ހަބަރު

ވޯޓުން ބަލިވުމުން ޝައިނީގެ އިސްތިއުފާއަށް ގޮވަނީ

އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި ރާއްޖެއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީގެ އިސްތިއުފާއަށް ގޮވާލަން ފަށައިފި އެވެ. ޝައިނީއަކީ ރާއްޖެއަށް އެ ގޮނޑި ހޯދުމުގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވި މިނިސްޓަރެވެ.

އެ ވޯޓުގެ ކުރިން މިނިސްޓަރު ވަނީ ރާއްޖެއަށް ގޮނޑި ކާމިޔާބުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފަ އެވެ. ނަމަވެސް ރާއްޖެއަށް ވޯޓުގައި ލިބުނީ 46 ގައުމެއްގެ ވޯޓެވެ. ރާއްޖެއާ ވާދަކުރި އިންޑޮނޭޝިއާއަށް 144 ވޯޓު ލިބުނެވެ.

އެހާ ފަރަގު ބޮޑު ގޮތެއްގައި ރާއްޖެ ބަލިވުމުން އިދިކޮޅު ފަރާތްތަކުގެ ފާޑުވިދާޅުވުން އެންމެ ބޮޑަށް އަމާޒުވީ މިނިސްޓަރު ޝައިނީއަށެވެ. ޝައިނީ ކުރެއްވި ކެމްޕެއިނުގެ އެއްވެސް ފައިދާއެއް ނުވެ ރާއްޖެއަށް މަދު ވޯޓު ލިބުމުގެ ޒިންމާ ޝައިނީ އުފުލައި އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް އެ ފަރާތްތަކުން ދަނީ ވިދާޅުވަމުންނެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، ކައުންސިލްގެ ގޮނޑިއަށް ކެމްޕެއިން ކުރުމުގެ ނަމުގައި ދައުލަތުގެ މާލިއްޔަތުން ބޮޑެތި ހަރަދުތައް ކޮށްގެން ދުނިޔޭގެ އެކި ތަންތަނަށް ދަތުރުކޮށް ދެ އަހަރުވަންދެން ޝައިނީ ކުރި ކަމަކީ ފޮޓޯ ނަންގަވައި ޓްވީޓް ކުރެއްވުބް ކަމަށެވެ.

"ޝައިނީ ލަދު ގަންނަން ޖެހޭނެ، މިހާރު އިސްތިއުފާ ދެއްވާ،" އަމީތު ވިދާޅުވެފައި ވެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ، ދައުލަތު އެތައް މިލިއަން ޑޮލަރެއް ހަރަދުކޮށްގެން ދުނިޔޭގެ އެތައް ގައުމަކަށް ބިޒްނަސް ކްލާހުގައި ދަތުރުކުރިއިރު މިއަދު ރައްޔިތުންނަށް ލިބުނު ހުތުރު ނަމުގެ ޒިންމާ ޝައިނީ އުފުލަން ޖެހޭނެ ކަމަށެވެ. އަދި މިކަމުގައި އިސްކޮށް އުޅުނު ފަރާތްތައް ވަގުތުން އިސްތިއުފާ ދޭންޖެހޭ ކަމަށެވެ.

"ދެ އަހަރުގެ މަސްކަތުން ވެސް ޔޫއެންއެސްސީ ވޯޓުން ފެއިލްވެ ގައުމު ލަދު ގަންނުވާލައިފި، ޝައިނީ އިސްކޮށް ހުރި ޓީމުގެ ނާގާބިލްކަން މުޅި ދުނިޔެއަށް ސާބިތުވެއްޖެ،" ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދަނޑުވެރިންނާއި މަސްވެރިންނަށް ސަބްސިޑީ ނުދެވުނު ބޭފުޅަކަށް އިތުރު އެހެން ކަމެއް ވެސް ނުވާނެ ކަމަށެވެ.

ކައުންސިލްގެ ގޮނޑިއަށް އިންޑޮނޭޝިއާ ފަދަ ބޮޑު ގައުމަކަށް ރާއްޖެ ފުރަތަމަ ފަހަރަށް ވާދަކޮށް ބަލިވުމަކީ މައްސަލައެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ވެސް ދެއެވެ. ފާޑުކިޔުންތަކާއެކު ވެސް މިނިސްޓަރު ޝައިނީ ވަނީ އޭނާއާއެކު މަސައްކަތްކުރި ޓީމަށް ސާބަސް ދެއްވާފަ އެވެ.

ވޯޓަށްފަހު މިނިސްޓަރު ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމު ބަލިވި ނަމަވެސް ކާމިޔާބު ހޯދުމަށް ކުރީ ބުރަ މަސައްކަތެއް ކަމަށެވެ. އެ ޓީމުގައި ހިމެނިވަޑައިގަތުމަކީ ފަހުރެއް ކަމަށާއި އެކަމުގައި ދެން އުޅުނު ހުރިހާ ފަރާތްތަކަށް ސެލިއުޓް ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.