ހަބަރު

ވައުދުވީ ތެޔޮ ހޯދަން މަސައްކަތް ކުރަން، އެ ވައުދު ފުއްދިއްޖެ: ޝައިނީ

ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް 2013 ވަނަ އަހަރު ވީ ރިޔާސީ ވައުދު ތަކުގެ ތެރެއިން ތެލާއި ގުޅޭ ވައުދު ފުއްދިއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.

ޓީވީއެމުން ގެނެސްދިން "ޒިންމާ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝައިނީ ވިދާޅުވީ ރައީސް ޔާމީން ވީ ތެލުގެ ވައުދު ފުއްދިއްޖެ ކަމަށާއި ރިޔާސީ ވައުދުގައި ބުނެފައިވާނީ ރާއްޖޭގައި ތެޔޮ ހުރި ކަމަށްވާނަމަ ތެޔޮ ހޯދުމަށް ކުރަން ހުރި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި ސަރުކާރުން ވައުދުވީ ފަސް އަހަރު ދުވަހުގެ ތެރޭގައި ތެޔޮ ނެގުމަކަށް ނޫން ކަމަށާއި އެކަން ފަސް އަހަރު ދުވަހުގެ ތެރޭގައި ނުކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ތެޔޮ ހޯދުމުގެ ކަންކަމާއި ސަރުކާރުގެ ފަރާތުން އިސްކޮށް ހަވާލުވެ ހުންނެވި ޝައިނީ ވިދާޅުވީ ތެޔޮ ހުރި ތާކުން ތެޔޮ ހޯދައިގެން ނެގުމާ ދޭތެރޭގައި އެވްރެޖް ގޮތެއްގައި 10 އަހަރު ދުވަސް ނަގާ ކަމަށެވެ. އަދި ތެލާއި ގުޅުންހުރި ކަންކަން ރަނގަޅަށް ބަލާނެ ކަމުގެ ޔަގީންކަން ދޭ ކަމަށާއި މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ މެދުތެރޭގައި މަސައްކަތް އަލުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރިޔާސީ ވައުދު ފުރިހަމަވެއްޖެ. ރިޔާސީ ވައުދުގައި ބުނެފައި އޮންނާނީ ރާއްޖޭގައި ތެޔޮ ހުރިކަމަށްވާނަމަ ތެޔޮ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނަމޭ. އެކަން އަޅުނގަޑުމެން ކޮށްފިން." މިނިސްޓަރު ވިދާޅުވި އެވެ. "ފަސް އަހަރު ދުވަހުގެ ތެރޭގައި ތެލެއް ނުނެގޭނެ، ތެޔޮ ހުރި ތާކުން ތެޔޮ ހޯދައިގެން ތެޔޮ ނެގުމާ ދޭތެރޭ އެވްރެޖްކޮށް ދުނިޔޭގައި މިކަން ކޮށްފައި ހުރީ 10 އަހަރު ދުވަހުގެ ތެރޭގައި،"

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ތެޔޮ ހުރިކަން ޝައްކެއްވެސް ނެތް މިންވަރަށް ޔަގީންވެފައިވާ ކަމަށާއި ތެޔޮހޯދަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވިއްޖެ ކަމަށާއި އެކަމަކީ ވަރަށް ޓެކްނިކަލް ކަމެއް ކަމަށެވެ.