ހަބަރު

ޖަލުގެ މައްސަލަތައް އެޗްއާރްސީއެމްގެ ސަމާލުކަމަށް ގެނެސްފި

ޖަލުގައި ތިއްބެވި ދުވަސްތަކުގައި ޖަލުން ފާހަގަވި މައްސަލަތައް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އާ ހިއްސާކުރައްވައިފި އެވެ.

މިއަދު އެޗްއާރްސީއެމްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން އަމީތު ވިދާޅުވީ، ޖަލުގައި ހުރި ކަންބޮޑުވާ މައްސަލަތަކުގެ މައުލޫމާތު އެޗްއާރްސީއެމްއާ ހިއްސާކޮށް އެ މައްސަލަތަކާ ގުޅޭ ގޮތުން އެ ކޮމިޝަނުން އަޅާ ފިޔަވަޅުތައް މިއަދު އޮޅުން ފިލުވާފައިވާނެ ކަމަށެވެ.

އަމީތު ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީންނަށް އަސާސީ ހިދުމަތްތައް ނުލިބޭ މައްސަލަ އާއި ބަންދުގައި ވާނުވާ ނޭނގި ވެސް ގިނަ ބަޔަކު ތިބޭ ކަމަށެވެ. ބަންދުގައި އެތައް ދުވަހަކު ބެހެއްޓުމަށްފަހު ބައެއް މައްސަލަތައް ތަހުގީގު ނުކުރާ މައްސަލަ ވެސް ފާހަގަކުރެވުނު ކަމަށާއި އެކަން ވެސް އެޗްއާރްސީއެމްއާ ހިއްސާކުރި ކަމަށް އަމީތު ވިދާޅުވި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ޖަލުން ބައްދަލުވެފައިވާތީ، އަދީބުގެ ސިއްހީ ހާލަތު ހުރި ގޮތް ވެސް ރަނގަޅަށް އެނގިލައްވާތީ، އެކަން ވެސް އަމީތު ވަނީ އެޗްއާރްސީއެމްއާ ހިއްސާކުރައްވާފަ އެވެ. އަމީތު ވިދާޅުވީ، އަދީބަށް ސިއްހީ ފަރުވާ ހޯދުމަށް ބޭރަށް ދިޔުމަށް ހުރަސްއަޅާ މައްސަލާގައި އެޗްއާރްސީއެމްއިން އަޅާ ފިޔަވަޅާ ގުޅޭ ގޮތުން ސުވާލުކޮށްފައިވާނެ ކަމަށެވެ. އެޗްއާރްސީއެމްއިން ވަނީ އެ މައްސަލާގައި އެ ކޮމިޝަނުން ލަފާ ދޭންޖެހޭ މުއައްސަސާތަކަށް އެ ކޮމިޝަންގެ ލަފާ ދީފައިވާ ކަމަށް އެ ބައްދަލުވުމުގައި ބުނެފައި ކަމަށް އަމީތު ވިދާޅުވި އެވެ.

އަދީބުގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ބޮޑެތި ކުށްވެރިންގެ ތެރޭގައި ބާއްވާފައިވާ މައްސަލަ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގައި ހުންނެވި ހާލާ ގުޅޭ ގޮތުން ވެސް ކަންބޮޑުވުން ފާޅުކޮށް އެކަންކަން އެޗްއާރްސީއެމްއާ ހިއްސާކުރައްވާފައިވާނެ ކަމަށެވެ.

އަމީތު ވިދާޅުވީ، އެފަދަ މައްސަލަތަކީ އެޗްއާރްސީއެމްއިން ފިޔަވަޅު އަޅަންޖެހޭނެ ކަންކަން ކަމަށާއި އެކަމުގައި އެ ކޮމިޝަނުން ފިޔަވަޅުތައް އަޅާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޖަލުގައި ހުރި މައްސަލަތަކުގެ އިތުރުން އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުން ނިންމުމަށް ބަލައިގެން ކަމަށް ބުނެ އެ މެންބަރުންގެ މެންބަރުކަން ގެއްލުވާލައި، އެ މެންބަރުންގެ ހައްގުތަކަށާއި ދާއިރާގެ ރައްޔިތުންގެ ހައްގުތަކަށް އިލެކްޝަން ކޮމިޝަނުން އަރައިގަންނަމުންދާ ކަމަށް ބުނެ އެ މައްސަލަ ވެސް އެޗްއާރްސީއެމްގައި ވަނީ ފާހަގަކޮށްފަ އެވެ. އެކަމުގައި އެޗްއާރްސީއެމްއިން އަޅާނެ ފިޔަވަޅާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް މިހާތަނަށް އެކަމުގައި އެޗްއާރްސީއެމްއިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޖަލުގައި އަމީތު ހޭދަކުރެއްވި ދުވަސްތަކުގައި އަސާސީ ބައެއް ހައްގުތައް ނުލިބުނު މައްސަލަ އޭނާ މީގެކުރިން ވަނީ އެކި ޕްލެޓްފޯމްތަކުގައި ފާހަގަކުރައްވާފަ އެވެ. އަދި ޖަލުގެ ހާލަތާ ގުޅޭ ގޮތުން ވެސް ތަކުރާރުކޮށް ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.