ލައިފްސްޓައިލް

ކަސްރަތު ކުރާނަމަ ވިހަން ފަސޭހަވޭ

Sep 8, 2017

ހެލިފެލިވެ އުޅުމާއި ކަސްރަތަކީ ހުރިހާ އުމުރު ފުރައެއްގެ މީހުން ވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެންމެ މުހިންމު ކަންތަކެވެ. ނަމަވެސް އަހަރެމެންގެ ދިރިއުޅުމަށް އައި ފަސޭހަތަކާއި ގުޅިގެން ކަންނެތް ކަމާއި ހެލިފެލިވެ އުޅުން މިވަނީ މަދުވެފަ އެވެ. ހާއްސަކޮށް ބައެއް މީހުންނަކީ ބަނޑުބޮޑުވާ ހިސާބުން އޮތް ތަނުން ތެދުވަން ވެސް ބޭނުންނުވެ އަބަދުވެސް އޮންނަން ބޭނުންވާ މީހުންނެވެ.

ނަމަވެސް ދިރާސާތަކުން ދައްކާ ގޮތުން މާބަނޑު ދުވަސްވަރު ހެލިފެލިވެ އުޅެ ކަސްރަތު ކުރުމަކީ މައިމީހާގެ އިތުރުން ދަރިފުޅުގެ ސިއްހަތު ވެސް ރަނގަޅު ކޮށްދޭނެ ކަމެކެވެ.

އެއްހާސް އަންހެނުން ބައިވެރި ކޮށްގެން އެމެރިކަން ކޮލެޖް އޮފް އޮބްސްޓެޓްރިޝިއަން އެންޑް ގައިނަކޮލަޖިސްޓްސް (އޭސީއޯޖީ) އިން ހަދާފައިވާ ދިރާސާއެއްގައި ބުނެފައިވަނީ މާބަނޑު ދުވަސްވަރު ކަސްރަތު ކުރުމަކީ ވިހާއިރު ކުދިން ހުންނަންވާ ބަރުމިނަށްވުރެ އިތުރުވިޔަނުދިނުން ކޮންޓްރޯލު ކުރުވާ ކަމެއް ކަމަށެވެ.

މީގެއިތުރުން ވެސް މާބަނޑު ދުވަސްވަރު ދިމާވާ އުނދަގޫ ތަށް ލުއިކޮށްދީ ހާއްސަކޮށް ގޭސްވުމާއި ސިޒޭރިއަން އަށް ދާން ނުޖެހުމާއި މައިބަދައިގެ ރިހުމާއި ދަށްބަނޑަށް ތަދުވުމުން ދުރުކޮށްދެ އެވެ.

ކަސްރަތުގެ ސަބަބުން ދުވަސް ނުފުރާ ވިހެމުން ވެސް ދުރުކޮށްދެ އެވެ. އަދި ވިހާއިރު ކުދިންގެ ބަރުދަން ހުންނަންވާ ވަރަށްވުރެ ލުއިވުމުން ވެސް ސަލާމަތްކޮށްދެ އެވެ.

އެ ދިރާސާ ތައްޔާރުކުރި ފަރާތްތަކުން ވަނީ މާބަނޑު ވުމުގެ ކުރިން ކަސްރަތު ކުރާ ފަރާތްތަކުން ބަނޑުބޮޑުވި ނަމަވެސް އެކަން ހުއްޓާނުލައި ކުރިއަށް ގެންދަން އިރުޝާދު ދީފަ އެވެ. އަދި ކަސްރަތު ނުކުރާ އަންހެނުން މާބަނޑުވުމުން ކަސްރަތު ކުރުން ވަރަށް މުހިންމު ކަމުގައި އެ ދިރާސާގައި ބުނެފައިވެ އެވެ.

މާބަނޑު ދުވަސްވަރު ކަސްރަތު ކުރާއިރު މީހާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލަށް ބަލައިގެން ޕާސަނަލް ޓްރެއިނާއެއްގެ އިރުޝާދުގެ ދަށުން ކަސްރަތު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ.

އެގޮތުން ބަނޑުބޮޑުވުމާއެކު ކަސްރަތު ކުރަން ފަށައިގަތުމުގެ ބަދަލުގައި ނުވަ ހަފްތާއާ 12 ހަފްތާއާ ދެމެދު ކަސްރަތު ކުރަން ފެށުމަކީ އެންމެ ފައިދާ ހުރި ގޮތެވެ. އަދި މިގޮތަށް ގޮސް 38-39 ހަފްތާ ވަންދެން ކަސްރަތާއި ޔޯގާ ފަދަ ފިޒިކަލް އެކްޓިވިޓީސްތައް ކުރިއަށް ގެންދެވިދާނެ އެވެ.

ނަމަވެސް މިއިން ކޮންމެ ސެޝަންއެއް ވެސް ކުރިއަށްގެންދަންވާނީ ހަފްތާއަކު ތިނެއް ނުވަތަ ހަތަރު ފަހަރު އެވެ. އަދި 45-65 މިނެޓަށް ވުރެ ދިގުކޮށްގެންނުވާނެ އެވެ.