ލައިފްސްޓައިލް

ކަސްރަތު ކުރާ އަންހެނުންނަށް ކަންކަން ދަސްކުރަން ފަސޭހަ

Aug 29, 2017

ކަސްރަތުކޮށްގެން ރަނގަޅު ބަދަލުތައް އަންނަނީ ހަށިގަނޑުގެ މަސްތައް އަދި ކަށިގަނޑަކަށް ނޫނެވެ. އެއީ ސިކުނޑިއަށް ބޮޑެތި ބަދަލުތައް ގެނެސްދޭ ކަމެކެވެ. ނިކަން ފަހުން ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސް (ޔޫއެންއެސްޑަބްލިއު) އިން ކުރިއަށް ގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ކަސްރަތު ކުރާ އަންހެނުންނަށް ކަންތައްތައް ދެނެގަނެ ދަސްކުރަން އަދި ހަނދާނުގައި ބަހައްޓަން ފަސޭހަ އެވެ.

ދުއިސައްތަ ފަސްދޮޅަށް ފަސް ބައިވެރިން ބޭނުންކޮށްގެން އެ ދިރާސާ ހަދާފައިވަނީ ފިލާވަޅެއް ދަސްކުރުމަށްފަހު ފަސް ވަރަކަށް މިނެޓުގެ ލޯ އިމްޕެކްޓް އެރޮބިކްސް ހަދައިގެންނެވެ. އަދި ފިލާވަޅު ދަސްކޮށްފައި ކަސްރަތު ނުކޮށެވެ. ބައިވެރިން ދެ ބަޔަށް ބަހާލައިގެންނެވެ. އޭގެ ހަތަރު އެކްސްޕެރިމެންޓެއް ހަދާފައިވާއިރު އެ އެކްސްޕެރިމެންޓްތަކުގައި އެ އަންހެނުންނާއެކު އެމީހުން ނުދަންނަ ފިރިހެނުން ބައިވެރިކުރި އެވެ. ޖޯޑު ހަމަކޮށް ކުރިއަށް ގެންދިޔަ އެ ދިރާސާއިން ދެއްކި ގޮތުގައި ކަސްރަތަށްފަހު ގިނަ އަންހެނުން އެމީހުންގެ އެކްސްޕެރިމެންޓް ބައިވެރިޔާގެ ނަމާއި އަދި ހުރިހާ އެންމެންގެ ތެރެއިން އެ މީހާ ވަކިކޮށް ދެނެގަންނަން އެނގުނެވެ. އެހެން ނަމަވެސް ކަސްރަތު ނުކުރާ މީހުންނަށް ފަސް ވަރަކަށް މިނެޓު ވަންދެން ވަގުތު ހޭދަކުރި ނުދަންނަ މީހާ ފަހުން ދެނެގަންނާކަށް ނޭނގުނެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި ކަސްރަތުގެ ސަބަބުން ކަންކަން ދެނެގަންނަށް ފަސޭހަ ވަނީ އަންހެނުންނަށް އެކަންޏެވެ. ފިިރިހެނުންނަކަށް އެއްވެސް ބަދަލެއް ނާދެ އެވެ.

އެ ދިރާސާ ކުރިއަށް ގެންދިޔަ ސިއްހީ މާހިރުން ވަނީ ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީގައި ކިޔަވާ އަންހެން ކުދިންނަށާއި އަދި އުމުރުން ދުވަސްވީ އަންހެނުންނަށް ކަސްރަތު ކުރަން އިލްތިމާސްކޮށްފަ އެވެ. ކަންކަން އަވަހަށް ދެނެގަނެ ގިނަ ވަގުތު ހަނދާން ބެހެއްޓުމަކީ އެމީހުންނަށް މުހިންމު ކަަމަކަށް ވާނެތީ އެވެ.

މީގެއިތުުރުން ކަސްރަތު ކުރަންވީ ކިހާ އިރެއްވަންދެން ކަމާއި، ކޮން ކަހަލަ ކަސްރަތުތަކެއްކަން ފައިނަލްކޮށް ބުނަން އެނގޭނީ އިތުރު ދިރާސާތައް ހަދާފައި ކަމަށް އެ ޔުނިވާސިޓީން ބުނެ އެވެ.