ހަބަރު

ފާރިސް މައްސަލާގެ ބެންޗު ބަދަލުކުރަނީ ގާނޫނާ ހިލާފަށް: ވަކީލުން

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާމެދު އަމަލުކުރަމުންދަނީ ގާނޫނާ ގަވާއިދުތަކާއި ހިލާފަށް ކަމަށާއި މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުމަށް އިދިކޮޅުގައި މަސައްކަތް ކުރައްވާ ވަކީލުން ގޮވާލައްވައިފި އެވެ.

މ. ކުނޫޒުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވީ ސަރުކާރުގެ އެކިއެކި މުއައްސަސާތަކަށް 40 އަށްވުރެ ގިނަ ސިޓީ ފޮނުވިފައިވާ ކަމަށާއި ހައި ކޯޓަށް ވެސް 12 އަށްވުރެ ގިނަ ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި ހައިކޯޓަށް ފޮނުވި ސިޓީތަކުގެ ތެރެއިން ޖަވާބުލިބިފައިވަނީ މައްސަލަ އަވަސް ކުރުމަށް ބުނެ އެއް ސިޓީއަށް ކަމަށާއި ނަމަވެސް އެކަން އަވަސްކޮށް މައްސަލަ ޝެޑިއުލް ކުރާތަން ނުފެންނަ ކަމަށެވެ.

ޒާހިރު ވިދާޅުވީ ފާރިސްގެ މައްސަލައިގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް ކުއްލިއަކަށް ފާރިސް މައްސަލަ ބައްލަވަމުންގެންދިޔަ ފަނޑިޔާރުގެ ބެންޗަށް ބަދަލު ގެނައުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމެއް ކަމަށެވެ. އަދި އެއްވެސް ހާލަތެއް ނެތި ކުއްލި ގޮތަކަށް ބެންޗަށް ބަދަލު ގެނައުމަކީ އުސޫލުތަކާއި ސުޕްރީމް ކޯޓުގެ ނިންމުންތަކާއި ކޯޓުތަކުގެ ގާނޫނާ ވެސް ހިލާފަށް ކަނޑައެޅި ކަމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

"މުއައްސަސާތަކުން ހިންގަމުން ގެންދަނީ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް، އެކަންކަން ހުއްޓާލައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރަން ގޮވާލަން،" ޒާހިރު ވިދާޅުވި އެވެ.

ގާނޫނީ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ފާރިސްގެ މައްސަލައަށް ހުކުމް އިއްވުމަށް ލަސްވަމުންދާތީ، އެކަށީގެންވާ ފިޔަވަޅު އަޅައި މައްސަލަ އަވަސްކުރުމަށް އެދި ސިޓީ ފޮނުވާފައިވާނެ ކަމަށެވެ. އަދި މައްސަލަ ލަސްވަމުންދާތީ، ގަސްތުގައި މައްސަލަ ލަސްކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ވެސް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

މަހުފޫޒް ވިދާޅުވީ ކޯޓުތަކުގެ ބެލެނިވެރިކަމުގެ ދަށުން މައްސަލައެއް ލަސްވާނަމަ އެ މައްސަލައެއް އަވަސް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު ސުޕްރީމް ލިބިފައިވާ ކަމަށް މިދިޔަ އަހަރު ޖެނުއަރީގައި ނެރުނު ސުޕްރީމް ކޯޓުގެ ސާކިއުލާއެއްގައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފާރިސް މައްސަލަ އަވަސްކޮށް ދިނުމަށް އެދި ހުށަހަޅާފައިވާނެ ކަމަށާއި ނަމަވެސް އެކަމަކަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅުއްވާފައި ނުވާ ކަމަށް މަހުފޫޒް ވިދާޅުވި އެވެ.

"ހައިކޯޓުގެ އިސް ފަނޑިޔާރަށް މިއަދުވެސް ވަނީ ސިޓީ ފޮނުވާފައި، ހުރި ކަންބޮޑުވުންތަކާއި ބެންޗު ބަދަލު ކުރުމާއި މައްސަލަ ލަސްވަމުންދާތީ އެކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ވިދާޅުވެ، ސިލްސިލާކޮށް ފޮނުވަމުން އަންނަ ސިޓީތަކުގެ ތެރެއިން ސިޓީއެއް މިއަދު ވެސް ފޮނުވިފައިވަނީ،" މަހުފޫޒް ވިދާޅުވި އެވެ.

ފާރިސްގެ މައްސަލަ ހައިކޯޓުގެ އިސް ފަނޑިޔާރުގެ ބިއުރޯއިން ނަގާފައިވާއިރު، ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލޭ ހައިކޯޓުގައި މަސައްކަތް ކުރުމަށް ސުޕްރީމް ކޯޓުން ވަނީ އަންގާފަ އެވެ.