ހަބަރު

ފާރިސްގެ މައްޗަށް ކޮށްފައިވާ ރިޝްވަތު ދިން ކަމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަނީ

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފި އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މާދަމާ ހެނދުނު 10:00 ފަށަން ވަނީ ތާވަލުކޮށްފަ އެވެ.

ރިޝްވަތު ދިނުމުގެ ތުހުމަތު ފާރިސްއަށް ފުލުހުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ތާއިދު ހޯދަން މަޖިލީހުގެ އެހެން މެންބަރުންނަށް ރިޝްވަތު ހުށަހެޅުމަށް އިސްވެ އުޅުނު ކަމަށް ބުނެ އެވެ. އެންމެ ފުރަަަމަ ފާރިސްގެ މައްޗަށް ރިޝްވަތުގައި ހިފުމުގެ ދައުވާ އުފުލާފައިވަނިކޮށް އެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.

އެ މައްސަލައިގެ ލިޔުންތައް ފާރިސް އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ރިޝްވަތުގެ ދައުވާ ފާރިސްގ ެމައްޗަށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެ ކުށް ސާބިތުވެއްޖެނަމަ ފާރިސްގެ ގޮނޑި ގެއްލޭނެ އެވެ. އެއީ އެއް އަހަރަށްވުރެ ދިގު ޖަލު ހުކުމެއް މެންބަރެއްގެ މައްޗަށް އަތުވެއްޖެނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އެވެ.

މި މައްސަލާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކޮށް މިހާރު ވަނީ ހުކުމް ވެސް ކޮށްފަ އެވެ. ގާސިމްގެ މައްޗަށް ކޮށްފައިވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުންނެވި ފާރިސްގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް ވަނީ ކޮށްފަ އެވެ. އެ ދައުވާ އޭނާއަށް ކުރަނީ ޕީޕީއެމްގެ ލޯގޯ އާއި ދިދަ ބޭނުންކުރި ކަމަށް ބުނެ އެވެ.