ހަބަރު

ޗައިނާއާއެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލައިފި

ރާއްޖެއާއި ޗައިނާ އާއި ދެމެދު ކުރިއަށް ގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. ޗައިނާ އާ އެކު މިނިވަން ވިޔަފާރީގެ މަޝްވަރާތައް ފަށާފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު އެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލީ މި މަހު 15 އަދި 16 ގައި ޗައިނާގެ ބެއިޖިންގައި ކުރިއަށް ގެންދިޔަ ބައްދަލުވުންތަކަކަށް ފަހުގަ އެވެ. އެގޮތުން މިނިވަން ވިޔަފާރީގެ ފަސް ބައްދަލުވުމެއް ޗައިނާ އާއެކު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ މުދަލާއި ހިދުމަތުގެ ވިޔަފާރިތައް ކުރުމުގައި ވަރަށް ބޮޑު ލުއި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ. އަދި ދިވެހި މަސްވެރިންނާއި، މަސް އަދި މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ ފަރާތްތަކަށާއި ފަތުރުވެރިކަމުގ ހަރަކާތްތެރިވާ ފަރާތްތަކަށް ދުނިޔޭގެ އެންމެ ބޮޑު ބާޒާރުގައި ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް ގާއިމްކުރުމަށް ޗައިނާގެ އިތުރުން ޔޫރަޕިއަން ޔޫނިއަން، ޖަޕާން އަދި އިނގިރޭސި ވިލާތަށް ދައުވަތު ދީފައިވާނެ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އަދި ހޮންގްކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ވަނުމަށްޓަކައި ކުރާ މަޝްވަރާތަކުގެ އެންމެފަހުގެ ބައްދަލުވުން ވަރަށް އަވަހަށް ބާއްވާނެ ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ ބޮޑެތި ބާޒާރުތަކަށް ދިވެހި މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު އެކްސްޕޯޓްކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި މަސްވެރިންނަށާއި، މަހާއި މަހުގެ ބާވަތްތަކާއި ސީފުޑް އެކްސްޕޯޓްކުރާ ފަރާތްތަކަށް މިހާރަށްވުރެ ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ޖަޕާން، އިންޑިއާ، ސައުދީއަރަބިއްޔާ، ތުރުކީ، ކުވެއިތު، ޔޫއޭއީ ފަދަ ގައުމުތަކަށް މާކެޓް އެކްސެސް ހޯދުމުގެ އިތުރުން އެގައުމުތަކުގައި ބޭއްވި ވިޔަފާރީގެ އެގްޒިބިޝަންތަކުން ފާހަގަކޮށްލެވޭ ފެންވަރުގެ ކުރިއެރުންތައް ސަރުކާރުން ހޯދާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބައިނަލްއަގްވާމީ ބާޒާރުތަކަށް ފަސޭހަކަމާއެކު ވިޔަފާރިކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށާއި ރާއްޖޭގެ ޓޫރިޒަމަށް ކުރިއެރުން ލިބޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށާއި އަދި މީގެ އިތުރުން މާލީ އަދި ބޭންކިންގެ ވިޔަފާރީގައި ދިވެހި ވިޔަފާރިވެރިންނަށް މަގުތައް ހޯދައިދިނުމަށް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފުރަތަމަ ފަހަރަށް ރާއްޖޭގެ ކްރެޑިޓް ރޭޓިން ހެދި، ތަރައްގީ ވެފައިވާ ގައުމުތަކުން ހޯދަމުން ގެންދާ ކުރިއެރުމާއި ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާކަންވެސް ފާހަގަކޮށްފައިވެ އެވެ.