ހަބަރު

މަޑުއްވަރީ މީހާ ނުފެނޭ، ފެނުނީ މުންޑު!

އުމުުރުން 91 އަހަރުވީ ނަމަވެސް މ. މަޑުއްވަރީ ގުލްޝަންވާދީ އިބްރާހީމަށް ހިނގާ ބިނގާވެ އުޅެވެ އެވެ. އުމުރާ ބަލާފައި ހަރަކާތްތެރިވެސް މީހެކެވެ. ނަފްސާނީ ގޮތުން އެއްވެސް ކަހަލަ ބައްޔެއް ނެތެވެ. މާބޮޑު ސިއްހީ މައްސަލަތަކެއް އޭނާއަށް ކުރިމައްޗެއް ނުވެ އެވެ. ދޭތެރެއަކުން ބޭރަށް ނުކުމެ ރަށު ތެރޭގައި ހިނގާލާވެސް ހަދަ އެވެ. މޫދަށް އެރޭ ހިތް ވެއްޖެނަމަ އެކަނި މޫދަށް ގޮސް އުޅެ އެވެ.

މިވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ރަށުގެ ހުޅަނގު ފަރާތު މޫދަށް އޭނާ އެރެ އެވެ. މޫދަށް ދަނީ ފަތިސް ނަމާދުކޮށްލައިގެން ކުޑަކޮށް އަރާމުކޮށްލާފައި ހެނދުނު 7:30 ހާއިރު އެވެ. މިއަދުވެސް އެ ދިމާލަށް މޫދަށް ދިޔައީ އާދައިގެ މަތިންނެވެ.

މޫދަށް ގޮސް ފައިގައި ވެލި މޮޑެލައގެން ހެނދުނު 8:15 ނުވަތަ 8:30 ހާއިރަށް ގެއަށް ދެއެވެ. އަހަރުތަކެއް ކުރިން އަނބިމީހާ ނިޔާވުމާއެކު ދިރިއުޅެމުންދަނީ ދަރިއަކާއެކު އެވެ. މިއަދުވެސް މޫދަށް ގޮސް ފައިގައި ވެލިމޮޑެން އިންދާ ފެނުނު މީހުން އެބަ ތިއްބެވެ. އެ ފަހުން އެއްވެސް މީހަކަށް އިބްރާހީމެއް ނުފެނެ އެވެ. ފެނުނީ އިބްރާހީމް އޭރު ލައިގެން ހުރި މުންޑެވެ. މުންޑު ފެނުނީ ހުޅަނގު ފަރާތުން އެއްގަމާއި 12 ވަރަކަށް ފޫޓު ދުރުން މޫދުންނެވެ. އެހިސާބުގައި ލޮނުގަނޑުގައި ހުންނާނީ ތިން ފޫޓު ކަމަށް މަޑުއްވަރީ ކައުންސިލްގެ ރައީސް އިސްމާއިލް ނާފިއު ވިދާޅުވި އެވެ.

އިބްރާހިމް ގެއަށް އައުން ލަސްވެެގެން ކައުންސިލަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 9:30 ހާއިރު ކަމަށް ނާފިއު ވިދާޅުވި އެވެ. އެ އާއެކު ކައުންސިލުން ފުލުހުންނާއި އެމްއެންޑީއެފަށް އެ ހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނާފިއު ވިދާޅުވީ ރަށުގެ ރައްޔިތުންނާ ކައުންސިލް ގުޅިގެން އިބްރާހީމް މޫދަށް ގޮސް އުޅުނު ހިސާބު މޫދާއި އެއްގަމު އެއްކޮށް ބަލާފައިވާ ކަމަށެވެ. އިބްރާހީމް ހޯދުމުގެ މަސައްކަތުގައި ހަ ދޯނިވެސް ހަރަކާތްތެރިވި އެވެ. އަދި މިހާރު އެމްއެންޑީއެފްގެ ޑައިވަރުންނާއި ގުޅިގެން މޫދުގެ ސަރަހައްދު އިތުރަށް ބަލަމުން އަންނަ ކަމަށެވެ.