ހަބަރު

ޕީޖީން ހެއްކަށް ނުފޫޒު ފޯރުވަން އުޅުން ކަމަށް ތުހުމަތުކޮށްފި

ގާނޫނީ ވާޖިބު އަދާކުރަން ހުރި މުވައްޒަފަކަށް ހުރަސް އެޅި ކަމަށް ބުނެ އިދިކޮޅު 12 މެންބަރުންނަށް ޖިނާއީ ދައުވާ ކޮށްފައިވާ މައްސަލާގައި ހެކި ދޭ ފުލުހުން، ޕްރޮސެކިއުޓާ ޖެނަރަލް އޮފީހަށް ހާޒިރުކޮށް ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ކަމަށް އިދިކޮޅު އިއްތިހާދުން ތުހުމަތު ކުރައްވައިފި އެވެ.

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ފަރާތުން މިއަދު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރުން އަހުމަދު މަހުލޫފް ވިދާޅުވީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި ހެކި ދޭން ގިނަ ފުލުހުން ދެކޮޅު ކަމަށެވެ. އަދި މިދިޔަ މަހު 24 ވަނަ ދުވަހު މެންބަރުން މަޖިލީހަށް ވަތް މައްސަލާގައި އެކި ފުލުހުން ދީފައިވާ ބަޔާންތައް ދިމާ ނުވާ ކަމަށެވެ.

އެހެންކަމުން އެ މައްސަލާގައި ހެކި ދޭން ހުރިހާ ފުލުހުން ޕީޖީ އައިޝަތު ބިޝާމްގެ އެދިވަޑައިގަތުމަށް އެ އޮފީހަށް ގެންގޮސް ދައުލަތުގެ ވަކީލުންނާ ބައްދަލުކުރުވާފައިވާ ކަމަށާއި ހުރިހާ ފުލުހުން އެއްތަނަކަށް ޖަމާކޮށް ޝަރީއަތުގައި އެ މީހުންނަށް ކުރިމަތި ކުރުވާނެ ސުވާަލުތަކާ މެދު ޕީޖީ އިން މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއީ އަޅުގަނޑުމެންގެ މިނިވަން މުއައްސަސާތަކުން ކަންތައް ކުރާ ގޮތް، އެހެންވެ ހެއްކަށް ނުފޫޒު ފޯރުވާތީ ފުރަތަމަ ހައްޔަރު ކުރަންވީ ބިޝާމް ނޫންތޯ، ވަރަށް ގިނައިން މުއްދަތު މަޖިލީހުގައި އަޑުއިވޭ ނޫންތޯ ހެއްކަށް ނުފޫޒު ފޯރުވާތީ ހައްޔަރުކޮށް ބަންދު ކުރާކަން،" މަހުލޫފް ވިދާޅުވި އެވެ.

މިއީ އަޅުގަނޑުމެންގެ މިނިވަން މުއައްސަސާތަކުން ކަންތައް ކުރާ ގޮތް، އެހެންވެ ހެއްކަށް ނުފޫޒު ފޯރުވާތީ ފުރަތަމަ ހައްޔަރު ކުރަންވީ ބިޝާމް ނޫންތޯ، ވަރަށް ގިނައިން މުއްދަތު މަޖިލީހުގައި އަޑުއިވޭ ނޫންތޯ ހެއްކަށް ނުފޫޒު ފޯރުވާތީ ހައްޔަރުކޮށް ބަންދު ކުރާކަން،
އަހުމަދު މަހުލޫފު

މަހުލޫފް ވިދާޅުވީ އޭނާއަށް އެ މައުލޫމާތު ލިބުނީ ޕީޖީއަށް ހާޒިރު ކުރި ފުލުހެއްގެ ފަރާތުން ކަމަށެވެ. އަދި ޕީޖީ އިން ހެއްކަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތް ކޮންމެ ފުލުހަކު ވެސް ޝަރީއަތުގައި ކިޔާ ނުދޭންވީ ސަބަބެއް ނޯންނާނެ ކަމަށެވެ.

ދައުވާ އުފުލާފައިވާ މެންބަރުން

  • ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)
  • ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
  • ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)
  • ހެންވޭރު އުތުރު ދާއިރާގެ އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
  • ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު
  • ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން
  • ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް
  • މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު
  • ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
  • ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ)

މީގެ އިތުރުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ސިފައިންނާމެދު މާރާމާރީ ހިންގި ކަމަށް ބުނެ ވެސް ބައެއް މެންބަރުންގެ ޕާސްޕޯޓް ހިފަހައްޓާފައިވެ އެވެ. އެގޮތުން އެ މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފަ އެވެ.