ޑރ. މުހައްމަދު މުއިއްޒު

ދިމްޔާތު ހެއްދެވި ގޮތް ތަފްސީލުކޮށް ދެއްވައިފި

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ގެކޮޅު ހެއްދެވި ގޮތުގެ ތަފްސީލް އެމަނިކުފާނު ހާމަކުރައްވައިިފި އެވެ.

މުއިއްޒު އެ މައުލޫއަށް ވާހަކަފުޅު ދައްކަވާ މައުލޫމާތު ހާމަ ކުރެއްވީ ސަންގު ޓީވީން ރޭ ގެނެސްދިން ޕްރަގްރާމެއްގަ އެވެ. އާންމުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ބެލުންތެރިއަކު ވަނީ މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތު ހެއްދެވީ ކިހިނެތްތޯ އަހާފަ އެވެ. މުއިއްޒުއާ ދެކޮޅަށް އެންޓި ކެންޕޭން ކުރާ ފަރާތްތަކުން ގެންދަނީ މުއިއްޒުގެ އުސް ގެކޮޅާ ގުޅޭގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަމުންނެވެ.

މުއިއްޒު ވިދާޅުވީ ދިމްޔާތަކީ ބައްޕަގެ ގޯއްޗެއް ކަމަށާ ބައްޕަ އަވަހާރަވުމުން އެ ގެ ލިބި ވަޑައިގަތީ ކަމަށެވެ. އަދި 1990 ވަނަ އަހަރުން ފެށިގެން ދިމްޔާތަކީ ދުވަހު ކުއްޔަށް ކޮޓަރި ދޫކުރަމުން އައި ގެއެއް ކަމަށާ އެ މަަސައްކަތުން ވަރަށް ރަނގަޅު އާމްދަނީއެއް ބައްޕަ ހޯއްދަވަމުން ވެސް ގެންދެވި ކަމަށެވެ.

"އަޅުގަނޑުގެ ގެއަކީ އަޅުގަނޑުގެ ބައްޕަގެ ގޯއްޗެއް، މާފަންނު ދިމްޔާތު. ބައްޕަގެ ހުރި ހަމައެކަނި ކުއްޖަކީ އަޅުގަނޑު. ބައްޕަ އަވަހާރަވުމުން އަޅުގަނޑަށް ގެ ލިބިގެން ދިޔައީ. ބައްޕައަކީ 1990 ހިސާބުން ފެށިގެން ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުމުގެ މަސައްކަތް ކުރަމުން އައި ބޭފުޅެއް. މާލޭގެ ގިނަ ރައްޔިތުން އަދި އަތޮޅުތަކުން ހޮސްޕިޓަލަށް [އައިޖީއެމްއެޗް] އަންނަ ހުރިހާ އެންމެން ކަހަލަ ގޮތަކަށް ކޮޓަރި ހިފާނީ ދިމްޔާތުން. އެހެންވީމަ ވަރަށް ޒަމާނުއްސުރެ އާމްދަނީ ލިބިލައްވަމުން ދިޔައީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ވެސް ބޭނުންފުޅު ވަނީ ބައްޕަ ކުރެއްވި މަަސައްކަތް އެގޮތުގައި ދެމެހެއްޓުމަށް ކަމަށާ އަދި އެ މަސައްކަތް އިތުރަށް ފުޅާ ކުރެއްވުމަށް ކަމަށެވެ. ގެ ހަދާފައި ވަނީ އިސްލާމިކް ބޭންކުން ނެގި ލޯނަކާއި އަތުގައި ސޭވިންގައި އެވަގުތު ހުރި ފައިސާއިން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އެ މައުލޫމާތު ހޯދަން ބޭނުންނަމަ ބޭންކުތަކުން އެ މައުލޫމާތު ލިބެން ހުންނާނެ ކަމަށެވެ.

"އެތަނުގައި މިހާރު ހަދާފައިވާ އިމާރާތަކީ އޭރުއްސުރެ ލިބިފައިވާ އަދި އަޅުގަނޑު އަމިއްލައަށް ވެސް އެއްކުރެވިފައިވާ -- އަޅުގަނޑަކީވެސް އިންޖީނިއަރެއް، ސަރުކާރުގެ މަގާމަކަށް އައުމުގެ ކުރީގައި -- އެހެންވީމަ އަޅުގަނޑު އަމިއްލަ މަސައްކަތުން ހޯދާފައިވާ ފައިސާއާ ހުރިހާ އެއްޗަކާއެކު ބެންކަަށް ގޮސް ލޯނެއް ނަގައިގެން، އިސްލާމިކް ބެންކުން ލޯނެއް ނަގައިން ކޮށްފައި ހުރި އިމާރާތެއް. އެެހެންވީމަ އެތަނުގައި ކުރިން ހިނގަމުންދިޔަ ބިޒުނަސް އިތުރަށް ފުޅާ ކޮށްގެން ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ހަދާފައި ވަނީ. އެހެން ފަރާތްތަކުން ވެސް ގެ ހަދާއިރުގައި ލޯން ނަގައިގެން ގެ ހަދަނީ. ނޫނީ ކޮންމެވެސް މީހަކަށް ދިގު މުއްދަތަށް ދީގެން ހަދަނީ،"

މުއިއްޒު ވިދާޅުވީ ދުވަހަކުވެސް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެ ވަޑައިގެންފައި ނުވާނެ ކަމަށާ އެކަން ހައުސިން މިނިސްޓަރުކަން ކުރެއްވި ހަތް އަހަރުގައި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ މުވައްޒަފުން ހެކިވާނެ ކަމަށެވެ. އަދި ފިނޭންސް މިނިސްޓަރު ކަމާއި އެ މިނިސްޓްރީގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ރެކޯޑް އަދަދަކަށް އެ މިނިސްޓްރީން މަސައްކަތް ކޮށްފައިވާ ކަމަށާ 12 ބިލިއަން ރުފިޔާގެ މަސައްކަތް ހައުސިން މިނިސްޓްރީގެ ތެރެއިން ކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ޕްރޮޖެކްޓަކުން ނުގަވައިދުން އެންމެ ފައިސާ ފޮއްޗެއް ވެސް ހޯއްދަވާފައި ނުވާނެ ކަމަށާއި މުވައްޒިފަކަށް ނުގަވައިދުން ކަމެއް ކުރަން އަންގާފައިވެސް ނުވާނެ ކަމަށެވެ. އަދި މިނިސްޓްރީގައި އެއްވެސް ގޯހެއް ހިނގާފައިވާނަމަ ފައިނޭޝިއަލް އޮޑިޓް ހައްދަވާ އަދި ގޯހެއް ހިނގާފައިވާކަން އެނގިވަޑައިގަންނަވާ ހިސާބުން ވަގުތުން އެކަމެއް ހުއްޓުވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑަކީ އެއްވެސް އިރަކު ސަރުކާރުގެ މަޝްރޫއެއް ހިންގާއިރުގައި ކަޓްނަގައިގެން ނޫނީ އެހެން ނާޖައިޒު ކަމެއް ކޮށްފައި ހުރި މީހެއް ނޫން. ހައުސިން މިނިސްޓްރީއަކީ މިދިޔަ ސަރުކާރުގައި އެންމެ ގިނަ މަަސައްކަތް ހަވާލު ކުރިތަން. ބަޖެޓަށް ބަލައިފިނަމަ ނޫނީ ޕީއެސްއައިޕީއަށް ތަރައްގީގެ މަޝްރޫއުތަކަށް ބަލައިފިންޏާ 50 ޕަސެންޓް ހިންގީ ހައުސިން މިނިސްޓްރީއާ ހަވާލު ކޮށްގެން އިނގޭތޯ. ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާގެ މަަސައްކަތް ހައުސިން މިނިސްޓްރީތެރެއިން އަޅުގަނޑު މެދުވެރިކޮށް ކޮށްފައި ހުންނާނެ،" މުއިއްޒު ވިދާޅުވިއެވެ.