ލައިފްސްޓައިލް

ފިރިހެނުން ކިޔާލަން: ހަން އޮމާން ފިރިއަކަށް ވެވިދާނެ!

Aug 26, 2017
4

ފިރިހެނުންނާއި ހިލާފަށް އަންހެނުންނަކީ ތޮބީއީ ގޮތުން ވެސް ރީއްޗަށް ލޯބި ކުރާ ބައެކެވެ. ހާއްސަކޮށް ލޯގަނޑު ކުރިމަތީ ފަރި ބަލަން ގިނައިރު ވަނީ އެކަމުން އެމީހުންނަށް ލިބޭ އުފަލަކާ ހިތްހަމަޖެހުމެއް ވެސް އޮތީމަ އެވެ. އެއީ ކޮންމެހެން ފިރިހެނުންނަށް ދެއްކުމަށް ވުރެ ބޮޑަށް އެމީހުން އަމިއްލައަށް ލިބޭ ހިތް ހަމަ ޖެހުމެއްގެ ބޮޑު ކަމުންނެވެ.

އަދި އެނގޭ ހެއްޔެވެ؟ އަންހެން ކުއްޖަކު ސެޓު ކުރަން އުޅޭއިރު ނުވަތަ އޮފީހެއްގެ މީޓިން އަކަށް ދާއިރު މޫނު ތެޔޮ ކޮށްގެން ތިބޭ ފިރިހެނުން ފެނުމުން އަންހެނުންވެސް ފޫހިވެ އެވެ. އެހެންވެ ކޮންމެހެން ވެސް ފިރިހެނުން ރީތިވާން އެބަޖެހެ އެވެ.

ފިރިހެނުންގެ ހަމަކީ ތެޔޮވެފައި ބޯ ހަމަކަށް ވާއިރު، ފިރިހެނުން މޫނު ދޮވުމަށާއި ފެންވަރާއިރު ބޭނުންކުރާ ސައިބޯނި ވެސް އަންހެނުންނާއި ތަފާތުވާނެ އެވެ. އެހެންވީމަ އަނބިމީހާގެ ފޭސް ވޮޝް އިން މޫނު ދޮވުން ދެން ހުއްޓާލާށެވެ. ސަބަބަކީ އަންހެނުންގެ ހަމާއި ފިރިހެނުންގެ ހަން ތަފާތުވުމުން ޕްރޮޑަކްޓް ތަކުގައި ބޭނުން ކޮށްފައި ހުންނަ ތަކެއްޗަކީ ފިރިހެނުންގެ ހަމާއި ނުގުޅޭ ތަކެއްޗެވެ. ދެން އެހެންވީމަ ފެންވަރާއިރު އަނބިމީހާގެ ޝަވަ ޖެލް ފުޅި ވެސް ބޭނުން ނުކުރައްޗެވެ.

ފިރިހެނުންގެ މޫނާއި ގުޅޭ ފިރިހެނުންނަށް ހާއްސަ ފޭސް ވޮޝްއެއް ބޭނުން ކުރަން އަބަދުވެސް އާދަ ކުރާށެވެ. އާދަކޮށް ކޮންމެ ދުވަހަކު ވެސް ހެނދުނު ތެދުވެ ރަނގަޅަށް މޫނު ދޮވުމަށްފަހު، ހަމާއި ގުޅޭ މޮއިސްޗަރައިޒާއެއް ބޭނުން ކުރާށެވެ. މިއީ މީހާގެ ޒުވާންކަން އިތުރުކޮށްދީ ހަމުގެ އުޖާލަކަން ހިފެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ވެސް ނިދުމުގެ ކުރިން މޫނު ރަނގަޅަށް ދޮވެލުމަށްފަހު، ރޯސް ވޯޓާ ފެން ފޮދަކުން މޫނު ރަނގަޅަށް ސާފު ކޮށްލުމަކީ ވެސް މީހާ ތާޒާ ކުރުވާނެ ކަމެކެވެ. އަދި ތުނބުޅި ބޭލުމުގެ ކުރިން ވެސް އެ ބޭނުންކުރާ ޝޭވިން ކްރީމެއްގެ ތެރެއަށް ރޯސް ވޯޓާ ފޮދެއް އެއްކޮށްލުމުން ވެސް ހަމަ ލިބޭ ގެއްލުން ކުޑަވެފައި ރީތި ކަމަށް ދައްކާނެ އެވެ.

މޫނުގައި ހާއްސަކޮށް ނޭފަތް މަތީގައި ނަގާފައި ހުންނަ ބްލެކް ހެޑްސް ސާފު ކުރުމަށް ހަފުތާއަކު ދެ ފަހަރު ނަމަވެސް ރަނގަޅަށް ސްކްރަބް ކޮށްލަން ވާނެ އެވެ. މޫނު ތެޔޮވުމުގެ ސަބަބުންނާއި ހިރަފުހުގެ ސަބަހުން ހަމުގެ ލޯވަޅުތަކުގައި އުފެދޭ ބްލެކް ހެޑްސް ނައްތާލުމަށް މިހާރު ތަފާތު މާސްކްތައް ވެސް ހަދާފައި އެބަހުއްޓެވެ. ސްކްރަބް ކުރަން އުނދަގޫ ނަމަ އޭގެ މާސްކެއް ވެސް ބޭނުން ކޮށްލެވިދާނެ އެވެ.

ގިނަ ފިރިހެނުންނަކީ މަސައްކަތުގެ ގޮތުން އަވީގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ ބަޔަކަށް ވާއިރު، ސަން ލޯޝަނެއް ބޭނުން ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ އިރުގެ އަވިން މީހާގެ ހަމަށް ލިބޭ ގެއްލުމުން ސަލަމާތްކޮށްދީ މީހާ އަވަހަށް މުސްކުޅި ކަމަށް ދައްކާ އަވިން ހަން އެދުމުން ސަލާމަތް ކުރުމުގެ ގޮތުން ވަރަށް މުހިންމު ކަމެކެވެ.

މީގެ އިތުރުން ވެސް ހަފްތާއަކު އެއްފަހަރު ނަމަވެސް ފޭޝިއަލް ބޭނުން ކޮށްލުމަކީ މޫނުމަތީގައި މަރުވެފައި ހުންނަ ހަންތައް ސާފުކޮށްދީ މޫނުގައި ނަގާ ބިހިން ސަލާމަތް ވުމަށް ވެސް ކުރެވިދާނެ ކަމެކެވެ.

ރީތިވުމަކީ ހަމައެކަނި އަންހެނުން އެކަނި ކުރަން އޮންނަ ކަމެއް ނޫނެވެ. އެއީ އަންހެން ދުޅާ ވުމެއްވެސް ނޫނެވެ. އަދި މިފަދަ ކަންކަމަކީ ފިރިހެނުން ވެސް ރީތިކޮށް ތިބެން ކުރަން މުހިންމު ކަންކަމެވެ. މިކަމުގައި ލަދުގަންނަން ޖެހޭ ކަމެއް ނެތެވެ.