ލައިފްސްޓައިލް

ކާމިޔާބު ކުއްޖެއް ބިނާކުރާނީ ކިހިނެއް؟

Aug 31, 2017

ރެއާއި ދުވާލު އެންމެން ވެސް މަސައްކަތް ކުރަނީ ދަރިންނަށްޓަކަ އެވެ. އެ ދަރިންނަކީ ކާމިޔާބު މޮޅު ކުއްޖަކަށް ހެދޭތޯ އެވެ. އެކުއްޖަކީ މައިންބަފައިން އުފާކޮށްދޭ ކާމިޔާބު ކުއްޖަކަށް ހެދުމަށެވެ. މައިންބަފައިންގެ ހިތުގެ ހިތްހަމަޖެހުމެއް ކަމުގައި އެ ދަރިން ވުމަށް ހުރިހާ ބެލެނިވެރިން ވެސް އެދެ އެވެ. ނަމަވެސް ސުވާލަކީ އެފަދަ ކާމިޔާބު އުފާވެރި ކުއްޖެއް ބިނާކުރާނީ ކިހިނެތް ހެއްޔެވެ؟

އެންމެ ފުރަތަމަ ވެސް އަހަރެމެން ގަބޫލު ކުރަންވާނީ ދަރިފުޅު ދަސް ކުރާނީ އެ ކުއްޖަކު އެ އުޅޭ މާހައުލުން ފެންނަ ކަންތައް ކަމެވެ. އެހެން ކަމުން ކުއްޖާ ދިރިއުޅޭ މާހައުލަކީ އުފާވެރި މަޖާ ކުއްޖާއަށް ރައްކާތެރިކަން އިހުސާސްވާ މާހައުލަކަށް ހަދަން ޖެހެ އެވެ.

ދަރިފުޅު ދައްކާ ވާހަކަ އަޑުއެހުން

ކުޑަކުދިންނަކީ އަބަދުވެސް އެހެން މީހުންގެ އެޓެންޝަން ބޭނުންވާ ބައެކެވެ. އަދި އެމީހުންގެ އިހުސާސްތައް އެކި ގޮތްގޮތަށް ބުނެދޭ ބައެކެވެ. އަދި ތަފާތު ކަންކަމާއި ސުވާލު ކުރާ ބައެކެވެ. މިސާލަކަށް ދަރިފުޅަށް ސުކޫލުން ދިމާވާ ކަމަކާބެހޭ ގޮތުން ވާހަކަ ދައްކަފާނެ އެވެ. އަދި ސުކޫލްގައި އެކުގައި އުޅޭ ކުދިންނާއި ބެހޭ ގޮތުން ވާހަކަ ދައްކަފާނެ އެވެ. އެހެންކަމުން ދަރިފުޅަށް އަބަދުވެސް ޚިޔާލު ދޭންވާނެ އެވެ. އަދި ދައްކާ ވާހަކަ ރަނގަޅަށް އަޑުއެހުމަކީ މައިންބަފައިންނާއި ދަރިފުޅާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކޮށްދީ ދަރިފުޅު އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވާ ކަމެކެވެ.

ދަރިފުޅުގެ އިހުސާސްތައް ބަލައިގަންނަށްޖެހޭ

ދިމާވާ ކަމަކުން ކުއްޖާ ރުޅިއައިސް ފުރަސްޓްރޭޓްވާ ގޮތް ވެދާނެ އެވެ. އަދި އެކުދިން ބޭނުންވާ ކަމެއް ނުވެގެން ރުޅިގަދަވެ ހިތްހަމަނުޖެހިއްޖެނަމަ އެފަދަ ހާލަތުގައި އެކުދިންނަށް އެކަންކަމާއި ކުރިމަތިލާން ދަސްކޮށްދޭން ޖެހެ އެވެ. އެގޮތުން ކުއްޖާ ހިތް ހަމަނުޖެހުނު ކަމެއް ބަލައި ރީތިކޮށް އެކަމެއް ދަރިފުޅަށް ސާފުކޮށްދޭން ވާނެ އެވެ. އަދި ދަރިފުޅަށް ކަމެއް މަނާ ކުރި ނަމަވެސް އެކަން އެހެން ކުރަން ޖެހުނު ސަބަބު ބުނެދޭން ވާނެ އެވެ.

ކުދިންގެ ހިތްވަރަށް ސާބަސް ދޭންޖެހޭ

ކުދިން ކުރާ ރަނގަޅު ކަންކަން ފާހަގަކޮށް ތައުރީފުކޮށް ހިތްވަރުދޭން ޖެހެ އެވެ. ނަމަވެސް އެކުދިންގެ ފޯކަސް ގެއްލޭ ގޮތަށް ކުދިންނަށް މާބޮޑަށް ހިތްވަރުދީގެންނުވާނެ އެވެ.

ސްކްރީން އާއި ދުރުކުރަންޖެހޭ

ގިނަ ވަގުތު ޑިޖިޓަލް ސްކްރީންއަށް ބަލަހައްޓައިގެން ތިބުމަކީ ކުދިންގެ ކްރިއޭޓިވިޓީ ދަށްވެ އެކުދިންގެ ސިކުނޑިހެދި ބޮޑުވާން ހުރަސް އެޅޭ ކަމެކެވެ. އެހެންކަމުން ވިހާވެސް ބޮޑަށް އެކުދިން ކޮންމެވެސް ކަހަލަ ކުޅިވަރެއް ނުވަތަ އެހެން ވެސް ފައިދާ ހުރި ކަމެއްގައި މަޝްއޫލު ކުރުވަން ޖެހެ އެވެ.

ރަނގަޅު ރަހުމަތްތެރި ހޯދަން ހިތްވަރުދޭންޖެހޭ

ރަނަގަޅު ރަހުމަތްތެރިން ހޯދުމަށް ދަރިފުޅަށް ހިތަވްރުދީ ރަށްޓެހިންނަށް އަޅާލައި އޯގާތެރިވާން ދަސްކޮށްދޭން ޖެހެ އެވެ. އަދި އެހެން ކުދިންނާއެއްކޮށް ކުޅެ އެހީތެރިވެދީ ހަދަން ހިތްވަރުދޭންވާނެ އެވެ.

ދަރިންނާއެކު ކެއުން

ގިަނ ބެލެނިވެރިންގެ ވަގުތު ހުންނަ ގޮތުން މިއީ ކުރަން އެންމެ އުނދަގޫ އެއްކަންތަކެވެ. ނަމަވެސް ކޮންމެ ވެސް އެއްވަގުތަކު ނަމަވެސް ދަރިފުޅާއެކު ކެއުމުގައި ބައިވެރިވާން ވާނެ އެވެ. މިއީ ދަރިފުޅާއެކު އޮންނަ ގުޅުން ވަރުގަދަކޮށްދީ ދެފަރާތައް ވެސް އުފާވެރިކަން ގެނެސްދޭނެ ވަގުތެކެވެ.

މިކަންތަކުގެ އިތުރުން ވެސް ކާމިޔާބު ކުއްޖަކަށް ދަރިފުޅު ހެދުމަށް އެކުދިން ދެކެ ލޯބިވާ ވާހަކަ ބުނަންވާނެ އެވެ. އަދި އެކުދިންނަށް އެ ލޯބި އިހުސާސް ކޮށްދޭން ވާނެ އެވެ. އަދި އަމިއްލަ އަށް ވެސް އުފާވެރިކޮށް ހުރުމަކީ ދަރިފުޅު އުފާވެރި ކުއްޖަކަށް ބަދަލުކޮށްލެވޭނެ ގޮތެވެ.