ހަބަރު

އަމީތާބު ބައްދަލުވުމުގައި ބައިވެރިވީ ވީޑިއޯ ކޮންފަރެންސިން މެދުވެރިކޮށް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ފަރާތުން ރާއްޖޭގައި މިހާރު ކުރިއަށްދާ ގެންދާ ސަރަހައްދީ ބައްދަލުވުމުގައި ބޮލީވުޑްގެ މަޝްހޫރު މެގަ ސްޓާ އަމީތާބު ބައްޗަން ދެއްވަން ހަމަޖެހިފައިވާ ސެޝަން ވީޑިއޯ މެދުވެރިކޮށް ދެއްވައިފި އެވެ.

ޑަބްލިއުއެޗުއޯގެ ފަރާތުން ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށްދާ އެ ޖަމިއްޔާގެ 70 ވަނަ ސައުތް އީސްޓް އޭޝިއާގެ ބައްދަލުވުމުގައި ހެޕްޓައިޓިސް އާއި ބެހޭ ގޮތުން އަމީތާބު ސެޝަންދެއްވީ ވީޑިއޯ މެދުވެރިކޮށެވެ. އަމީތާބުގެ ސެޝަން ދިނުމަށް މިއަދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް މިވަގުތު ބަލިވެ އުޅޭތީ އޭނާ ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުވަނީ އެންމެ ފަހުވަގުތު ކެންސަލް ކޮށްފަ އެވެ.

ވީޑިއޯ މެދުވެރިކޮށް ދެއްވި ސެޝަންގައި އަމީތާބު ވިދާޅުވީ އޭނާ އަކީވެސް ހެޕްޓައިޓިސް އަށް ފަރުވާ ކުރަމުންދާ މީހެއް ކަމަށާއި އޭނާގެ ސަބަބުން ހެޕްޓައިޓިސް ބައްޔާމެދު މީހުން ހޭލުންތެރި ކުރެވޭނަމަ އެ ބައްޔާއި ދެކޮޅަށް ޑަބްލިއުއެޗްއޯ ކުރަންޖެހޭ މަސައްކަތުގައި އެހީތެރިވާނެ ކަމަށެވެ. އަދި ހެޕްޓައިޓިސްއާ ދެކޮޅަށް އަޑުއުފުލުމުގައި ގުޑްވިލް އެމްބަސެޑަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމަށާއި ހެޕްޓައިޓިސް ހުއްޓުވުމުގައި ސާބިތު ކަމާއެކު ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

އަމީތާބު ރާއްޖެއަށް ކުރަން ހަމަޖެހިފައިވާ ދަތުރު އެންމެ ފަހުވަގުތު ކެންސަލް ކުރުމުން އިދިކޮޅު ފަރާތްތަކުން ދިޔައީ އަމީތާބު އަށް ޝުކުރު އަދާ ކުރަމުންނެވެ. އަމީތާބު ކުރިން ދެ ފަހަރަކު ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެ އެވެ. މިގޮތުން މިދިޔަ އަހަރު އަމީތާބު ވަނީ އާއިލާއާއެކު ރާއްޖޭގައި ޗުއްޓީ ވެސް ހޭދަކޮށްފަ އެވެ.