ހަބަރު

ޗައިނާ ނޭވީގެ ކޮމާންޑަރެއް ނައިބު ރައީސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން އުޅަނދުގެ ކޮމާންޑަރު ރެއާ އެޑްމިރަލް ޝެން ހާއޯ، ނައިބު ރައީސް އަބްދުالله ޖިހާދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދުގައިވާ ހާރިޖީ ގުޅުމަށް 45 އަހަރު މިއަހަރު ފުރޭނެ ކަމަށާއި ކުރިއަށްއޮތް ތަނުގައި ވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ނައިބް ރައީސް ވަނީ ޗައިނާގެ ފަރާތުން ރާއްޖެ ތަރައްގީ ކުރުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފަ އެވެ.

ކޮމާންޑަރު ވިދާޅުވީ ޗައިނާގެ ރައީސް، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމަށާއި ދެ ގައުމުގެ
ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި ޗައިނާގެ ވަފްދު ރާއްޖެ ވަޑައިގަތުމުން ރާއްޖޭން ކިޔާފައިވާ ހޫނު
މަރުހަބާއަށް ޝުކުރު އަދާކޮށްފައި ވެއެވެ.

އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ނައިބު ރައީސްގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ އަހުމަދު ހަލީލާއި ފޮރިން ރިލޭޝަންސްގެ އަންޑަސެކްރެޓަރީ ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޒަންގް ލިޒޯންގް ބައިވެރިވެވަޑައިގެންނެވިއެވެ.