ހަބަރު

އިދިކޮޅުގެ ޝަކުވާތައް އަޑުނާހާ މުއިއްޒު ސަރުކާރު މެންބަރުންނާ ބައްދަލުކޮށްފި

Sep 17, 2017
20

ސަރުކާރުން ދާދި ފަހުން އިއުލާންކޮށްފައިވާ ސޯޝަލް ހައުސިން ލިބިފައިވާ ފަރާތްތަކުގެ ލިސްޓާ މެދު އިދިކޮޅު ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފި އެވެ.

އެމްޕީ ރިފާއު އާއި އަސްމާ މުއިއްޒާ ބައްދަލު ކުރެއްވީ މާލެ ދާއިރާ ތަމްސީލު ކުރައްވާ އިދިކޮޅު މަޖިލީސް މެންބަރުން ވެސް މިނިސްޓަރާ ބައްދަލު ކުރަން މިއަދު މަސައްކަތްކޮށް ނާކާމިޔާބުވެފައި ވަނިކޮށެވެ. މުއިއްޒުއާ ބައްދަލު ކުރައްވާ ރިފާއު އާއި އަސްމާ ވަނީ ފްލެޓް ލިސްޓާ މެދު ދާއިރާގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.

އެގޮތުން މިނިސްޓަރު މުއިއްޒުއަށް ރިފާއު ހުށަހެޅި ސިޓީގައި ވިދާޅުވެފައި ވަނީ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު 661 ފަރާތުގެ ލިސްޓު އާންމު ކުރި އިރު، އެއްވެސް ފަރާތެއްގެ ނަން ހާމަކޮަށްފައި ނުވާތީ ދާއިރާގެ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ދާއިރާގައި ވަރަށް ނިކަމެތި ދަތި ދިރިއުޅެމުންދާ ފަރާތްތަކުގެ ނަންތައް ވެސް ލިސްޓުގައި ހިމަނާފައި ނުވާ ކަމަށާއި އެ ފަރާތްތައް ލިސްޓުގައި ހިމެނިފައި ނުވަނީ ކީއްވެގެންތޯ ސާފުކޮށްދޭން އެދޭ ކަމަށް ރިފާއު ވިދާޅުވެފައިވެ އެވެ.

"އަޅުގަނޑު އަބަދުވެސް ގަބޫލު ކުރާ ހަމައަކީ މިކަން ހިނގާފައި ވާންވާނީ ހަމަޔާއި އިންސަފުގެ ތެރެއިން އެންމެ އެންމެ ނިކަމެތި މީހާއަށް ފުރުސަތު ތަނަވަސް ވާނޭ ގޮތެއްގެ މަތިން، އެހެންކަމުން ހުށަހެޅިފައިވާ ޝަކުވާތައް ރަނގަޅަށް ބެލުމަށް ފަހު ނޫނީ ދާއިމީ ލިސްޓު އާންމު ނުކުރަން އެދެން،" އެ ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީއާ އެކު ރިފާއު ވަނީ އޭނާ ދާއިރާއިން ފްލެޓަށް ހުށަހެޅި 154 މީހެއްގެ ފޯމު ނަމްބަރު މިނިސްޓަރަށް ހުށަހަޅާ އެކަން ބަލަން އެދިފަ އެވެ.

އެ މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު އަދި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވެސް ވަނީ މުއިއްޒާ ބައްދަލު ކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް މިނިސްޓަރާ ބައްދަލު ނުކުރެވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.