ހަބަރު

ދުންޔާ ހުރި ފަޅި ސާފުކޮށްދޭން ގޮވާލައިފި

ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ހުންނެވި ފަޅިއެއް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޮވާލައްވައިފި އެވެ.

މަހުލޫފް މިހެން ގޮވާލެއްވީ ސްރީލަންކާގެ ޓީވީއަކަށް ދުންޔާ ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ. އެ އިންޓަވިއުގައި ދުންޔާ ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތައުރީފް ކުރައްވާފަ އެވެ.

އޭގެއިތުރުން ރައީސް ޔާމީން ވަނީ އިގްތިސޯދީ ގޮތުން ރާއްޖެއަށް ކުރިއެރުންތަކެއް ހޯދައިދެއްވާފަ ކަމަށާއި ނަމަވެސް އިދިކޮޅު ޕާޓީތަކުން ރާއްޖޭގައި ޑިމޮކްރަސީ އޮތް ހާލަތާ ގުޅޭ ގޮތުން ފާޅުކުރަނީ ރަނގަޅު ކަންބޮޑުވުންތަކެއް ކަމަށް ދުންޔާ ވިދާޅުވެފައިވެ އެވެ.

އެކަމާ ގުޅިގެން މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައި ދުންޔާ ވިދާޅުވެފައިވަނީ އޭނާ އިދިކޮޅަށް ތާއިދު ނުކުރައްވާ ކަމަށާއި ހަމައެކަނި މަސައްކަތް ކުރައްވާނީ ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމް މިނިވަންކުރުމަށް ކަމަށް ވިދާޅުވެފަ ކަމަށެވެ. އެހެންވީއިރު މިހާރު އިދިކޮޅަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވާ ސަބަބު އޮޅުންފިލުވައިދެއްވުމަށް މަހުލޫފް އެދިވަޑައިގަތެވެ.

"ތި ހުންނެވީ އަޅުގަނޑުމެންނާއެކުތޯ ނުވަތަ ނޫންތޯ، ދުންޔާ މިކަން އިދިކޮޅު ކޯލިޝަނާއި ރައްޔިތުންނަށް ސާފުކޮށް ދެއްވާ،" މަހުލޫފް ވިދާޅުވި އެވެ.

ދުންޔާ ދެވަނަ ފަހަރަށް ސަރުކާރުން އިސްތިއުފާ ދެއްވީ ރައީސް މައުމޫން ހައްޔަރުކުރިތާ މަހެއްވާ ގާތްވެފައިވަނިކޮށެވެ. ބައްޕާފުޅު ހައްޔަރުކުރުމުން ވެސް ސަރުކާރުގައި ހުންނެވުމުން އޭރު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ރައީސް މައުމޫން ހައްޔަރުކުރި ފަހުން ދެއްވި އިންޓަވިއުއެއްގައި ވެސް ދުންޔާ ރައީސް ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަވާފަ އެވެ. "އިންޑިއަން އެކްޕްރެސް"އަށް ދިން އިންޓަވިއުއެއްގައި ދުންޔާ މައުމޫން ވިދާޅުވެފައިވަނީ، "ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ކަންބޮޑުވުންތައް ހުރިކަން އެނގޭ، އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި އެ ފިޔަވަޅަން އަޅަން ރައީސް ޔާމީނަށް ޖެހިވަޑައިގަތީ ގައުމުގެ ހަމަޖެހުމަށް،" ކަމަށެވެ.

އޭގެފަހުން ކުއްލި ހާލަތަށް ފާޑުވިދާޅުވެ އޭގެ ދަށުން ހައްޔަރުކޮށްފައިވަނީ ސިޔާސީ ހައްޔަރީން ކަމަށް ދުންޔާ ސިފަ ކުރައްވާފައިވެ އެވެ. އެކަމާ ގުޅިގެން ޕީޕީއެމްއިން ވެސް ދުންޔާއަށް ފާޑުކިޔުން އަމާޒުކުރި އެވެ. އަދި އޭނާ ކޮންމެވެސް އެއްގޮތަކަށް ވާހަކަ ދެއްކުމަށް އެ ޕާޓީން އެދުނެވެ.