ވިޔަފާރި

އިންޑިޔާގެ އެންމެ ބޮޑު ފެއާގައި ސަބާ މޯލްޑިވްސް

ދިވެހި އުފެއްދުންތެރިކަން އިތުރު ކުރަން ބޭނުންވާ މުހިންމު ބައެއް ސާމާނާއި އެހީތެރިކަން ހޯދަން، ސަބާ މޯލްޑިވްސް ކޯޕަރޭޓް ސޮސައިޓީ އިން އިންޑިޔާގެ އެންމެ ބޮޑު ވިޔަފާރީގެ ފެއާގައި ބައިވެރިވެއްޖެ އެވެ.

ދިވެހި އުފެއްދުންތެރިކަން އިތުރު ކުރަން ސަރުކާރާއި އާއްމުންގެ ހިއްސާއާއެކު އުފައްދާފައިވާ ސަބާ މޯލްޑިވްސް ކޯޕަރޭޓިވްސް ސޮސައިޓީގެ ޗެއާމަން އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ އެ ފެއާގައި ބައިވެރިވީ ސަބާ މޯލްޑިވްސް ކޯޕަރޭޓިވިވް ސޮސައިޓީގެ މެންބަރުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ބެހޭގޮތުން އިންޑިޔާގެ ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުން ކަމަށެވެ.

އަދި ސަބާ މެންބަރުންނަށް ބޭނުންވާ ތަމްރީނު ދިނުމަށްޓަކައި އަތްތެރި މަސައްކަތުގެ ފަންނީ މީހުން ރާއްޖެ ގެނައުމަށް މަޝްވަރާ ކުރާނެ އެވެ.

"ސަބާ މޯލްޑިވްސްގެ ކާބޯތަކެތި އުފައްދުމަށް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ސެންޓަރުތަކަށް ބޭނުންވާ ތަފާތު މެސިނަރީސް ހޯދުން ވެސް އެއީ މަގުސަދެއް. މި ފެއާގެ ސަބަބުން ސަބާ މޯލްޑިވްސްގެ މެމްބަރުން އުފައްދާ ކާބޯތަކެތި ބަންދުކުރާ ޕެކޭޖިން މެޓީރިއަލްސް އެއްތާކުން ލިބިގެންދާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެއާއަކީ އިންޑިޔާގެ ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް (ފިކީ) އިން އިންތިޒާމުކުރާ ފެއާއެއް ކަމަށާއި ފެއާގައި ގިނަ ފުރުސަތުތަކެއް އެބަހުރި ކަމަށެވެ.

ސަބާ މޯލްޑިވްސްގެ މެމްބަރުން އުފައްދާ ކާބޯތަކެއްޗަށް ބޭނުންވާ ރޯމެޓީރިއަލްސް [ހާއްސަކޮށް ހަވާދުގެ ބާވަތްތައް] ހޯދުމަށް މަގުފަހިވާނެ. ސަބާ މޯލްޑިވްސްގެ މެމްބަރުން އުފައްދާ އަދި ދަޅުގައި ބަންދުކުރާ ކާބޯތަކެތި ނުބައިނުވެ ގިނަދުވަހު ބެހެއްޓުމައްޓަކައި ބޭނުންވާ ފުޑް އެޑިޓިވްސް އަދި އިންގްރީޑިއަންޓްސް ބޭނުންކުރަން މަގުފަހިވާނެ،" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ފެއާގެ ސަބަބުން އިންޑިޔާގައި ބޭނުންކުރާ ބައެއް ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް ދިވެހި އުފެއްދުންތެރިކަމަށް ލިބިގެންދާނެ ކަމަށެވެ.

އިންޑިއާގެ ކާބޯ ތަކެތި އުފައްދާ އިންޑަސްޓްރީގައި ބޭނުންކުރާ ތަފާތު ޓެކްނޮލޮޖީތައް ދެނެގަނެ އެކަންކަން ސަބާ މޯލްޑިވްސްގެ މެމްބަރުންނާ ހިއްސާކޮށް ރާއްޖޭގެ އެފެއްދުންތަކުގައިވެސް އާ ޓެކްނޮލޮޖީތައް ބޭނުންކުރަން މަގުކޮށޭ،" އަބްދުﷲ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް އެގްޒިބިޝަން ފޯ ފުޑް ބެވަރޭޖް ޓްރޭޑް ކޭޓަރިން އެންޑް ރީޓެއިލް މާކެޓު، ވޯލްޑް ފުޑް އިންޑިޔާ (ޑަބްލިއުއޯއައި) މި އަހަރު އޮތީ މުންބާއީގެ، ބޮންބޭ އެގްޒިބިޝަން ސެންޓަރުގަ އެވެ. މި ފެއާގައި ވިޔަފާރީގެ އެކި ދާއިރާތަކުގެ މީހުން ބައިވެރިވެ އެވެ. މި ފެއާގައި ރާއްޖޭގެ ވަފުދުންވަނީ އިންޑިޔާގެ ފުޑް ޕްރޮސެސިން މިނިސްޓަރާއި އެކްސްޕޯޓިން ކައުންސިލް އަދި އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއާ ވެސް ބައްދަލުކޮށްފަ އެވެ. ރާއްޖޭން މި ފެއާގައި ބައެއް ކުންފުނިތަކުން ވެސް ބައިވެރިވެފައިވެ އެވެ.

ސަރުކާރުގެ 60 ޕަސެންޓް ހިއްސާ އާއި އާންމުންގެ 40 ޕަސެންޓް ހިއްސާ އޮންނަ "ސަބާ މޯލްޑިވްސް ކޯޕަރޭޓިވް ސޮސައިޓީ" އިން ދަނީ ދިވެހި އުފެއްދުންތެރިކަން އިތުރު ކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި މަސައްކަތުގެ ދަށުން ދިވެހި ބައެއް އުފެއްދުންތައް ވަނީ ބާޒާރަށްވެސް ނެރެފަ އެވެ.