އެމްއެމްއޭ

އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓް މިއަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓް ހުރީ 4،628 ގައެވެ.

މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 4،536 ގައެވެ.

ވީއައިއޭގެ މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމަންޓްގެ ތެރެއިން 4،141 ފްލައިޓް މޫވްމަންޓަކީ ޝެޑިއުލް އަދި ކާގޯ ފްލައިޓް ދަތުރުތަކެވެ. އަދި 487 ދަތުރަކީ ޗާޓަޑް އަދި ޕްރައިވެޓް ޖެޓް ދަތުރުތަކެވެ.

އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް އިތުރުވެފައިވާއިރު އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް 604،004 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ 2023 ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޒިޔާރަތްކުރި 523،928 ފަތުރުވެރިންނަށްވުރެ 15 ޕަސަންޓް އިތުރުވުމެކެވެ.