ހައްޖުގެ އަޅުކަން

ހާލުޖައި ޖެހުނު މީހުނަށް ވިސާ ދިނީ ގްރޫޕު ހަމަޖެހޭކަން ކަށަވަރު ކޮށްދިނުމުން!

އެއްވެސް ގްރޫޕަކާ ނުގުޅި އަމިއްލަ މީހަކަށް ފައިސާ ދައްކައިގެން ހައްޖުގެ އަޅުކަމަށް ދިޔަ ހަތަރު ދިވެހިންނަށް ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ވިސާ ދީފައިވަނީ، އެ މީހުންނާ ހަވާލުވާނެ ބަޔަކު ތިބި ކަމަށް ބުނެ ސިޓީ ހުށަހަޅާ، ކަށަވަރުކޮށްދިނުމުން ކަން އެނގިއްޖެ އެވެ.

މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދިން އެއްވެސް ޖަމާއަތަކާ ގުޅުމެއް ނެތި، ހައްޖުގެ އަޅުކަމަށް އިއްޔެ ސައުދީއަށް ގޮސްފައި ވަނީ އުމުރުން 74 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނެކެވެ. ދެން ތިބި ދެމަފިރިންނަކީ 37 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެކެވެ.

އެ މީހުން ސައުދީއަށް ދިޔުމަށް ފަހު ހަވާލުވާނެ ބައެއް އަދި ހުންނާނެ ތަނެއް ވެސް ހަމަޖެހިފައި ނެތުމުން ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ. ނަމަވެސް ސައުދީ އެމްބަސީ އިން ވިސާ ޖަހާދީފައި އޮތުމުން އެ ގައުމުގައި ހުރި ރާއްޖޭގެ މިޝަންއަށް އެ މީހުން ނެރެދެވުނެވެ. ނަމަވެސް އެއްވެސް ޖަމާއަތަކާ ނުގުޅި ސައުދީ އެމްބަސީއިން ވިސާ ޖަހާ ދިނީ ކީއްވެތޯ އިސްލާމިކް މިނިސްޓްރީން އަންނަނީ ބަލަމުންނެވެ.

ނަމަވެސް އެ ހަތަރު މީހުން ހައްޖަށް ދިޔުމަށް ވިސާ ޖަހާދިނުމަށް އެމްބަސީއަށް ސިޓީ ހުށަހަޅާފައިވާ ކަން އަވަސް އަށް ވަނީ އެނގިފަ އެވެ. އަދި އެ މީހުން ހުށަހަޅި ސިޓީތަކުގެ ކޮޕީއެއް "އަވަސް"އަށް ވަނީ ލިބިފަ އެވެ. އެގޮތުން އުމުރުން 74 އަހަރާއި 56 އަހަރުގެ މީހާ ހުށަހެޅި ސިޓީގައި ބުނެފައި ވަނީ އެ މީހުންނާއި ހަވާލުވާނެ ފަރާތް ސައުދީގެ ޖެއްދާއަށް ދިޔުމުން ހަމަޖެހޭނެ ކަމަށާއި ދެން ހުރި ހުރިހާ ކަމެއް ވެސް އަމިއްލައަށް ހަމަޖައްސާނެ ކަމަށެވެ.

ނަމަވެސް އިތުބާރު ހުރި މަސްދަރަކުން އަވަސް އަށް ވިދާޅުވި ގޮތުގައި އެއްވެސް ޖަމާއަތަކާ ނުގުޅި ސައުދީއަށް ގޮސްފި ނަމަ މައްސަލަތަކެއް ދިމާވެދާނެ ކަމަށް ސައުދީ އެމްބަސީއިން އެ މީހުންނަށް ތަކުރާރުކޮށް ވަނީ އަނގާފަ އެވެ. ނަމަވެސް އެ މީހުންނަށް ވަނީ ހުރިހާ ކަމެއް ހަމަޖެހޭނެކަން ކަށަވަރުކޮށްދީފަ ކަމަށާއި އެހެންކަމުން އެ މީހުންނަށް ވިސާ ޖަހާދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ދެން ހުރި ދެމަފިރިންގެ ފަރާތުން އެމްބަސީއަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެ މީހުންގެ ހުރިހާ ކަމަކާ ސިސިލްފަރުން ޖަމާއަތުން ހަވާލުވާނެ ކަމަށެވެ. އަދި އެ ޖަމިއްޔާގެ ތައްޔަގަނޑު ޖަހާ އެންމެ އިސް ވެރިޔާގެ ނަމާ ސޮއި ޖަހާފައިވާ ލިޔުމެއް ވެސް އެ މީހުން ވަނީ އެމްބަސީއަށް ހުށަހަޅާފަ އެވެ. ސިސިލްފަރުންގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބުނެވަނީ އެ ދެމަފިރިންނާ ހަވާލުވެ ހުރިހާ ކަމެއް ބަލަހައްޓާދޭނެ ކަމަށެވެ.

ނަމަވެސް އެ ދެމަފިރިން ސައުދީއަށް ދިޔުމުން އެ ޖަމިއްޔާއިން އެ މީހުންނާ ހަވާލުވެފައެއް ނުވެ އެވެ. ނަމަވެސް އެ ހަތަރު މީހުން ދާނެ އިތުރު ތަނެއް ނެތުމުން އެއް ދުވަހަށް އެ ޖަމިއްޔާގެ ހޮޓަލުގައި ބަހައްޓާދިނެވެ. މިކަމާ ގުޅޭ ގޮތުން ސިސިލްފަރުންގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އެ ހަތަރު މީހުން އެމްބަސީއަށް ހުށަހަޅާފައިވާ ސިޓީތައް ހުރީ އަރަބިން ލިޔެފަ އެވެ. އަދި އެ މީހުން ހައްޖަށް ގެންދިޔުމަށް އަމިއްލަ ފަރާތަކުން 70،000 ރުުފިޔާ ނަގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އަދި އެ މީހުން އަތުން ފައިސާ ނަގާފައި ވަނީ ރައްޖޭގައި ނަން ހިނގާ ޝޭހެކެވެ. ފައިސާ ނެގި ފަރާތުން އެމީހުންނަށް ދީފައި އޮތީ ސިސިލްފަރު ޖަމާއަތުގެ އޮފިޝަލެއް ކަމަށްވާ އިރުޝާދުގެ ނަންބަރު ކަމަށާއި އެއާޕޯޓުގައި ހުރެފައި އިރުޝާދަށް ގުޅުމުން ޓެކްސީއެއް ނަގައިގެން އައުމަށް ބުނި އެވެ.

އެއްވެސް ބަޔަކާ ހަވާލުނުވެ ދިޔަ ހަތަރު މީހުންނަށް މައްސަލަތަކެއް ދިމާވި ނަމަވެސް ސައުދީ އެމްބަީއިން މި އަހަރު ވަނީ ހުރިހާ ހައްޖު ގްރޫޕުތަކަށް ވިސާ ޖެހުމުގެ މަސައްކަތް އެއްވެސް މައްސަލައެއް ނެތި ނިންމާދީފަ އެވެ. އަދި އަލަށް ލިބުން ކޯޓާތަކުގެ ތެރެއިން ވެސް ހައްޖު ކޯޕަރޭޝަނަށް ލިބުނު 500 ފަރާތައް ވެސް އެމްބަސީއިން ވަނީ ވިސާ ޖަހާދީފަ އެވެ.