އިދިކޮޅު ފަރާތްތައް

ފްލެޓް މައްސަލާގައި އިދިކޮޅު ފަރާތްތަކަށް މިނިސްޓަރާ ބައްދަލެއް ނުވި

Sep 17, 2017
12

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ޝަރުތުތައް ހަމަވެ، ފްލެޓު ލިބޭ 661 އަށް ވުރެ ގިނަ މީހުންގެ ފޯމް ނަންބަރު ހިމަނައިގެން އާންމުކޮށްފައިވާ ލިސްޓްގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ބައްދަލު ކުރަން ކުރި މަސައްކަތް މިއަދު ނާކާމިޔާބުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން މިއަދު މެންދުރު 11:00 ހާއިރު ހައުސިން މިނިސްޓްރީއަށް ގޮސް މިނިސްޓަރާއި ބައްދަލު ކުރަން އެދުނެވެ. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް މިނިސްޓްރީއަށް ވަޑައިގަތެވެ.

މިނިސްޓަރާ ބައްދަލު ނުވުމުން ނޫސްވެރިންނާ ބައްދަލުކޮށް މަހުލޫފް ވިދާޅުވީ 36 މާކްސް ލިބުނު ފަރާތްތަކަށް ވެސް ފްލެޓް ލިބިފަ އެބަހުރި ކަމަށާއި އެއީ ވަރަށް ސީރިއަސް ކަމެއް ކަމަށެވެ. އަދި ވިދާޅުވީ ވަޒީރާ ބައްދަލު ކުރަން މިއަދު އެ ފަރާތްތަކުން އެދުނު ކަމަށާއި އެކަން ކުރައްވާކަށް މިނިސްޓަރަށް ކެރިވަޑައި ނުގެންނެވި ކަމަށެވެ.

މަހުލޫފް ވިދާޅުވީ އެފަރާތުން އެދެނީ ފްލެޓަށް އެދުނު ފަރާތްތަކުގެ ނަންތައް ހާމަ ކޮށް އެކަން ހިނގާ ދިޔަ ގޮތް ސާފުކޮށް ދޭން ކަމަށާއި އެއަށް ވުރެ ރަނގަޅަށް ރައްޔިތުންނަށް އެ މައްސަލަ އޮޅުން ފިލާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބުން ހައްގުވާ ފަރާތްތައް ވެސް އެބަތިބި ކަމަށާއި އޭގެ ތެރޭގައި ތިބި ހުރިހާ މީހުންނަކީ ނުހައްގުން ފްލެޓް ލިބުނު ފަރާތްތަކެއް ނޫން ކަމަށެވެ.

"މައުލޫމާތު ލިބިފައިވާ ގޮތުގައި 36 މާކްސް ލިބުނު ފަރާތްތަކަށް ފްލެޓް ލިބިފަ އެބަހުރި، މިދައްކަނީ ވަރަށް ބޮޑު ވަރަށް ސީރިއަސް ކަމެއްގެ ވާހަކަ، އަޅުގަނޑުމެން އެދުނީ ވަޒީރާ ބައްދަލު ކުރަން އެކަމަކު އެކަން ކުރައްވާކަށް ކެރިވަޑައެއް ނުގަތް،" މަހުލޫފް ވިދާޅުވި އެވެ.

މާލޭ ސިޓީ މޭޔަރު ޝިފާ ވިދާޅުވީ މިނިސްޓަރާއި ބައްދަލު ކުރުމުގެ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށާއި ފްލެޓްތަކަށް އަދި ހުށަހެޅި 15000 މީހުނާ ބައްދަލު ކުރަން ވެސް މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި އެކަމަކީ ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހިމެނޭ ކަމެއް ކަމަށާއި އެ ފައިސާ އިންސާފުވެރި ގޮތުގައި ބެހެންދެން މަސައްކަތް ކުރާނެ ކަމަށް ވެސް ޝިފާ ވިދާޅުވި އެވެ.

"ފްލެޓަށް ހުށަހެޅި އެއްވެސް ފަރާތަކަށް މައުލޫމާތެއް ނުލިބޭ، އެހެންވެ އަޅުގަނޑުމެން ވިސްނީ މުހިންމޭ އަލުން މި ދަނޑިވަޅުގައި ސަރުކާރުން ލިސްޓްތައް އާންމު ކުރުން، ރައްޔިތުންނަށްޓަކައި ކޮންމެހެން ކޮށްދޭން ޖެހޭ ކަމެއް، ގުޅީ ފަޅުގެ ފްލެޓްތައް ލިބުނު ފަރާތްތަކުން ވެސް އެކަމަށް ވަރަށް ބޮޑު ހަރަދެއް ކުރައްވާފައިވޭ، އެކަންވެސް ސަރުކާރުން ބަލަންޖެހޭ ކަން އަޅުގަނޑު ފާހަގަ ކުރަން،" އޭނާ ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމަށްފަހު ހައުސިން މިނިސްޓްރީ ކުރިމަތީ ތިއްބަވައި އިދިކޮޅު ފަރާތްތަކުން ވަނީ ފްލްޓް ދޫކޮށްފައިވަނީ ކަރަޕްޝަނަށް މަގުފަހިވާ ކަމަށް ވިދާޅުވެ ޕެޓިޝަނެއްގައި ވެސް ސޮއި ކުރުވާފަ އެވެ.