ހަބަރު

ޕީޕީއެމްގައި ނުފޫޒުގަދަ މީހުން ކަންކަން ހައްލުކުރަންވާނީ ޕާޓީގެ ތެރެއިން: ރައީސް

ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނުފޫޒު ގަދަ ބޭފުޅުންނަށް ސަރުކާރުން ކުރާ ކަންކަމުގައި މައްސަލަތަކެއް އުޅޭ ކަމަށް ގަބޫލުކުރެއްވޭނަމަ، ޕާޓީ ތެރޭން އެކަން ހައްލުކުރުމަށް ރައީސް އަދި ޕީޕީއެމްގެ މުސްތަޝާރު އަބުދުﷲ ޔާމީނު ގޮވާލައްވައިފި އެވެ.

'ވައި 18 ސްޕޯޓްސް ފިއެސްޓާ' ގެ ނަމުގައި ޕީޕީއެމުން ބާއްވާ ކުޅިވަރު އީދެއް ފެށުމަށް މިރޭ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ ވެރިކަން ކުރާ ޕާޓީ އާއި ސަރުކާރާ އެކު އެއް އުސޫލުތަކެއްގެ ތެރެއިން މަސައްކަތް ކުރެވޭނީ ސަރުކާރާ މެދުޕާޓީގެ އިސްބޭފުޅުންގެ މައްސަލައެއް އޮތް ނަމަ އެކަން ޕާޓީގެ ތެރެއިން ހައްލު ކުރަން މަސައްކަތް ކޮށްގެން ކަމަށެވެ.

"ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށް ވަންްޏާ، ސަރުކާރުގެ ސިޔާސަތުތައް އޮޅުން ފިލުވައިދޭން ވަޒީރުންގެ މަޖިލީހުގެ މެމްބަރުން ވެސް ކައުންސިލާ ބައްދަލުކުރައްވައި، ކައުންސިލަށް މައުލޫމާތު އޮޅުން ފިލުވައިދެއްވާނެ. އަދި ޚުދު ރައީސުލް ޖުމްހޫރިއްޔާ ވެސް މުޅި ގައުމުގެ ޕޮލިސީތަކާ ދޭތެރޭގައި ޕާޓީގެ ކައުންސިލުގައި ސުވާލު އުފެދޭ ކަމަށް ވަންޏާ ކައުންސިލަށް ހާޒިރުވެ ޖަވާބު ދިނުމަކީ އަޅުގަނޑަށް ލިބޭ އުފަލެއްގެ ގޮތުގައި އެފުރުސަތު އަޅުގަނޑު ދެކޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެހެން ނުވާ ކޮންމެ ފަހަރަކު ޕާޓީ ތެރޭގައި ބަދަހިކަން ނެތްކަން ރައްޔިތުންނަށް ފެންނަ ކަމަށާއި އެއީ ޕާޓީއަށް ދުޅަހެޔޮ ކަމަކަށް ނުވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ސަރުކާރާ ފެޔަށް ޖެހި ވަޑައިގެންނެވި ދުވަސްވަރު އެޕާޓީގެ އެތެރޭގެ ކަންކަމާ ވާހަކަ ދެއްކެވުމަށް އެ މޭރުމުން ވާހަކަ ނުދައްކަަވައި ހުންނެވުމަށް ފަހު ރައީސް ޔާމީނު މިރޭ އެވާހަކަ ދެއްކެވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.

ނަމަވެސް އެމަނިކުފާނު މިވާހަކަފުޅު ދައްކަވާފައި މިވަނީ ޕީޕީއެމްގެ އެތެރޭން ސަރުކާރާ މެދު ކަންބޮޑުުންތަކެއް އުފެދިފައިވާ ދުވަސްވަރެއްގައެވެ. އެގޮތުން ފްލެޓް ދޫކުރި ގޮތާއި މެދު ކަންބޮޑުވުންތަކެއް ހުރެގެން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް އަށް ނިސްބަތްވާ ބައެއް މެމްބަރުން ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރައްވައި އެބޭފުޅުންގެ ކަންބޮޑުވުންތައް ހިމެނޭ ސިޓީއެއް މިނިސްޓަރަށް އަރުވައިފަ އެވެ.

މާފަންނު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މުއިއްޒާއި ބައްދަލުކޮށް ހަވާލުކުރި ސިޓީ އެބޭފުޅުން ސޯޝަލް މީޑިއާގައި އާންމު ވެސް ކުރެއްވި އެވެ. އެގޮތުން މިނިސްޓަރު މުއިއްޒުއަށް ރިފާއު ހުށަހެޅި ސިޓީގައި ވިދާޅުވެފައި ވަނީ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބުނު 661 ފަރާތުގެ ލިސްޓު އާންމު ކުރި އިރު، އެއްވެސް ފަރާތެއްގެ ނަން ހާމަކޮަށްފައި ނުވާތީ ދާއިރާގެ ރައްޔިތުންގެ ފަރާތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން ދާއިރާގައި ވަރަށް ނިކަމެތި ދަތި ދިރިއުޅެމުންދާ ފަރާތްތަކުގެ ނަންތައް ވެސް ލިސްޓުގައި ހިމަނާފައި ނުވާ ކަމަށާއި އެ ފަރާތްތައް ލިސްޓުގައި ހިމެނިފައި ނުވަނީ ކީއްވެގެންތޯ ސާފުކޮށްދޭން އެދޭ ކަމަށް ރިފާއު ވިދާޅުވެފައިވެ އެވެ.