ހަބަރު

ބަޖެޓުގެ ކޮންމެ ފައިސާ ފޮއްޗެއް ބޭނުންކުރެވެނީ އެންމެ ރަނގަޅަށް: ރައީސް

ރާއްޖޭގެ އިގްތިސާދު މިހާރު ބާރު ދުވެލީގައި ކުރިއަށް ދާ ކަމަށާއި އެކަން އެގޮތަށް ދިމާވަނީ ބަޖެޓްގައި ޖަހާފައިވާ ކޮންމެ ފައިސާފޮއްޗެއް ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަ ކުރެވޭތީ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"ރައީސް ޔާމީން 2018 ސްޕޯޓްސް ފިއެސްޓާ"ގެ ނަމުގައި ޕީޕީއެމުން ކުރިއަށް ގެންދާ ހަރަކާތް ރަސްމީކޮށް އިފްތިތާހުކޮށްދިނުމަށް މިރޭ އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސޯދު މިހާރު ވަރަށް ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ކަމަށާއި އެ ދުވެލީގައި ކުރިއަށް ދަނީ ޓޫރިޒަމް ދާއިރާގެ ސަބަބުން ކަމަށެވެ.

ޓޫރިޒަމް ދާއިރާ އެންމެ ރަނގަޅަށް ކުރިއަރައިގެން ދާނީ ޒުވާނުންނާއި ސިޔާސީ މީހުންގެ އެއްބާރުލުމާއެކު އަމަނުގައި އަމާންކަމާއި ހަމަޖެހުމާއި، ސަލާމަތާއި ރައްކާތެރިކަން އިންވެސްޓަރުންނަށް ކަށަވަރުކޮށްދީގެން ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުުރުވެރިންނަށް ސުލްހަވެރިކަމާއި އަމާންކަމާއި ސެކިއުރިޓީ ކަށަވަރުކޮށްދީގެން ކަމަށެވެ.

ދައުލަތުގެ ބަޖެޓުގެ ހިސާބުތަކުން އެފައިސާއިން ކުރެވޭ ކަމެއް ނުފެނުނު ނަމަވެސް ރާއްޖޭގެ އިގްތިސޯދަށް ފާޑުކިއުމުގެ ބާރު އޮންނަ ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ތަންތަނުން ނެރޭ ރިޕޯޓުތަކުގައި ރާއްޖޭގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދު ރަނގަޅުވެ ޖީޑީޕީ މަތިވަމުންދާ ވާހަކަ އޮންނަ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެ ރިޕޯޓުތަކުން، ބަޖެޓުގެ ކޮންމެ ފައިސާ ފޮއްޗެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފެމުން އަންނަކަން އެނގޭ ކަމަށެވެ.

"ކުރީގައި ހުންނަ ކަހަލަ ކްރިޓިކަލް ކޮމެންޓުތަކެއް އެއިން މިހާރު ނުފެނޭ، އޭގެ ބަދަލުގައި މިހާރު ފެންނަނީ އެބަ އޯވަ ހީޓްވެޔޭ، އިގްތިސޯދު އަތްނުފޯރާ ހިސާބަށް އެބަދެޔޭ، ހަރަދުކުރުމަށް ބަލައިލާށޭ، ނޫނިއްޔާ މުދަލުގެ އަގު މަތިވެގެން ހިނގައިދާނެއޭ، އެކަަމަކު މުދަލުގެ އަގު މަތިވެގެން ދިއުމަކީ ނުވަތަ އިގްތިސޯދު ހީޓުވުމަކީ އޭގެ ޒާތުގައި ޕޮޒިޓިވް ކަމެއް، އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން، ކޮންމެ ބަޔަކު އައިސް ރިޕޯޓު ލިޔާއިރުވެސް ލިޔާނީ އެކަހަަލަ ވާހަކަތަކެއް، އިގްތިސާދު އެބަ ވަރަށް ބާރަށް ކުރިއަށް ދެޔޭ، ހަމައެކަނި ތި ބަރޯސާވަނީ ޓޫރިޒަމަށޭ، މި ނޫން އެހެން ކަމެއް ކުރެވޭތޯ ބަލާށޭ، އެކަމަކު ޓޫރިޒަމް ނޫން އެހެން ކަމެއް ބަލާތާ މިހާރު 30 އަހަރު ވީ، އިރާދަކުރެއްވިއްޔާ ޓޫރިޒަމަކަށް ބަރޯސާވެގެން އަޅުގަނޑުމެންނަށް އަދި ކެއްސެއްވެސް ނުލިބޭ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި 94،000 އަށްވުރެ ގިނަ ވަޒީފާ އުފެދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި 64،000 އެއްހާ ވަޒީފާ އުފެދިފައިވާކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ ގައުމުގެ އިގްތިސާދާއި ރައްޔިތުންނަށް އެންމެ ބޮޑަށް ގުޅޭނެ ތިން ބަހަކީވެސް ވަޒީފާ ފުރުސަތުތައް ކަމަށެވެ.

ރާއްޖޭގެ ޖީޑީޕީ 4،000 ޑޮލަރުން 8،500 ޑޮލަރަށް އިތުރުވުމުން ރާއްޖޭގެ އިގްތިސާދު ކުރިން އޮތް ވީރާނާ ހިސާބުން ނަގާ އާރާސްތު ކުރުމަށް ކުރި މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށް ވިދާޅުވި އެވެ.