ވިޔަފާރި

ހަސަތޭކަ ކައްކާއިން އެކުވެގެން ރަހަ ހެޔޮވަރުކޮށްލަނީ!

މުޅި ތަނުން ދުވަނީ މީރު ވަހެވެ. ދުވާ މީހު ވަމުން ހީވަނީ ބަނޑު ފުރި ދާނެހެނެވެ. މިއީ، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ވިޔަފާރީގެ ފެއާ ކަމަށްވާ ހޮޓެލް އޭޝިޔާގައި އޮންނަ ކެއްކުމުގެ މުބާރާތް ކުރިއަށްދާ މައިދާނެވެ. ނުވަތަ ތަނެވެ. މިއަދު ފެށިގެން ކުރިއަށްދާއިރު މި މުބާރާތުގައި 630 ކައްކާ އިން ބައިވެރިވެފައިވެ އެވެ. މި މީހުންގެ ހުނަރު ވިހި ބަޔަކުން ދައްކާލާނެ އެވެ.

ބެސްޓް މައި މޯލްޑިވްސް (ބީބީއެމް) މެއިން ސްޕޮންސާއެއްގެ ގޮތުގައި ތަމްސީލް ކުރާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖު ކުރިއަށްދަނީ ދަރުބާރުގޭގެ ބިއްދޮށުގައި ހަދާފައިވާ ޓެންޓެއްގަ އެވެ. އަދި ކައްކާއިންގެ ޑިޝްތައް ނިމުމުން ޖަޖަކުރުން ކުރިއަށްދީ ދަރުބާރުގޭގެ އެތެރޭގެ ހޯލެއްގައެވެ.

މިތަނުގެ ތެރެ އަށް ބަލައިލުމުން މުބާރާތުގެ ހައިބަތު ފެނިގެންދެ އެވެ. ހުރިހާ ކައްކާ އިން އެންމެ މަތީ ދަރަޖަކަށް ކޮންސަންޓްރޭޝަން ހުރީ އެމީހަކު ކައްކާ އެއްޗެއް އެންމެ ފުރިހަމަ އަށް ތައްޔާރު ކޮށްލުމަށެވެ. ކަނޑައެޅިފައިވާ ވަގުތެއްގެ ތެރޭގައި އެމީހެއްގެ ޑިޝް ނިމުމުން ފަނޑިޔާރުންގެ ކުރިމައްޗަށް އެއްޗެއް ހާޒިރު ކުރެ އެވެ. އަދި އެ އަށް މާކްސްދެނީ ދުނިޔޭގައި ވެސް މި ދާއިރާގައި އެންމެ މަޝްހޫރު ކެއްކުމުގެ "ފަނޑިޔާރު" ންނެވެ. މިކަމުގައި ހަރަކާތެރިވަނީ ދުނިޔޭގެ ކައްކާއިންގެ ޖަމިއްޔާ ވޯލްޑް ޝެފްގެ ފަނޑިޔާރުންނެވެ.

ސްރީލަންކާގެ އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (އެލްއީއެކްސް) އާއި އިންޑިޔާގެ އެގްޒިބިޝަން ސާވިސަސް (އައިއީސީއެކްސް) ގެ ބައިވެރިވުމާއެކު، މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން ރާއްޖޭގައި ބާއްވާ ހޮޓެލް އޭޝިޔާ ރަސްމީކޮށް ފަށާނީ މާދަމާއެވެ. ފެއާ ކުރިއަށް ދާނީ މިމަހުގެ 18-20 އަށެވެ.

ހޮޓެލް އޭޝިޔާގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެކްސްގެ ޖެނެރަލް މެނޭޖަރު ހުސެއިން ރައޫފު ވިދާޅުވި ގޮތުގައި ކަލިނަރީ ޗެލެންޖަކީ މި ފެއާގައި އޮންނަ އެންމެ މަގުބޫލު އަދި އެންމެ ގިނަ ބައެއްގެ ތަރުހީބުދޭ އެއް ބައެވެ.

"މިބައި [ކަލިނަރީ ޗެޖެންޖު] ގައި ހަމައެކަނި ބައިވެރިވަނީ ރާއްޖޭގެ ރިސޯޓުތަކުގެ ޝެފުން އެކަންޏެއްވެސް ނޫން. އެހެން ގައުމުތަކުން ވެސް ފެއާއަށް ރާއްޖެ އާދެ،" ހުސެއިން ވިދާޅުވި އެވެ.

ކަލިނަރީ ޗެޖެންޖުގެ މެއިން ސްޕޮންސާއަކީ 30 އަށްވުރެ ގިނަ ބްރޭންޑް ރާއްޖޭގެ ބާޒާރުގައި ދައުރުކުރާ ބީބީއެމް އެވެ. މި ކުންފުންޏަކީ ރާއްޖޭގެ ޝެފުންތައް އެންމެ ގިނަ ފުރުސަތުތަކެއް ދޭ އެއް ކުންފުންޏެވެ. އެ ކުންފުނިން ވަނީ ދާދިފަހުން ސިންގަޕޫރުގައި ބޭއްވި ކެއްކުމުގެ މުބާރާތެއްގައިވެސް ދިވެހި ދެ ކައްކާއިން ބައިވެރިކޮށްފަ އެވެ.

އެ ކުންފުނީގެ އެސިސްޓެންޑް މާކެޓިން މެނޭޖަރު އަލީ އަފްރާހު ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނީގެ މަގުސަދަކީ ދިވެހިންނަށް މީގެ ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމެވެ.

"މި ފެއާ [ހޮޓެލް އޭޝިޔާ] ބައިވެރިވުމުގެ ސަބަބަކީ ޝެފުންނަށް އެހީތެރިވެދިނުން. މި މަގުސަދުގައި ރާއްޖޭގެ ޝެފުން ކުރިއެރުވުމަށް މަސައްކަތް ކުރަނީމި،"