ހަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ރައީސްގެ ބޮޑީގާޑަކަށް އުޅުނު މީހަކަށް ދައުވާކޮށްފި

Sep 9, 2017
5

ރައީސް އަބްދުﷲ ޔާމީންގެ ބޮޑީގާޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އޮފިސަރަކަށް މަސްތުވާތަކެތީގެ މައްސަލައެއްގައި ދައުވާކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ ޖުލައި މަހުގެ ތެރޭގަ އެވެ.

ސިފައިންގެ ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން(ޕީއެސްޑީ)ގައި މަސައްކަތްކުރާ ސާޖެންޓް އަހުމަދު ސުޖީތު ހައްޔަރުކޮށްފައިވަނީ ޖޫން މަހުގެ ތެރޭގަ އެވެ. އެއީ، ރަށަކަށް ފުރަން އޮތް ދޯންޏަކަށް މަސްތުވާތަކެތި ލާން ގޮސްހުރި ކަމުގެ ތުހުމަތުގަ އެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ބަލާފާސްކުރިއިރު އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބުންނާއި އޭނާގެ އަތުގައި އޮތް ކޮތަޅަކުން މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޔާމީންގެ ބޮޑީގާޑެއްގެ ގޮތުގައި ހަރަކާތްތެރިވާތަން އާންމު ގޮތެއްގައި ފެންނަ ސުޖީތުގެ ޝަރީއަތް މިހާރު ކުރިމިނަލް ކޯޓުގައި ވަނީ ފަށާފަ އެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މައްސަލާގެ އިބްތިދާއީ އަޑުއެހުން ވަނީ ބާއްވާފަ އެވެ.