ހަބަރު

އެމްއެމްޕީއާރްސީއަށް 160 މިލިއަން ރުފިޔާ ދައްކަން އެސްއޯއެފްއަށް ހުކުމްކޮށްފި

އެމްއެމްޕީއާރުސީގެ އެއް ބިލިއަން ރުފިޔާގެ ހިޔާނާތުގައި ހިމެނޭ، އެސްއޯއެފް ކުންފުންޏާ ދެކޮޅަށް އެމްއެމްޕީއާރްސީއިން ސިވިލް ކޯޓަށް ވެއްދި މައްސަލަ، ކާމިޔާބުކޮށްފި އެވެ.

އެމްއެމްޕީއާރްސީއިން ވެއްދި މައްސަލާގައި މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި އެސްއޯއެފްއަށް އަންގާފައިވަނީ 160 މިލިއަން ރުފިޔާ (10 މިލިއަން ޑޮލަރު) ދެއްކުމަށެވެ.

އެ މައްސަލާގައި އެމްއެމްޕީއާރްސީއިން އެދިފައިވަނީ އެސްއޯއެފްއާއެކު އެމްއެމްޕީއާރްސީއިން ވެފައިވާ އެއްބަސްވުމުގެ ދަށުން އެމްއެމްޕީއާރްސީއަށް ލިބެންޖެހޭ 158 މިލިއަން ރުފިޔާ (10.3 މިލިއަން ޑޮލަރު) އާއި އެމްއެމްޕީއާރުސީން އެސްއޯއެފަށް ދޫކުރި 6.1 މިލިއަން ރުފިޔާ (ހަތަރު ލައްކަ ޑޮލަރު) އެކީ އެއްފަހަރާ ހޯދުމަށެވެ.

މިއަދު މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ، އެމްއެމްޕީއާރްސީއިން ދައުވާކުރާ ފައިސާ ދައްކާފައިވާކަން އެސްއޯއެފްއަށް ސާބިތުކޮށްދެވިފަިއނުވާ ކަމަށެވެ. އަދި އެ ފައިސާއަކީ ދައްކަން ނުޖެހޭ ފައިސާއެއް ކަމަށް ވެސް އެސްއޯއެފް ކުންފުންޏަށް ޝަރީއަތުގައި ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

ހުކުމްކުރި ޝަރީއަތުގެ މަޖިލީހަށް އެސްއޯއެފް ހާޒިރުވެފައިނުވާތީ އެ ކުންފުނީގެ ޣައިރު ހާޒިރުގައި ކޮށްފައިވާ ހުކުމުގައި 160 މިލިއަން ރުފިޔާ އެމްއެމްޕީއާރްސީއަށް ދައްކަން އަންގާފައިވަނީ ހަ މަސް ދުވަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރްސީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، އެމްއެމްޕީއާރްސީން އެސްއޯއެފްގެ އެކައުންޓަށް އެއް ބިލިއަން ރުފިޔާ ޖަމާކޮށްފައިވެ އެވެ. އެސްއޯފް އަކީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ގާތް ގުޅުމެއް އޮންނަ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އޭނާ މިހާރު އުޅެނީ ރާއްޖެއިން ބޭރުގައި ފިލައިގެންނެވެ. އޭނާ ހައްޔަރު ކުރަން އިންޓަޕޯލް ރެޑްނޯޓިސް ވެސް ނެރެފައިވެ އެވެ.