ލައިފްސްޓައިލް

"ސްކްރީން" ތަކާއި ދަރިން ދުރުކުރަންޖެހޭ

Sep 1, 2017
1

މާބޮޑަށް ބޮޑާ ހާކާއި ނުކައި އުޅެންޏާ އެންމެ ފުރަތަމަ ވެސް އަޅުވާލަ ދެވޭނީ ކޮންމެ ވެސް ކަހަލަ ކާޓޫނެކެވެ. ނުވަތަ ތަނެއްގައި ދަރިފުޅު މަޑުން ބައިންދަން ބޭނުންވިޔަސް ދަރިފުޅުގެ އަތަށް ފޯނު ނުވަތަ އައިޕެޑް ފަދަ އެއްޗެއް ދީފައި ކޮންމެ ވެސް ކަހަލަ ގޭމެއް ނުވަތަ ކާޓޫނެއް އަޅުވާފައި ބައިންދަނީ ފަސޭހަ އަކަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ދަރިފުޅުގެ ސިކުނޑި ތަރައްގީވާން ހުރަސް އެޅޭކަން އެނގޭ ހެއްޔެވެ؟

ވިސްނާލާށެވެ. ޓީވީން ދައްކަނީ އެޑިއެކޭޝަނަލް ޕްރޮގްރާމަކަށް ވެދާނެ އެވެ. އަދި ކުއްޖާ އެވަގުތު ހުންނާނީ އޭނާގެ ވަށައިގެން ހިނގާ އެއްވެސް ކަމަކަށް ނުބަލައި ޓީވީން ދައްކާ ޕްރޮގްރާމްގައި ދައްކާ އެއްޗަކަށް ބަލާށެވެ. ނަމަވެސް ފަހުން އެ ޕްރޮގްރާމްގައި ދެއްކި އެއްޗެހި ނުވަތަ ކަމެއް ކުރަން ޖެހުމުން ދަރިފުޅަށް އެކަން ކުރަންވީ ކިހިނެތްކަން ނޭނގި ހުރެ އެވެ. މިސާލަކަށް ޓީވީން ބަލައިގެން އެކަކުން ފެށިގެން 100 އާ ހަމައަށް ކިޔަން ދަރިފުޅު ދަސްކޮށްފާނެ އެވެ. ނަމަވެސް ދެ އައިސް ކިއުބް ހިފައިގެން އަންނާށޭ ބުނުމުން އެ ދޭއް ކަނޑައަޅަން ނޭނގޭ ފަހަރު ދިމާވެ އެވެ.

އެހެންކަމުން ޓީވީ އާއި ފޯނުން ހަމައެކަނި އެއެއްޗެހި ދެއްކުމުގެ ބަދަލުގައި ކުއްޖާ ވަށައިގެންވާ މާހައުލުން އެކުއްޖާ އަށް ތަކެތި ދަސްކޮށްދޭން ޖެހެ އެވެ.

ކުޑަކުދިންގެ ސައިކެޓްރިސްޓުން ވިދާޅުވާ ގޮތުގައި ކުދިންގެ ސިކުނޑި ތަރައްގީ ވާއިރު އެކުދިން އަތަށް ދޭ ކުޅޭ އެއްޗެހީގައި އަތްލުމަށްފަހު އެކުދިން އެ އެއްޗެއް އަނގަޔަށްލައި ރަހަ ބަލައެވެ. އަދި ކުދިން އެއްޗެހީގައި އަތްނުލައި އިހުސާސް ނުކޮށް އެކުދިންގެ ސިކުނޑި ތަރައްގީއެއްނުވާނެ އެވެ.

އަދި ކުއްޖާގެ އަތަށް ޑިޖިޓަލް ސްކްރީން އެއް ދޭ ހިސާބުން އެކުއްޖާ ވަށައިގެންވާ މާހައުލާއި ވަކިވެ އެވެ. އެކުއްޖާގެ ގާތުގައި ހިނގާ އެއްވެސް ކަމެއްގެ ލިސާނެއްވެސް ނުވެ އެވެ. ތިން ހަތަރު ގަޑިއިރު ވަންދެން ކުޑަކުދިން ސްކްރީން ތަކަށް ބަލަހައްޓައިގެން ތިބުމަކީ އެކުދިން ދިރިއުޅޭ ވެށީގައި ހިނގާ ކަންކަމާއި ދުރުވެ، ސިކުނޑި ތަރައްގީވާން ހުރަސް އެޅޭ ކަންކަމެވެ.

ޑިޖިޓަލް ސްކްރީން އެއް ދީފައި އިނގިރޭސި ލަވަޔެއް އަޅުވާފައި ދަރިފުޅު ބޭންދުމުން ކުއްޖާއަށް އިނގިރޭސިން ވާހަކަ ދައްކަން ދަސްވާނެއޭ ހީކުރުމަކީ ކުށްހީ އެކެވެ.

ކުޑަކުދިންގެ ސައިކެޓްރިސްޓުން ވިދާޅުވާ ގޮތުގައި އެއީ އެކުދިން ބަހަށް ނުފަރިތަ ކުރުވާ ވާހަކަ ދެއްކުން ލަސްކުރުވާ ކަމެކެވެ. ސްކްރީނުން ދައްކާ ކާޓޫނަށްވުރެ ބޮޑަށް ދަރިންނަށް ވާހަކަ ދައްކަން އަދި އިހުސާސްތައް ބުނެދޭން ފަސޭހަވާނީ މީހުން ދައްކާ ވާހަކައިން ނެވެ. އެގޮތުން ކުދިންގެ ސިކުނޑި ތަރައްގީ ކުރަން ވީހާވެސް ބޮޑަށް ޑިޖިޓަލް ސްކްރީނަށް އެކުދިން ބަލަހައްޓައިގެން ތިބޭ ވަގުތުތައް މަދުކޮށް އޭނާ އާ ވާހަަކަ ދައްކާ މިންވަރު އިތުރުކުރުމަށް ސައިކޭޓްރިސްޓުން ލަފާ ދެއްވަ އެވެ.