ހަބަރު

ޅޮއްސަށް ބާ ޖަނަރޭޓަރެއް ގެންދިޔަ މައްސަލަ ހޫނުވެ މެނޭޖަރު ރަށުން ބޭރުކޮށްފި

ނ. ޅޮހީ އަށް ބާ ޖަނަރޭޓަރެއް ގެންދުމުން އެރަށު ރައްޔިތުން ނިކުމެ އިހުތިޖާޖު ކޮށް، ފެނަކައިގެ ރީޖަނަލް މެނޭޖަރު އެރަށުން ބޭރުކޮށްފި އެވެ.

ޅޮހީ ކައުންސިލްގެ ރައީސް އަބުދުﷲ ސާލިމް ވިދާޅުވީ ރަށަށް ދިމާވެފައިވާ ކަރަންްޓްގެ މައްސަލަ ހައްލުކުރުމަށް އެރަށަށް މުޅިން އާ 200 ކިލޯވޯޓް ގެ ޖަނަރޭޓަރެއް ގެންނަށް ހަމަޖެހިފައިވީ ނަމަވެސް އެ ރަށަށް ގެނައީ ކުރިން ބޭނުން ކޮށްފައިވާ 160 ކިލޯވޯޓްގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި އެކަން ރައްޔިތުންނަށް އެނގުމުން ރައްޔިތުން ވަނީ ނިކުމެ ރަށުގައި އިހުތިޖާޖް ކޮށް ޖަނަރޭޓަރު އިންސްޓޯލް ނުކުރުމަށް ނިންމާފައި ކަމަށް ސާލިމް ވިދާޅުވި އެވެ.

ސާލިމް ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް ކައުންސިލާއި ރައްޔިތުން ފެނަކައިގެ ރީޖަނަލް މެނޭޖަރާއި ބައްދަލުކޮށް މައްސަލަ ހައްލު ކުރުމަށް މަޝްވަރާ ކުރި ނަމަވެސް ރީޖަނަލް މެނޭޖަރަށް ރައްޔިތުން އެދުނު ކަންކަން ފުރިހަމަ ކޮށް ނުދެވުމާއި ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ވަނީ ރަށުން ބާލާފައި ކަމަށެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު އިހުތިޖާޖް ކުރަމުން ދިޔަ ވަގުތުގައި ވެސް ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ސާލިމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް އަންގާފައި އޮތީ ރަށަށް ގެންނަނށް ހަމަޖެހިފައިވަނީ 200 ކިލޯވޯޓްގެ އާ ޖަނަރޭޓަރެއް ކަމަށް، ނަމަވެސް ރަށަށް ގެނައީ 160 ކިލޯވޯޓްގެ ޖަނަރޭޓަރެެއް، އެއީ ވެސް ކޮންމެސް ރަށެއްގައި ބޭނުން ކޮށްފައިވާ ޖަނަރޭޓަރެއް، އެކަން އިނގުނީ ރަށަށް ޖަނަރޭޓަރު ގެނައުމުން، އެކަމާހެދި ރައްޔިތުން ބޮޑަށް ރުޅި ގަދަވީ، އެހެންވެ އިހުތިޖާޖު ކުރީ، މާދަމާވެސް އިހުތިޖާޖް ކުރާނެ ކަމަށް ރައްޔިތުން ބުނަމުންދަނީ،" ސާލިމް ވިދާޅުވި އެވެ.

ސާލިމް ވިދާޅުވީ މީގެ ކުރިންވެސް ރަށުގައި ބާ ދެ ޖަނަރޭޓަރު ހުންނަ ކަމަށާއި ނަމަވެސް އެ ދެ ޖަނަރޭޓަރަކީވެސް އަބަދުވެސް މައްސަލަޖެހިފައި ހުންނަ ޖަނަރޭޓަރެއް ކަމަށެވެ. ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެ މައްސަލައަށް އެދެވޭ ހައްލެއް ރައްޔިތުން ބޭނުންވެފައި ވަނިކޮށް ރައްޔިތުންނަށް އޮޅުވާލުމުން ރުޅިގަދަވީ ކަމަށް ސާލިމް ވިދާޅުވި އެވެ.

"ރަށުގެ ކަރަންޓްގެ މައްސަލަ ވަނީ ވަރަށް ބޮޑުވެފައި، ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ ރަށުންމ ކުރިންވެސް ރަށުގައި ބާ ދެ ޖަނަރޭޓަރު ހުރޭ، ނަމަވެސް ދެ ޖަނަރޭތަރު މައްސަލަ ޖެހިފައި ނުންނަނީ އަބަދުވެސް، ކައުންސިލަށް ވަކިން އެކަން އަންގާފަ އެއް ނުވޭ ޖަނަރޭޓަރެއް ގެންނަ ކަމަށް، ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އުންމީދު ކޮށްގެން ތިއްބައި ބާ ޖަނަރޭޓަރެއް ގެނައުމުން ރައްޔިތުން ރުޅިގަދަވީ،" ސާލިމް ވިދާޅުވި އެވެ.

ސާލިމް އިތުރަށް ވިދާޅުވީ ފެނަކައިގެ އިސްވެރިންނާއި ބައްދަލުކޮށް އެކަން ހައްލުކޮށް ދިނުމަށް އެދިފައިވާ ކަމަށާއި ނަމަވެސް ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ޝަރީފް މިވަގުތު ރާއްޖެއިން ބޭރުގައި ހުރުމުން މާލެ އައުމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް ފެނަކައިން ބުނި ކަމަށެވެ. އެކަމާއި ގުޅޭގޮތުން ފެނަކައިގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.