ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީ މޭޔަރުގެ ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވާ ކަމަށް ޖަމިއްޔަތުއް ސަލަފުގެ ރައީސް އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބިން އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ވިދާޅުވީ އެކަށީގެންވާ މުއްދަތަކަށް މާލެ އާއި އެ ނޫން ސިޓީގެ މޭޔަރުކަން މިހާތަނަށް ކޮށްފައިވާ ގޮތުން ނިކުތް ނަތީޖާ ރަނގަޅު ނޫން ކަަމަށެވެ. އެހެން ކަމުން މި ފަހަރު މާލޭގެ މޭޔަރު ކަމަށް މުއިއްޒު ތަޖުރިބާ ކޮށްލުން ކީއްތޯ އަބްދުﷲ ވަނީ ސުވާލު ކުރައްވާފައެވެ.
އަބްދުﷲ ވިދާޅުވީ އުންމީދަކީ އިންތިހާބުން މުއިއްޒުއަށް ކާމިޔާބު ލިބި ކައުންސިލްގެ ދަށުން ދީނީ ޕްރަގްރާމްތައް ހިންގަން ފަސޭހަވެގެން ދިއުން ކަމަށެވެ.
މާލޭ މޭޔަރު ކަމަށް ޑރ މުއިއްޒު ތަޖްރިބާ ކޮށްލުން ކީއްތޯއެވެ. އުއްމީދަކީ ކައުންސިލްގެ ދަށުން ދީނީ ޕްރޮގްރާމްތައް ފަސޭހަވެ ތަރައްގީގެ އާ އުސްމިންތަކަކަށް މި ސަރަހައްދު ބައްޓަންވެގެން ދިއުމެވެ.އައްޝައިހް އަބްދުﷲ ބިން އިބްރާހިމް | ސަލަފުގެ ރައީސް
ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ ޑރ. މުއިއްޒުއަށް ތާއީދުކުރައްވާކަން ހާމަކޮށް މުއިއްޒުއަށް ވޯޓް ދެެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ޑރ. މުހައްމަދު މުއިއްޒު ވަނީ ރައީސް ޑރ. ވަހީދާއި ރައީސް ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރު ކަން ކުރައްވާފަ އެވެ. މުއިއްޒުގެ މިނިސްޓަރު ކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެތައްހާސް ފްލެޓެއް ވަނީ އަޅާފަ އެވެ. އަދި މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މަޝްރޫއު އަމަލީގޮތުން ހިންގުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ޑރ. މުއިއްޒު އެވެ.
މާލޭގެ މޭޔަރު ކަމަށް އިންތިހާބުވެއްޖެ ނަމަ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށްވެސް މުއިއްޒު ގެންދަވަނީ ވިދާޅުވަމުންނެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ފަރާތުން ޑރ. މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު އެވެ. މީގެ އިތުރުން މަޖިލީހުގެ ކުރީގެ ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީ ވެސް ގެންދަވަނީ އަމިއްލަ ގޮތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަމުންނެވެ.