ހަބަރު

ރާއްޖެޓީވީ ޓެލެތޯނަށް ލިބުނު 5 މިލިއަން ރުފިޔާ ރެޑް ކްރެސެންޓާ ހަވާލުކޮށްފި

މިޔަންމާގެ ރަކީން ސްޓޭޓްގައި އަނިޔާ ލިބެމުންދާ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއެކު ދިވެހިން ތިބިކަން ހާމަކޮށްދީ އެހީވުމަށް ރާއްޖެޓީވީ އިސް ނަގައިގެން ކުރިއަށް ގެންދިޔަ ޓެލެތޯން ވަރަށް ކާމިޔާބު ކަމާއެކު ނިންމާލުމަށް ފަހު ފައިސާ ފޮނުވުމަށް ރެޑް ކްރެސެންޓްއާ ހަވާލުކޮށްފި އެވެ.

ރާއްޖެ ޓީވީން އިސްނަގައިގެން މި މަހު އާދީއްތަ އަދި ހޯމަ ދުވަހު ޖުމުލަ 30 ގަޑިއިރަށް ކުރިޔަށް ގެންދިޔަ މި ޓެލެތޯންއަށް 5.16 މިލިއަނަށް ރުފިޔާ ލިބިފައިވެ އެވެ. މިރޭ މާބަލް ހޮޓަލުގައި ބޭއްވި ކުޑަ ހަފްލާއެއްގައި އެ ފައިސާ ރެޑް ކްރެސެންޓަށް ހަވާލުކޮށްދެއްވީ ރާއްޖެ ޓީވީގެ އެމްޑީ އަހުމަދު ސަލީމް އާއި ސީއޯއޯ ހުސެން ފިޔާޒް އެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ފައިސާއާ ހަވާލުވީ މެނޭޖާ ކޮމިއުނިކޭޝަން އެންޑް ޕާޓްނާޝިޕް ޔާސްމިން ރަޝީދެވެ.

އެ ހަފްލާއަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަލީމް ވިދާޅުވީ ދިވެހިންގެ ނަންމަތީގައި ރާއްޖެޓީވީން ކުރި މަސައްކަތުން އެހާ ގިނަަ ފައިސާތަކެއް ލިބިގެން ދިޔުމުން މުސްލިމުންނާ މެދުގައި ދިވެހިންގެ ހިތުގައި އޮންނަ ބޮޑު އޯގާތެރިކަން މުޅި ދުނިޔެއަށް ހާމަވެގެން ދާ ކަމަށާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޯދުނު ފައިސާ އިން ރޮހިންޔާ މުސްލިމުންނަށް މަންފާތަކެއް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމާށެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޮޑަށް ބޭނުންވޭ އެހީތައް އޭގެ ހައްގު ފަރާތްތަކަށް އަވަހަށް ފޯރަން، އަޅުގަނޑުމެންނަށް އެނގޭ ރޮހިންްޔާ މުސްލިމުން ތިބި ހާލު، ބޭސްކުރެވޭކަށް ނެތް، ކާނެ އެއްޗެއް ނެތް، ހިޔާއެއް ނެތް، އެހެންވީމަ މިކަން ލަސް ކުރެވޭކަށް ނެތް، އެހެންވިމަ އަޅުގަނޑުމެން ވާނީ ވީހާވެސް އަވަސް ކުރުމަށް ރެޑް ކްރެސެންޓަށް އެދިފައި ވާނެ،" ސަލީމް ވިދާޅުވި އެވެ.

ފަންޑު އޮޑިޓުކުރި އެމްއެޗްޕީއޭ އެލްއެލްޕީއޭގެ ފަރާތުން ސައްފާމް އަހުމަދު ވިދާޅުވީ ޓެލެތޯންގެ މަސައްކަތް ކުރިޔަށް ދިޔައީ ވަރަށް ފުރިހަމަ ކަމާއެކު ރާއްޖެޓީވީގެ ފުރިހަމަ އެއްބާރުލުމާ އެކުގައި ކަމަށެވެ. އަދި ޑޮނޭޝަންގެ ޖުމުލަތައް ރަނގަޅަށް ދިމާވާ ކަމަށާއި އެކަން ކުރިޔަށް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް ސައްފާމް ވިދާޅުވި އެވެ.

ޓެލެތޯން ކުރިޔަށް ގެންދިޔުމަށް ރާއްޖެ ޓީވީން މާލޭގެ އިތުރުން ހުޅުމާލެ، އަދި ބައެއް ރަށްރަށުގައި ފަންޑް ފޮށިތައް ބެހެއްޓިއިރު ގިނަ ފަންޑް ފޮށިތައް ގުނުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ. ހދ. ކުޅުދުއްފުށީގައި އެކަނިވެސް 12 ފަންޑް ފޮށި ބެހެއްޓިއިރު އެ ހުރިހާ ފަންޑް ފޮށިތަކަކީ ވެސް ރާއްޖެޓީވީގެ ޓެލެތޯންއާ ގުޅިގެން ބެހެއްޓި ފަންޑް ފޮށިތަކެކެވެ.

މި ޓެލެތޯންގައި އދ.އިން މިޔަންމާއަށް ކަނޑައަޅާފައިވާ މަންދޫބު ޕްރޮފެސާ ޔަންގްހީ ލީގެ ހާއްސަ އިންޓަވިއު ވެސް ވަނީ ގެނެސްދީފަ އެވެ. ޕްރޮފެސާ ޔަންގްހީ ލީ ވިދާޅުވެފައިވަނީ، ރާއްޖެއިން އިސްނަގައިގެން މިފަދަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަކީ ވަރަށް ހިތްހަމަޖެހޭ ކަމެއް ކަމަށެވެ. އަދި މިކަމުން ދައްކައިދެނީ ދިވެހިންގެ އިންސާނިއްޔަތުކަމާއި، އިންސާނުންގެ އަސާސީ ހައްގުތަކަށް އިހުތިރާމްކުރާ މިންވަރު ކަމަށެވެ.

ރަކީން ސްޓޭޓްގައި 2012 ވަނަ އަހަރު އެގައުމުގެ ބުޑިސްޓުިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކަށް ފަހު، މުސްލިމުންގެ ގިނަ ބަޔަކު ދިރިއުޅެމުން އަންނަނީ ވަގުތީ ރެފިއުޖީ ކޭމްޕްތަކުގައެވެ. ހަނގުރާމަވެރިން ބަލިކުރަން ކަމަށް ބުނެ މިޔަންމާ ސިފައިން އެ ސަރަހައްދުގައި އޮޕަރޭޝަނެއް ހިންގަން ފެށުމުން ރޯހިންޔާ ދަރިކޮޅުގެ 70000 މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ. އދ. އިން މިދިޔަ މާޗް މަހު ކުރި ސާވޭއަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ އިއްފަތް ފޭރުމާއި ލާއިންސާނީ އަނިޔާ ދިނުމާއި އާއްމުން މެރުން ފަދަ ޖަރީމާތައް މިޔަންމާ ސިފައިން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށެވެ. އަދި އެފަދަ ޖަރީމާތަކުގެ މަންޒަރުތައް ފެންނަ ވީޑިއޯތައް ވެސް ވަނީ އާއްމުވެފައެވެ.