު ހުޅުވައިލީ 50 މިލިއަން ރުފިޔާ ހޯދުމަށެވެ. އެ ފަހަރު ސްކޫކް ގަނެފައިވަނީ 467 ފަރާތަކުންނެވެ. އަދި އެ ފަހަރު ލިބުނީ 22 މިލިއަން ރުފިޔާ އެވެ.

މި ކުންފުނި އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓްވާ ކުންފުންޏެކެވެ.