ހަބަރު

ރާއްޖެ ޓީވީ ރޯކޮށްލުމުގައި ފުލުހުންގެ އިހުމާލު އެބައޮތް: ރިޔާޒް

ރާއްޖެ ޓީވީގައި ރޯކޮށްލި މައްސަލައިގައި ފުލުހުންގެ އިހުމާލުވުން އެބައޮތް ކަމަށް އެ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގައި ރޭ ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ ރާއްޖެ ޓީވީގައި ރޯކޮށްލި ހާދިސާއަކީ ސިޔާސީ ބަޔަކު ނުހިމެނޭ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަލިފާނުގެ އެ ހާދިސާ ހިނގި އިރު ކޮމިޝަނާގެ މަގާމުގައި ހުންނެވި އޭރުގެ ކޮމިޝަނާ ވިދާޅުވީ އެ ހާދިސާ ހިނގީ ފުލުހުންގެ އިހުމާލުވުން އޭގައި އޮވެގެން ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ކޮމިޝަނަރުގެ ހައިސިއްޔަތުން އޭނާ ގެ ޒިންމާ އަދާކުރައްވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ  އެއްރޭ ކުރިން ރާއްޖެ ޓީވީގެ ސެކިއުރިޓީގެ ކަންކަން ބަލަހައްޓަން އަމުރު ކުރައްވާފައި ވާނެ ކަމަށާއި ނަމަވެސް އެ އެންގުމަށް ފުލުހުން ތަބާވެފައި ނެތް ކަމަށެވެ. އަދި ވިދާޅުވީ ބޮޑެތި ބައެއް ކުށްވެރިން ގެސްޓް ހައުސްފަދަ ތަންތަނުގައި ފިލައިގެން އުޅުމާއި ފުލުހުންގެ ހައްޔަރުން ދޫވާ މައްސަލައިގައި ފުލުހުން ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި  ސިޔާސީ ޕޯޑިއަމްތަކުގައި ދައްކާ ކޮންމެ ވާހަކަޔަކަށް ފުލުހުން ރިއެކްޓްކުރަން ނުޖެހޭނެ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު އައުމާއެކު މަގާމުން އިސްތިއުފާ ދެއްވީ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު ނައިބު ރައީސް މުހައްމަދު ޖަމީލް ބައްދަލު ކުރައްވައި، ކޮމިޝަނަރުކަމުން އިސްތިއުފާ ދިނުމަށް ރައީސް ދެންނެވި ވާހަކަ ވިދާޅުވި ކަމަށެވެ. އެ މަގާމުން އިސްތިއުފާ ދެއްވުން އެއީ މަޖުބޫރުން ކުރުވި ކަމެއްތޯ ދެންނެވުމުން ރިޔާޒް ވިދާޅުވީ އެ މަގާމަކީ ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމެއް ކަމަށާއި ރައީސް ވިދާޅުވުމުން ދެން މަޖުބޫރުވުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ކޮމިޝަނަރުކަމުން ވަކިކުރީ މިހާރުގެ ކޮމިޝަނަރު ހުސެން ވަހީދު ލައްވައި ކުރުވާ ކަހަލަ ސިޔާސީ ކަންކަން އޭނާ ލައްވާ ނުކުރުވޭނެތީ ކަމަށެވެ.

"މިހާރު މިކުރާ ކަންތައްތައް ފެނިފައި އަޅުގަނޑަށް އެބަ އިނގޭ އޭރު އަޅުގަނޑު އެތަނުގައި ނުބަހައްޓައި ވަކިކުރީ ކީއްވެގެން ކަން. ސިޔާސީ ގޮތުން އެބޭފުޅުން ބޭނުންވާހާ ކަމެއް އޅުގަނޑުލައްވައި ނުކުރެވޭނެތީ،" ރިޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮމިޝަނަރުކަމުގައި ހުންނެވި އިރު، އޭރު އޮތް ސަރުކާރުގެ ފަރާތުން ވެސް އެކި ސިޔާސީ ކަންކަން ކުރުމަށް އެދޭ ކަމަށެވެ. ނަމަވެސް ވަކި ފުލުހަކަށް ވެސް އަދި ފުލުހުން ތަކަކަށް ވެސް ސިޔާސީ އެއްވެސް އޯޑަރެއް ކޮށްފައި ނޯންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. ހުރިހާ ކަމެއްވެސް ކޮށްފައި ހުންނާނީ ފުލުހުންގެ ތެރޭގައި އޮންނަ ޕްރޮފެޝަނަލް އުސޫލުތަކާއި ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ. އެކަމަކު މިހާރު ކަންހިނގަމުން ދަނީ އެހެން ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ. މިހާރު ހުންނެވި ކޮމިޝަނަރު ހުސެން ވަހީދު ސިޔާސީ ކަންކަން ފުލުހުން ލައްވައި ނުކުރުވާ ކަމަށް ބުނާނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަހަލަ ކަމެއް ފުލުހުން ލައްވައި ނުކުރުވައެކޭ މިހާރުގެ ސީޕީއަކަށް ނުދެންނެވޭނެ. އެކަމަކު އެއީ ވަރަށް ދެރަކަމެއް. ފުލުހުން ލައްވައި ސިޔާސީ ކަންކަން ކުރުވުން. އެ ނުފޫޒު އެމީހުންގެ ތެރެއަށް ވެއްދުން. އަޅުގަނޑު މަސައްކަތް ކޮށްފައި ހުންނާނީ އެކަހަލަ ނުފޫޒެއް ޕްރޮފެޝަނަލްކޮށް،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒްގެ ކޮމިޝަނަރު ކަމުގެ ތެރޭގައި ހިނގި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން އޭނާ ވިދާޅުވީ އެ މައްސަލައިއަކީ އަދިވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އެކަމުގައި އެއްޗެއް ދެންނެވެން ނެތް ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ހިންގީ އެމެރިކާގެ ސްޓޭންޑަޑް ތަކާ ވެސް އެއްގޮތަށް ކަމަށެވެ. އަދި ފުލުހުންގެ ހުރިހާ ވަސީލަތެއް އެންމެ ފުރިހަމައަށް ބޭނުން ކުރި އިރު، އެމަރާ ގުޅޭ ގޮތުން އެއްޗެއް ބުނަން ޖެހުމުން ބުނާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.