ހަބަރު

ޝަރުއީ ދާއިރާގެ ބޭފުޅުންނާ، އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވައިފި

ސުޕްރީމް ކޯޓަށް ނުވަ އަހަރު ފުރުމުގެ މުނާސަބަތުގައި ޝަރުއީ ދާއިރާގެ ބޭފުޅުންނަށް އުއްތަމަ ފަނޑިޔާރުން ހާއްސަ ރިސެޕްޝަނެއް ބާއްވަވައި، އެ ބޭފުޅުންނާ ބައްދަލުކުރައްވައިފި އެވެ.

މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި ރިސެޕްޝަންގައި ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުންނާއި ހައިކޯޓުގެ ފަނޑިޔާރުންނާއި ކުރިމިނަލް ކޯޓާއި ސިވިލް ކޯޓު އަދިވެސް އެހެން ކޯޓުތަކުގައި ފަނޑިޔާރުން ބައިވެރިވެވަޑަތެވެ. އޭގެއިތުރުން ބަންޑާރަ ނައިބު މުހައްމަދު އަނިލް އާއި އެ އޮފީހުގެ ގިނަ ވަކީލުންނާއި ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނާއި އެހެން ވެސް މުއައްސަސާތަކުގެ ވަކީލުން ވެސް ބައިވެރިވެވަޑަތެވެ. އަދި ދައުވަތު ލިބުނު ބައެއް ދިފާއީ ވަކީލުން ވެސް މި ހާއްސަ ހަފުލާގައި ބައިވެރިވެވަޑައިގެންފައިވެ އެވެ.

މި ރިސެޕްޝަނަށް ވަޑައިގެންނެވި ހުރިހާ ބޭފުޅުންނާ ސަލާމް ކުރައްވައި، އުއްތަމަ ފަނޑިޔާރު ވަނީ އެ ބޭފުޅުންނާ ބައްދަލުކުރައްވާފަ އެވެ.

ހައިކޯޓުގެ އިސް ގާޒީ އަބްދުﷲ ދީދީ އާއި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އާދަމް އާރިފް ވެސް ބައިވެރިވެވަޑައިގެން މި ހަފުލާގައި އުއްތަމަ ފަނޑިޔާރު ވަނީ ކޯޓުތަކުގެ ނިންމުންތައް ބައިނަލްއަގްވާމީ ފެންވަރެއްގައި ޝާއިއު ކުރުމުގެ ގޮތުން ނެރުނު ފުރަތަމަ ގާނޫނީ ރިޕޯޓް ނެރެދެއްވާފަ އެވެ. އޭގެއިތުރުން ޝަރުއީ ދާއިރާގެ ސްޓްރެޖިޓިކް އެކްޝަން ޕްލޭން 2018 ވެސް މިރޭ އުއްތަމަ ފަނޑިޔާރު ވަނީ ނެރެދެއްވާފަ އެވެ. ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގެ އެކްޝަން ޕްލޭން ވެސް ނެރެއްދެއްވީ އުއްތަމަ ފަނޑިޔާރެވެ.

ސިޔާސީ ގޮތުން ސަރުކާރާ އިދިކޮޅު ބައެއް ބޭފުޅުންގެ މައްސަލަތަކުގައި އެ ބޭފުޅުންގެ ދިފާއީ ވަކީލުންގެ ގޮތުގައި ހަރަކާތްތެރިވާ ބައެއް ވަކީލުން ވެސް ބައިވެރިވެވަޑައިގަތް މި ހަފުލާގައި އެއްވެސް ބޭފުޅަކު ވާހަކަފުޅު ދައްކަވާފައި ނުވެ އެވެ.

މި ހަފުލާ ނިންމާލައްވާފައިވަނީ ހަފުލާއަށް ވަޑައިގެންނެވި ބޭފުޅުންނާއެކު އުއްތަމަ ފަނޑިޔާރު ބައިވެރިވެވަޑައިގެންނެވި ފޮޓޯ ސެޝަނަކުންނެވެ. ފޮޓޯ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ހައިކޯޓުގެ ލޮބީ އޭރިޔާގަ އެވެ.

ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި ގިނަ ވަކީލުންތަކެއް ސަސްޕެންޑް ކުރުމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި އުއްތަމަ ފަނޑިޔާރު ބޭއްވެވި މި ރިސެޕްޝަނަށް އެ ވަކީލުންނަށް ދައުވަތު ނުލިބޭ ކަމަށް އޭގެ ތެރެއިން ބައެެއް ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ޕެޓިޝަންގައި ސޮއިކުރެއްވި 54 ވަކީލުން ސަސްޕެންޑްކުރިިއިރު މިހާރު ވަނީ 13 ވަކީލެއްގެ ސަސްޕެންޝަން އުވާލާފަ އެވެ. ސަސްޕެންޝަން އުވާލި ބައެއް ވަކީލުންނަށް ދައުވަތު ލިބުނު ކަމަށް ވަނީ އެނގިފަ އެވެ. އަދި ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ޕެޓިޝަން ހުށަހެޅި 35 ވަކީލުންގެ ތެރެއިން ވެސް ބައެއް ވަކީލުންނަށް ދައުވަތު ފޮނުވި ކަމަށް މައުލޫމާތު ލިބެ އެވެ. ނަމަވެސް އޭގެ ތެެރެއިން ގިނަ ބޭފުޅުން ހަފުލާއަށް ވަޑައެއް ނުގަންނަވަ އެވެ.