ހަބަރު

ފަނޑިޔާރުންގެ މަހާސިންތާ ފަށައިފި

Sep 14, 2017
4

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017ގެ ނަމުގައި ފަނޑިޔާރުންގެ މަހާސިންތާ ރޭ ފަށައިފި އެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ރޭ މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދައުލަތުގެ އިސްވެރިންނާއި، ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކުގެ ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ގުޅުންހުރި އެކިއެކި މުއައްސަސާތަކުގެ ވެރިންނާއި، ގާނޫނީ ވަކީލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް ނުވަތަ ފަނޑިޔާރުންގެ މަހާސިންތާއަކީ، ފަނޑިޔާރުންގެ މެދުގައި ޝަރުއީ އަދި ގަޟައީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުސޫލުތަކެއް އެކަށަ އެޅުމަށާއި، އަލަށް އަމަލުކުރަންފަށާ ގާނޫނުތަކާ ގުޅޭގޮތުން ނުވަތަ ޝަރުއީ ހާއްސަ ވަކި މައުޟޫއަކާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސިލްސިލާ ބައްދަލުވުމެވެ. މި ބައްދަލުވުން މިދިޔަ އަހަރު ވެސް ކުރިއަށް ގެންދިޔަ އެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނި ގޮތުގައި، މިއަހަރުގެ ފަނޑިޔާރުންގެ މަހާސިންތާ އާ ގުޅުވައިގެން މައިގަނޑު ދެ ހަރަކާތެއް ކުރިއަށް ގެންދާގޮތަށް ވަނީ ރާވާފަ އެވެ. އެއީ، ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއާ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި މި ޕްރޮގްރާމާ ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން، މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ ސިމްޕޯޒިއަމް އަކާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ގުޅޭގޮތުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާކުރުމަށްޓަކައި، އާދިއްތަ ދުވަހާއި ހޯމަ ދުވަހު ކުރިއަށް ގެންދާ ބައްލުވުންތަކެކެވެ.

"ޖުވެނައިލް ޖަސްޓިސް ސިމްޕޯޒިއަމް" ގައި، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުޟޫއުތަކަށް އެކުލަވައިލެވިފައިވާ އިލްމީ ދިރާސާތަށް ހުށަހެޅުމާއި، އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގެތުން ބަހުސްކޮށް ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވުމާ އެކު، ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާކުރުމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމު ކުރިއަށްގެންދިއުމުގައި އިދާރާތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކުރުމުގެ އިތުރުން، ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅުންހުރި އުސޫލުތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމުގައި ސަރުކާރަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ޑީޖޭއިން މައުލޫމާތުދެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނާގުޅޭ މަޝްވަރާ ބައްދަލުވުމުގައި، ޖިނާއީ މައްސަލަތައް ބެލުމުގެ އިހްތިސޯސް ލިބިފައިވާ ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންނާއި، ޖުޑީޝަލް ދާއިރާތަކުގެ އިސް މެޖިސްޓްރޭޓުންގެ އިތުރުން ކަމާގުޅުން ހުރި އިދާރާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ބައްދަލުވުމުގެ މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިގެންދާނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒުކުރަން ފެށުމާއެކު ޖިނާއީ އަދުލުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކާއި، އެ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ކުރެވިދާނެ ކަންތައްތައް ދެނެގަނެ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް ހިޔާލު ބަދަލުކުރާނެ ކަމަށް ވެސް ޑީޖޭއޭއިން ބުނެ އެވެ.