ހަބަރު

ރާއްޖެއާ މިޔަންމާއިން އަސްކަރިީ ތަމްރީންތައް ގެންދާ ވާހަކަ ދޮގު ކޮށްފި

ރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ނެރުނު ނޫސް ބަޔާނުގައި ބުނީ، އިންޑިއާ، މިޔަންމާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީން ހަރަކާތްތަކެއް ބާއްވަން ނިންމާފައިވާ ކަމަށް ބޭރުގެ ނޫހަކުން ރިޕޯޓު ކޮށްފައިވާކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތާއި ހިލާފު ހަބަރެއް ކަމަށެވެ. އަދި ދިވެހި އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައި ނުވާ ކަމަށާއި ކުރިމަގުގައި އެފަދަ އަސްކަރީ ތަމްރީންތަކެއް މިޔަންމާ އަސްކަރިއްޔާ އާއެކު ހިންގުމަށް ތާވަލު ކޮށްފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

"ދިވެހިރާއްޖޭގެ އަސްކަރިއްޔާ އާއި މިޔަންމާ އަސްކަރިއްޔާ ގުޅިގެން އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ހަމަޖެހިފައިވާކަމަށްބުނެ ފަތުރަމުންދަނީ ހަގީގަތާ ހިލާފު ހަބަރެއް" އެމްއެންޑީއެފުން ބުންޏެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާއި ހަވާލާދީ ދަ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައިވަނީ، އިންޑިއާ، މިޔަންމާ އަދި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް އޮތް މަސްތަކުގައި އަސްކަރީ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އަސްކަރީ ހަރަކާތްތައް އިންޑިއާގައި ކަމަށެވެ.

މިޔަންމާގައި އެތަކެއް މުސްލިމުން މަރަމުންދާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު އެޗްއޯ އިން ބާއްވާ 70 ވަނަ ސައުތު އީސްޓް އޭޝިއާ ބައްދަލުވުމުގައި ބައިވެރިވުމަށް މިޔަންމާގެ ހެލްތް މިނިސްޓަރު އަންނަ ބުދަ ދުވަހު ރާއްޖެވަޑައިގަތުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުން އިއްޔެ ވަނީ މިޔަންމާއާއެކު ގާއިމުކޮށްފައިވާ ވިޔަފާރީގެ ގުޅުންތައް ކަނޑާލަން ނިންމައި އެކަން ނިމުމަކަށް ގެނެސްފަ އެވެ.