އެމްއެމްއޭ

އިންޓަނޭޝަނަލް ފްލައިޓް ދަތުރުތައް އިތުރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އިންޓަނޭޝަނަލް ފްލައިޓްތަކުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހާ އަޅާބަލާއިރު މި އަހަރުގެ މި މުއްދަތުގައި ވަނީ 2.4 ޕަސެންޓް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ހާމަކުރި ގޮތުގައި އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްތަކުގެ އަދަދު މި އަހަރުގެ ފުރަތަމަ ހަތަރު މަސް ނިމުނުއިރު ހުރީ 5،982 ގަ އެވެ. މި އަދަދު މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރީ 5،841 ގަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ އެޕްރީލްގެ ނިޔަލަށް އިންޓަނޭޝަނަލް ފްލައިޓް މޫވްމެންޓްގެ ތެރެއިން 5،378 ފްލައިޓް މޫވްމެންޓަކީ ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތަކެވެ. އަދި 604 މޫވްމެންޓަކީ ޗާޓަރު ފްލައިޓްތަކާއި ޕްރައިވެޓް ފްލައިޓްތަކުގެ ދަތުރުތަކެވެ.

ރާއްޖެއަށް މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް 768،361 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.