ލައިފްސްޓައިލް

ކުޑަކުދިންނަށް ބޭނުންކުރާ މި ތަކެތީގައި ޖަރާސީމު ހިފާ!

Sep 2, 2017

ކުޑަ ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ލާ ހިސާބުން އަދި އެކުއްޖާ ގެއަށް ގެންނަ ހިސާބުން ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭ އެއް ކަމަކީ ވީހާވެސް ސާފުތާހިރުކޮށް އަދި ދުޅަހެޔޮ ސިއްހަތެއްގައި އެކުދިން ބޮޑުކުުރުމެވެ. ކުދިންގެ އަންނައުނާ އެކުދިންގެ ކުޅޭ ސާމާނު އަދި ކާންދޭން ބޭނުންކުރާ ތަށި އަދި ސަމްސާ ފަދަ ތަކެތިވެސް ވީހާވެސް ސާފްތާހިރުކޮށް ގެންގުޅެ އެވެ.

ނޭނގިނަމަވެސް އެކުދިންނަށް ބޭނުންކުރާ ބައެއް އެއްޗެއްސަކީ އޭގައި ގިނަ އަދަދަކަށް ޖަރާސީމް ހުންނަ އެއްޗެއްސެވެ. ސައިންސްވެރިން ބުނަނީ ފާހާނަގައި ޖަރާސީމް ހުންނަ މިންވަރަށްވުރެ ގިނައިން އެތަކެތީގައި ޖަރާސީމް ހުންނާނެ ކަމަށެވެ.

ފުރަތަމަ އެއްޗަކީ ރެކްޝާ އެވެ. ނުވަތަ ސްޓްރޯލާ އެވެ. ސްޓްރޯލާއަކީ ކުދިން ގޮވައިގެން ދާ ހުރިހާ ތަނަކަށް ކަހަލަ ގޮތަކަށް ކުދިން ލައިގެން ގެންދާ އެއްޗެކެވެ. މަގުމަތީގައި އާ ޕަބްލިކް ޕާކުތަކަށް ކުދިން ގޮވައިގެން ދަނީ ސްޓްރޯލާގަ އެވެ. މަގުމަތީގައި ހުންނަ ކުންޏާއި މަގުމައްޗަށް މީހުން ކުޅުޖެހުމުން އުފެދިފައި ހުންނަ ޖަރާސީމްތައް ސްޓްރޯލާއަށް އަރަ އެވެ.

ސްޓްރޯލާ ސާފްކުރުމަށް ހޫނުފެން ބޭނުންކުރާށެވެ. ހޫނު ފެނާއި ސައިބޯނި ބޭނުންކޮށްގެން ދޮވުމަށްފަހު ސެނިޓައިޒިން ސްޕްރޭއެއްވެސް ބޭނުންކުރެވިދާނެ އެވެ.

ކުދިންގެ އަނގަޔަށް ޖަހާފައި އިންނަ ތުމަކީވެސް ނިކަން ފަސޭހައިން ޖަރާސީމް އުފެދޭ އެއްޗެކެވެ. ކުއްޖާގެ އަނގައިން ތުން ނައްޓާލާ ކޮންމެ ފަހަރަކު ރަނގަޅަށް ނުދޮންނަނަމަ އޭގައި އުފެދިފައި ހުންނަ ޖަރާސީމުން ކުއްޖާއަށް ބޭރަށް ހިންގުން ކަހަލަ ބަލިތައް ޖައްސަ އެވެ. ކުއްޖާއަށް ބޭނުންކުރާ ތުން ދޮވުމަށްފަހު ހޫނު ފެނަށް ލާންވާނެ އެވެ. ހޫނު ފެނުގައި ފަސް ވަރަކަށް މިނެޓު ވަންދެން ބޭއްވީމަ ރަނގަޅުވާނެ އެވެ.

ބެއާ ކަހަލަ ސޮފްޓް ޓޯއީސް އަކީ ކުޑަކުދިން ވަރަށް ގަޔާވާ އެއްޗެކެވެ. އެފަދަ އެއްޗެއްސަކީ ވަރަށް ފަސޭހައިން އެއަށް ޖަރާސީމް އަރާ އަދި ފަސޭހައިން އޭގައި ހަރުލާ ކަހަލަ އެއްޗެއްސެވެ. އަދި އެއެއްޗެއްސަކީ ޖަރާސީމް ނައްތާލާ، ސާފު ކުރަން އުނދަގޫ އެއްޗެހި ތަކެކެވެ. އެންމެ ފަސޭހައިން އެފަދަ އެއްޗެހި ސާފު ކުރެވޭނީ ހޫނުފެނުން ދޮވެގެންނެވެ. ހޫނުފެނުގައި ދޮވުމަށްފަހު މެޝެނުން ހިއްކުމުގެ ބަދަލުގައި އަވި ނުވަތަ ވައިން ހިއްކާށެވެ. މެޝެނުން ހިއްކައިފިނަމަ އޭގެ ޝޭޕް ބަދަލުވެ ހަަލާކުވެދާނެ އެވެ.